ނިދީން އަހަންނަށް ހޭލެވުނީ ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީއެވެ. ރޭގައި ނިދުމުގެ ކުރިން ކަންތައްތައްވީ ގޮތުން ވީ ކަމެއްކަމަށް ނިންމާ އަވަހަށް އޮފީހަށް ދިޔުމަށް އަވަސްވެގަތީމެވެ. ހޯމަ ދުވަސްކަމުގައި ވިޔަސް، ބޮޑު އީދުގެ ބޮޑު ބަންދަކަށްފަހު އޮފީސްތައް ހުޅުވޭތީ ކުރަން ޖެހޭ މަސައްކަތްތައް ހުރީ ފުނި ޖެހިފައިވިއްޔާއެވެ. އިއްޔެވެސް އޮފީހުގައި އުޅެން ޖެހުނީ ނުލާހިކު ބުރަކޮށެވެ. އިތުރުގަޑިއާއި ލައިގެންވެސް މަސައްކަތް ކުރީ ނިންމަން ޖެހޭ މަސައްކަތް ފުނިޖެހިފައިވާތީ ބޮލުގައި ރިއްސާނެ ކަން އެނގޭތީއެވެ. އެކަމަކު މަސައްކަތުގައި ހުއްޓާ އިރު އޮއްސުމުން އަހަރެން ކުރަމުން ދިޔަ މަސައްކަތްތަށް ހުއްޓާލައި، ފުރާނަ ފަދައިން ލޯބިވާ އަހަރެންގެ ލޯބިވެރިޔާ އީޝާއަށް ގުޅާލީ، އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ބޭނުންވާތީއެވެ.

އީދު ޗުއްޓީގައި އަހަރެންވެސް އަމިއްލަ އުފަން ރަށަށް ގޮސް، އާއިލާއާއިއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމަށްފަހު މާލެ އާއީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރެވެ. އޭރު އީޝާ އޮންނާނީ ނިދާފައި ކަމަށްވުމާއެކު ދެމީހުން ދިމާވާ ގޮތެއް އެރޭ ނުވިއެވެ.

އޮފީހުން ނިކުންނަމުން އީޝާއަށް އަހަރެން ގުޅާލިއިރު ފޯނު ނުނަގާތީ އަށެއް ޖަހާއިރަށް ރަސްފަނުން ދިމާވުމަށް މެސެޖްއެއް ކޮށްފައި އަހަރެންވެސް އަވަސްވީ ގެއާ ދިމާއަށް ދިޔުމަށެވެ. ހަފްތާއަކަށްވުރެ ގިނަ ދުވަސްކޮށްފައި އީޝާއަށް އަހަރެން ފެންނަ އިރު، ތާޒާ ވެލާ ރީތިކޮށް ހުރުމަށެވެ.

ނަސީބަކުން ފެންވަރާ ނިމުނުއިރަށް އީޝާ ވެސް ރަސްފަނަށް އެ ގަޑީގައި ދާނެ ކަމަށް ބުނެ ކޮށްފައިވާ މެސެޖްއެއް ލިބުނެވެ. އަތްމަތި އަވަސްކޮށްލައިގެން އަށެއް ޖަހަންވާއިރަށް ރަސްފަނަށް ދާން ހިނގައިގަތީމެވެ. ރަސްފަންނާއި ގެއާ މާ ދުރު ނޫންކަމުން ދެތިން މިނެޓް ތެރޭގައި އަހަރެންނަށް ރަސްފަނަށް ދެވުނެވެ. އޭރު އަދި އީޝާ ނާންނާތީ އެތާ ހުރި ޖޯޔެއްގައި އަހަރެން އޮށޯވެލީ ވެފައިހުރި ވަރުބައްޔެއްގެ ބޮޑު ކަމުންނެވެ. ނަމަވެސް ނިދިދާނެތީ ފޫހި ފިލުވާލުމަށް ފޭސްބުކްގެ ނިޔުސްފީޑް ބަލާލީ އެއްވެސް ހާލެއްގައި މިރޭގެ "މޫޑު" ޚަރާބު ވެދާނެ ކަމަށް ވިސްނާފައެއް ނޫނެވެ.

