ދުނިޔޭގައި ބުޑިސްޓުންގެ އާބާދީ އެންމެ ބޮޑު އެއް ޤައުމުކަމުގައިވާ ތައިލެންޑުގައި، ބުޑިސްޓު ފާދިރީއެއްގެ އަތްދަށުވެ، ކުޑަ ކުއްޖަކު މަރުވި މައްސަލައެއް ފެންމަތިވެއްޖެއެވެ. މިދިޔަ ހަފްތާގެ ތެރޭގައި މިކަން ހިނގާފައިވާއިރު، މި ޙާދިސާގައި މަރުވެފައިވަނީ އުމުރުން އެންމެ ނުވަ އަހަރުގެ ކުއްޖެކެވެ.

ބޭރުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި މި ކުއްޖާ ބުޑިސްޓުންގެ ފައްޅިއަށް ގޮސް އުޅެފައިވަނީ، އެތަނުގައި އޮތް އަޅުކަމެއްގައި ބައިވެރިވުމަށެވެ. މި އަޅުކަމުގެ ބައެއްގެ ގޮތުން ހަނުހިމޭންކަމާއެކު އިންނަން ޖެހުނުކަމުގައިވިޔަސް، މި ކުއްޖާ އެވަގުތު ކުރި ކަންތައްތަކެއްގެ ސަބަބުން، ދުވަސްވެފައި ހުރި މި ފާދިރީ، އެކުއްޖާއަށް އަނިޔާކުރީކަމަށް ނޫސްތަކުން ބުނެފައިވެއެވެ.

ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި މި ފާދިރީ އަކީ އުމުރުން 64 އަހަރުގެ ސުޕަޗާއީ ސުތިޔާނޯ ނަމަކަށް ކިޔާ މީހެކެވެ.

މިކަން ހިނގާ ދިޔަ ގޮތް ބަޔާންކުރަމުން ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި، ފާދިރީ ކަލޭގެ އެންމެ ފުރަތަމަ ކުޑަކުއްޖާގެ ގައިގައި ތަޅަން ފެށީއެވެ. އެތަނުގައި ހުރި އޮނު ދަނޑިތަކެއް ބޭނުންކޮށްގެން އެކުއްޖާގެ ބުރަކަށީގައި ވަރަށް ބާރަށް ތަޅަމުންގޮސްފައިވާކަމަށް ނޫސްތަކުން ބުނެއެވެ. އެއަށްފަހު، އެކުއްޖާގެ ބޯ ގެންގޮސް ޖެއްސީ އެތަނުގައި ހުރި ތަނބެއްގައިކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ.

މި ނުލަފާ ފާދިރީގެ ޢަމަލުތަކުގެ ސަބަބުން މި ކުއްޖާވަނީ ކޯމާ އަކަށް ގޮސްފައެވެ. ކޯމާގައި އޮތުމަށްފަހު، ހަމަ އެދުވަހު އެކުއްޖާވަނީ މަރުވެފައެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކުގެ ކައިރީގައި ހުންނަ ފައްޅިއެއްގައި މިކަން ހިނގާފައިވާއިރު، މި ނުލަފާ ފާދިރީވަނީ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން އިތުރަށް ބުނެފައިވާ ގޮތުގައި، ކުއްޖާގެ ޕޯސްޓް މޯޓަމްވެސް ހަދާފައިވެއެވެ.

ބައެއް މީޑިޔާތަކާ ވާހަކަ ދައްކަމުން، ނުވަ އަހަރުގެ ކުއްޖާގެ މަންމަ ބުނެފައިވަނީ، ދުވަހަކުވެސް މި ފާދިރީއަށް މަޢާފު ނުކުރާނެކަމުގައެވެ.