އޯޓިސްޓިކް ކުދިންނަށް ހުރި ހުރަސް ކުޑަކޮށްދިނުމަށް ހާއްސަ އައިނެއް އުފައްދައިފިއެވެ.

ފެނުމުގައި މައްސަލަ ހުންނަ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ކޮށްގެން އުފެއްދި މި ސުޕަޕަވަރ ގްލާސް މައިގަނޑު ގޮތެއްގައި ކޮށްދޭ ކަމަކީ ހަތަރުކަޅި ހަމަކުރުމަށް އޯޓިސްޓިކް ކުދިންނަށް ހުރި ހުރަސް ކުޑަކޮށްދިނުމެވެ.

ސްޓެންފަޑް ޔުނިވަސިޓީގެ ޓީމަކުން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި މި ޓެކްނޮލޮޖީއަކީ އޯޓިސްޓިކް ކުދިންނަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް ދިރާސާ ޓީމުން ހާމަކުރެއެވެ.މި އައިނު ބޭނުންކުރެވޭނީ މިއާ އެކު ސްޓެންފަޑް ޔުނިވަސިޓީން ފަރުމާކޮށްފައިވާ އެޕްގެ އެހީގައެވެ.

އެ ޔުނިވަސިޓީގެ ޓީމުން ކުރި ދިރާސާގައި ބައިވެރިކުރީ ސާދަ އާއިލާއެކެވެ. 4 މަސްދުވަހަށް ކުރިއަށް ގެންދިޔަ މި ދިރާސާއިން އެނގުނު ގޮތުގައި ކުރިއާ ޚިލާފަށް އައިނުގެ ބޭނުންކޮށްގެން ކުދިންނާ މުއާމަލާތުކުރަން ފަސޭހަވިކަމަށް 12 އާއިލާއަކުން ބުންޏެވެ.

މި އައިނުގައި ހިމެނޭ ޚާއްސަ ސިފަތަކުގެ ތެރޭން އައިނު އަޅައިގެން އެހެން މީހުންނާ ދިމާއަށް ބަލައިލުމުން އެމީހެއްގެ މޫނުމަތިން ފެންނަ ރިއެކްޝަންތަށް އަމިއްލަޔަށް ދެނެގަނެ ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ފަސޭހަކޮށްދެއެވެ. މި އައިނުގައިވަނީ ބިއްލޫރިކޮޅުގެ އިތުރުން ކުޑަ ކެމެރާއަކާއި ސްޕީކަރެކެވެ.

މި އައިނުން ކެމެރާއިން އައިނު އަޅާ ކުއްޖާއަށް ފެންނަ މަންޒަރުތައް ރިކޯޑު ކުރާއިރު އެކުއްޖާއަށް ފެންނަ މަންޒަރުތަކާ ބެހޭ ގޮތުން ސްޕީކަރުން މައުލޫމާތު ދެމުންދާނެއެވެ.

ސްޓެންފަޑް ޔުނިވަސިޓީގެ ދިރާސާގައި ބައިވެރިވި އާއިލާތަކުން ބުނާ ގޮތުގައި ތިން މަސްދުވަހުގެ ތެރޭގައި ކުދިންގެ އުޅުމަށް އާދަޔާ ޚިލާފް ހެޔޮ ބަދަލުތަކެއް އަންނަން ފެށިއެވެ.