އީޝާގެ ގާތް ރަހުމަތްތެރިއަކު މާފުށީގެ އީދުގެ ހަރަކާތްތަށް ލައިވްކޮށް، ކޮށްފައިވާ ވީޑިއޯއެއް ބަލާލުމަށް އެ ވީޑިއޯ ހުޅުވާލީ މިފަހަރު އީދަށް އަހަރެންގެ ބައިވަރު ރައްޓެހިންތަކެއްވެސް މާފުއްޓަށް ގޮސްފައިވާތީ، އެމީހުން ނަގާފައިވާ ފޯރި ބަލާލުމުގެ ބޭނުމުގައެވެ.

މިހާރު މާ މަޝްހޫރުވެގެން އުޅޭ "ދިލްބަރު ދިލްބަރު" ލަވައަށް ފޯރީގައި ނަށަމުންދިޔަ ފިރިހެނުން ތަކަކެއްގެ މަޖާ ހަރަކާތްތަކަކަށް ބަލަން އަހަރެންނަށް އޮވެވުނީ މަޖާވެފައެވެ. ނަމަވެސް އެ ފިރިހެން ގްރޫޕްގެ ލަވަ ނިމި ހަމަ އެ ލަވައަށް އަންހެން ގްރޫޕަކުން ނަށަން އެރުމުންވެސް އަހަރެން އެ ވިޑިއޯ ބަލަމުން ދިޔައީމެވެ. އަންހެން ކުދިން އެފަދަ ގޮތަކަށް ނެށުމަކީ އަހަރެން އެހާ ގަޔާވާ ކަމަކަށް ނުވިނަމަވެސް "ދިލްބަރު ދިލްބަރު" ގެ ފޯރި ހިފައިފައި ހުރުމުން އިތުރަށް އެ ވީޑިއޯ ބަލަން ފެށުނެވެ.

ހިނިތުންވުމެއް މޫނު މައްޗަށް ވެރިވެ، މަޖާވެފައި އޮތް އަހަރެންގެ އަތްފައި ކުއްލިއަކަށް ގަނޑުވި ކަހަލަ އިހްސާސްއެއް ކުރެވިގެން ދިޔައީ ހަމަ ކުއްލިއަކަށެވެ. އެއީ އޭރު ނަށަމުންދިޔަ އަންހެން ކުދިންތަކުގެ ތެރެއިން ކެމެރާ ޒޫމް ވެގެން ދިޔަ އަންހެން ކުއްޖާ އަހަރެންގެ ލޮލުގައި އަޅައިގަތް ހިސާބުންނެވެ.

އާނއެކެވެ! އެއީ ދެވަނަ އެހެން މީހެއް ނޫނެވެ. އަހަރެން ފުރާނަ ފަދައިން ލޯބިވާ އަހަރެންގެ އީޝާއެވެ. އެ ލޫޅާފަތި ހަށިގަނޑެވެ. އެ ރީތި ބައްޓަމެވެ. ޖަންބު ކުލަ އަރާ ދޮން މޫނެއްގެ ވެރި އަހަރެންގެ ހިތުގެ މަލިކާއެވެ.

ގަބޫލު ކުރަން ދަތިވެގެން ކުޑައިރުކޮޅަކަށް ވީޑިއޯ ހުއްޓާލި ނަމަވެސް، އިތުރަށް ބަލަން ފެށުނީ ކުރިއަށް ފެނިގެންދާ ކަންކަން ބަލާލުމަށް ހިތް އެދެން ފެށުމުންނެވެ. އެއާއެކު ފެނިގެންދިޔައީ "ދިލްބަރު ދިލްބަރު" ލަވައިގައި އުޅޭ އަންހެން ކުއްޖާ ފަދައިން އީޝާވެސް ހަށިގަނޑަށް ބަނޑިބަނޑި ލައްވާލި މަންޒަރެވެ. އޯޑިއެންސްގެ ހަޅޭކުގެ އަޑުވެސް އީޝާގެ ކޮންމެ ހަރަކާތަކާއިއެކު ގަދަވެގެންދާ އަޑު އިވުމުން، ހަމަގައިމުވެސް އެއިން ކޮންމެ ހަރަކާތެއް އެވަގުތު ޝޯ ބަލަން ތިބި ފިރިހެނުންނަށް ސިފަވާނީ "ފައްކާ މަންޖެއެއް"ގެ ގޮތުގައިކަން ގައިމެވެ. އަހަރެންގެ ހިތުގައި ރިއްސާލީ އެހެންވެގެންނެވެ.

