އަވަށްޓެރި އިންޑިޔާގައި، ސިޔާސީ ޕާޓީއަކުން ކުރިއަށް ގެންދިޔަ ވެހިކަލް ބުރެއްގެ ސަބަބުން އުފެދުނު ޓްރެފިކް ޖޭމްގެ ސަބަބުން، ތުއްތު ކުއްޖަކު މަރުވެއްޖެއެވެ. މި ކުއްޖާ މަރުވެފައިވަނީ ޓްރެފިކް ޖޭމްގައި އެމްބިއުލާންސް ތާށިވެ، އެކުއްޖާއަށް ބޭނުންވާ އޮކްސިޖަން، އެމްބިއުލާންސް އިން ހުސްވުމުންނެވެ.

އިންޑިޔާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި، މި ކުއްޖާއަކީ، އުފަންވިތާ 12 ގަޑިއިރުވެސް ނުވާ ކުއްޖެކެވެ. މި ކުއްޖާ މަރުވެފައިވަނީ، އެކުއްޖާ ވިހޭ ހޮސްޕިޓަލުން، އެކުއްޖާ އެހެން ހޮސްޕިޓަލަށް ބަދަލުކުރުމުން، އެތަނަށް ގެންދިއުމުގެ ތެރޭގައެވެ.

މީގެއިތުރުންވެސް، ނޫސްތަކުން ބުނެފައިވާ ގޮތުގައި، ސިޔާސީ ޕާޓީއަކުން ކުރިއަށް ގެންދިޔަ މި ވެހިކަލް ބުރަކީ، އެސަރަޙައްދުގެ ޗީފް މިނިސްޓަރު ނިސްބަތްވާ ޕާޓީގެ ފަރާތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. އޭނާގެ ޕާޓީން ކުރި ކަމެއްގެ ސަބަބުން ތުއްތު ފުރާނައެއް ގެއްލުމުންވެސް، އެކަމުގެ ޒިންމާ އުފުލަން އޭނާ ދެކޮޅު ހަދާފައިވެއެވެ.

މިކަމުގެ ޒިންމާ އުފުލަން ދެކޮޅު ހަދާ، އޭނާ ބުނެފައިވަނީ، މިކަން ކުރިމަތިވީ އެސަރަޙައްދުގެ ޞިއްޙީ ނިޒާމުގެ ދޯހަޅިކަމުންކަމަށާއި، މިކަމުގައި ޒިންމާ ނަގަން ޖެހޭނީ ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތަކުންކަމަށެވެ.

މި ކުއްޖާގެ ބައްޕަ، ނޫހަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ޑޮކްޓަރުން ކުއްޖާ ސަލާމަތްކުރުމަށް އެތައް މަސައްކަތްތަކެއް ކުރިކަމަށެވެ. އެހެންނަމަވެސް، އެކަން ކާމިޔާބު ކުރަން ދަތިވެފައިވަނީ، ސިޔާސީ ފަރާތްތަކުން ކުރިއަށް ގެންދިޔަ ވެހިކަލް ބުރުގެ ސަބަބުން، އެއް ގަޑިއިރާ ބައި ހާއިރަށް މަގުތައް ބަންދުވެފައި އޮތުމުންކަމަށެވެ.

މީގެ ދެ ދުވަހެއް ކުރިން މިކަން ހިނގާފައިވާއިރު، މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ހަރިޔާނާގެ ފުލުހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދދދދދދ

    ޗައިނާއިން އަވަހަށް މިއޮއް ފެންނަ ރޭޕް އިންޑިއާ ހިފާ. ސިޔާސީ ހަރަކާތުގެ ނަމުގަވެސް ކުރާ ކމަކީ ތުއްތު ކުދިން މެރުން