ބައެއް ގައުމުތަކުގައި އާއިލާގެ ޝަރަފަށްޓާކައި އެ އާއިލާގެ އަންހެން ދަރިން މަރާ ހަދައެވެ. އެއް އިރެއްގައި އެކަން އާއްމުވެސްވިއެވެ އެއީ ކުރީގެ ޒަމާންތަކުގައި އެ ގައުމުތަކުގައި އާއްމު ކަމެކެވެ. ނަމަވެސް މިހާރު އެފަދަ ކަންކަން ނުކުރުމަށް ގޮވާލާ ބައެއް ޖަމިއްޔާ ޖަމާއަތްތަކުން އަޑު އުފުލަމުންދާއިރު، ބައެއް ގައުމުތަކުގައި އެކަންތައް މުޅިން ހުއްޓިއްޖެއެވެ.

މިގޮތަށް އާއްމުކޮށް މަރާލަނީ އަންހެނުންނެވެ. ނުވަތަ އަންހެން ކުދިންނެވެ. ބައެއް ގައުމުތަކުގެ މީހުންގެ ނަޒަރުގައި އަންހެނުންނަކީ އެއްެވެސް ބައެއް ނޫނެވެ. އެ މީހުންނަށް ތައުލީމް ބޭނުން ނުވާކަމަށް ވަކާލާތު ކުރާ މީހުންވެސް މަދެއް ނޫނެވެ.

އެގޮތުން މިކަން އެންމެ ގިނައިން ކުރާ އެއް ގައުމަކީ އިރާގެވެ. އިރާގުގެ ކާދިސްތާނުގައި އަންހެނުން މެރުމަކީ އާއްމު ކަމެކެވެ. ޕަރްވާ އަލީ ބުނިގޮތުގައި، އެ ހިސާބުގަނޑުގެ އަންހެނުން މިގޮތަށް މަރާލަނީ ސަރުކާރުން އަޅާނުލާތީއެވެ.

އޭނާ ބުނެފައިވާގޮތުގައި، އެ ހިސާބުގަނޑުގައި އާއިލާގެ ޝަރަފަށްޓާކައި މީހުން މަރާ މައްސަލަ ވަރަށް ބޮޑަށް ފެންމަތިވާ ކަމަށެވެ. އަދި އަންހެނުންނަށް އަނިޔާ ކުރުން ފަދަ މައްސަލަތައް ކޯޓުތަކުގައި ނުބެލޭކަމަށް އޭނާ ބުންޏެވެ. އެހެންވެ އާއްމުކޮށް އެފަދަ މައްސަލަތައް ހައްލުކުރަނީ އެހެން ގޮތްގޮތުން ކަމަށް އޭނާ ބުންޏެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިންވެސް އީރާގުގައި ވަނީ އާއިލާގެ ޝަރަފަށްޓަކައި އަންހެން ކުއްޖަކު މަރާލުމަށް މަސައްކަތްކޮށްފައެވެ. އީރާގުގައި އަމިއްލަ އާއިލާތަކުގައިވެސް އަންހެނުންނަށް ރައްކާތެރިކަން ނުލިބޭއިރު، އެ މީހުން ސަލާމަތް ކުރަން އުޅޭ ބަޔަކުވެސް ނެތެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި، ކާދިޝް ހިސާބުގައި އަންހެނަކު ދިރިހުއްޓާ ވަޅުލީ އާއިލާގެ ޝަރަފަށްޓަކައި ކަމަށް ބުނެއެވެ. އޭނާ މަރާލުމަށް މަސައްކަތްކޮށްފައި ވަނީ އަމިއްލަ ބޭބެއިންނެވެ.

އެ ބޭބެއިން ބުނެފައިވާގޮތުގައި، އެ މީހުންގެ އަންހެން ކޮއްކޮ ވަޒީފާއަށްކަމަށް ބުނެ ބޭރަށް ގޮސް ފިރިހެނަކާއި އެކީ ކާރެއްގައި އިންދާ ފެނުނީއެވެ. އެ މީހުންނަށް އެކަންވީ ވަރަށް ހުތުރުކަމަކަށެވެ. އެހެންވެ އޭނާގެ ބޭބެއިން ބޭނުންވީ އޭނާ ދިރިހުއްޓާ ވަޅުލާށެވެ.

އޭނާ ވަޅުލީ، އެހެން ނުހެދުމަށް ބޭބެމެން ގާތުގައި އާދޭސް ކުރަމުންދަނިކޮށެވެ. އެހެން ނަމަވެސް އެ މީހުން އޭނާ ވަޅުލުމަށްފަހު ދިޔައީއެވެ. ނަސީބު ކަންދިމާކުރި ގޮތުން އެ އަންހެން މީހާ ވަނީ ސަލާމަތްވެފައެވެ. އޭނާ ހުރީ ބަނދެފައެވެ. ނަމަވެސް ފަސޭހައިން އެ ވާގަޑު މޮހާލުމަށްފަހު އޭނާ ވަޅުލާފައި އޮތް ވަޅުން ފަސް ނަގާ އޮކްސިޖަން ހޯދަން މަސައްކަތް ކުރިއެވެ.

އެންމެ ފަހުން އެ އަންހެން މީހާ އެތަނުން ސަލާމަތްކޮށްފައި ވަނީ އޭނާގެ ޅިޔަންބެއެވެ. އަދި އޭނާ ގެއަށް ގެންދިޔައެވެ. ނަމަވެސް ގެއިން ނުނިކުތުމަށް އެންގިއެވެ. އެގޮތަށް އޭނާ 18 މަސް ދުވަސްވަންދެން އުޅުނެވެ.

މިހާރު އޭނާ ވަނީ އެގެއިން ނުކުމެފައެވެ. އެހެން ނަމަވެސް މިހާރުވެސް އޭނާ އެ އުޅެނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެއީ އެ ބޭބެމެންނަށް އޭނާ ފެނިދާނެތީއެވެ،

ކިޔުންތެރިންގެ ހިޔާލު