ބްލެކް ބޯޑެއްގައި އެކި ކުލަ ކުލައިގެ ޗޯކުން ކޮމްޕިއުޓަރުގެ އެކި ޕްރޮގުރާމުތަކުގެ ވިންޑޯތައް ކުރަހައިގެން، ދަރިވަރުންނަށް ކޮމްޕިއުޓަރު ކިޔަވައިން ޓީޗަރެއްގެ ފޮޓޯތަކެއް ވަނީ ވަރަށް ފަހުން އާއްމު ވެފައެވެ.

މި ގޮތަށް ބުރަ މަސައްކަތްތަކެއް ކޮށްގެން ކޮމްޕިއުޓަރު ކިޔަވައިދީފައިވަނީ ގާނާގެ ފަޤީރު އަވަށެއްގެ ސްކޫލެއްގައި ރިޗަޑް އައްޕިއާ އަކޯޓޯ ނަމަކަށް ކިޔާ ޓީޗަރެކެވެ. އޭނާއަށް ކޮމްޕިއުޓަރުގެ ކަންކަމަކީ ފަސޭހަ ކަންކަންކަމުގައި ވިޔަސް، 2011 ވަނަ އަހަރުން ފެށިގެން އެސްކޫލުގައި އެންމެ ކޮމްޕިއުޓަރެއް ނެތެވެ.

ރިޗަޑް އާ ހަވާލާދީ ނޫސްތަކުން ބުނެފައިވަނީ، ބްލެކް ބޯޑުގައި ކުރަހައިދީގެންވިޔަސް ކޮމްޕިއުޓަރު ކިޔަވައިދޭން މަޖުބޫރުވީ، އެޤައުމުގެ ޤައުމީ އިމްތިޙާނުގައި އައިސީޓީ ޕޭޕަރެއް ހަދަން ޖެހޭތީއެވެ. އަދި، އެޕޭޕަރުން އޭނާގެ ދަރިވަރުން ފެއިލްވާން ބޭނުންނުވާތީއެވެ.

މިގޮތަށް ކިޔަވައިދޭން ހުރި މަންޒަރު ފެންނަ ފޮޓޯތައް އާއްމުވެ، އެތައް ބަޔަކު އެފޮޓޯތައް ޝެއަރ ކުރަމުންދަނިކޮށް، އެފްރިކާގެ ސެލެބްރިޓީއަކު ވަނީ ޓްވިޓަރ މެދުވެރިކޮށް ރިޗަޑް އަށް ކޮމްޕިއުޓަރެއް ހޯދައިދިނުމަށް މައިކްރޮސޮފްޓުގައި އެދިފައެވެ.

މިކަމަށް އިޖާބަދީ މައިކްރޮސޮފްޓް އެފްރިކާ އިން ބުނެފައިވަނީ އެކުންފުނީގެ ޕާޓްނަރުން މެދުވެރިކޮށް އޭނާއަށް ކޮމްޕިއުޓަރެއް ހޯދައިދޭނެކަމަށާއި އަދި އޭނާއަށް ބޭނުންވާ އެހެން ވަސީލަތްތައްވެސް އެކުންފުނިން ހޯދައިދޭނެ ކަމަށެވެ.

އަޅުގަނޑުމެންގެ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކަހަލައިން ކޮމްޕިއުޓަރ ލެބްތައް ހުރިކަމުގައިވިޔަސް، އެފަދަ ޤައުމުތަކުގައި އަދިވެސް މި ވަސީލަތްތަކެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަޖްވާ

    އަސްލު އަހަރުމެން ޝުކުރުވެރިވާން ޖެހޭ!

  2. މައިކްރޮ ސޮފްޓް

    ޝުކުރުކޮށްބަލަ ދިވެހިންނަށް ކޮމްޕިއުޓަރުން ތޮއްޖެހިފައި ވީތީވެސް !

  3. ޝުކުރު

    އަލްޙަމްދުﷲ