އަހަރެންނާއި ޚިލާފަށް އީޝާއަކީ މިހާރު ރާއްޖޭގައި މި އޮންނަ ފަދަ "އީދު ކުޅިވަޅަށް" ނިކަން ފޯރި ހުންނަ މީހެކެވެ. އަހަރެންވެސް އީދުގެ ކަންކަމުގައި ބައިވެރި ނުވަމެކޭ ނޫނެވެ. އެކަމަކު ދެ ޖިންސުގެ މީހުން މަސްހުނިވެގެން މިއުޒިކް ޝޯވް ބޭއްވުމާއި ދެ ޖިންސުގެ މީހުން ގައިގޯޅިވެގެން ފެންކުލަ ކުޅުމަކީ އަހަރެން ތާއީދު ކުރާ ކަންކަމެއް ނޫނެވެ. އެއީ އަހަރެމެންގެ މާތްވެގެންވާ އިސްލާމް ދީނުގައި ޢީދު ފާހަގަކުރުމަށް އޮންނަ ގޮތާއި އެ އުސޫލާއި ފުށުއަރާތީއެވެ. ޢީދު އަންނަނީ މުސްލިމުންނަށް ކަމުގައިވާއިރު މުސްލިމުންގެ ސިފަތައް ޢީދުގައި ދައްކައިނުދޭ ބަޔަކު އެ ފާހަނގަކުރަނީ އަދި މުޅިން އެހެން އެއްޗެއް ނޫންހެއްޔެވެ.

ކުރިންވެސް އީޝާ ނެށުމުގެ ހަރަކާތެއްގައި ބައިވެރިވާން އުޅުމުން އަހަރެން އެކަމާ ހިތްހަމަނުޖެހޭ ވާޙަކަ ވާނީ ބުނެފައެވެ. އެ ފަހަރު އަހަރެން އެހެން ބުނުމުން އެފަދަ ކަންކަމާއި ދުރުގައި އޭނާ ހުރީ، އޭނާއަށް ފެންނަ ހިސާބުގައި އަހަރެން ހުރުމުން ކަމުގައި ވެދާނެއެވެ. އެއާ ޚިލާފަށް މިފަހަރު އޭނާ އީދު ޝޯގައި ބައިވެރި އެ ވީ އަހަރެން މާލޭގައި ނެތީމާ ކަމަށް އަހަރެންނަށް ވިސްނުނެވެ. އެ ވީ ވަގުތުކޮޅުގެ ތެރޭގައި އޭނާ އެ މިނިވަންކަން ބޭނުންކޮށްލިގޮތް އެހެރީއެވެ.

މި ވިސްނުމުގެ ތެރެއިން އަހަރެންނަށް ރުޅި އާދެވުނީ އީޝާ ދޮގު ހެދުމުންނެވެ. ރުޅި އެކޭ އެއްވަރަށް ހިތުގައިވެސް ޖެހުނެވެ. އީދު ދުވަހުވެސް އަހަރެން އެހުމުން އީޝާ ބުނީ މިފަހަރު އީދުގައި އޭނާ ހުންނާނީ މާލޭގައި ކަމަށެވެ. ގައިމު ފަހުންވެސް ދަތުރުވަރެއްގައި މާފުއްޓަށް ދަންޏާ އަހަރެން ގާތު ބުނެލިއްޔާ ވާނީ ކީއްހެއްޔެވެ؟ ވީ ދެރައާއި އައިސްހުރި ރުޅިން އަހަރެން އީޝާއަށް ވަގުތުން ގުޅީމެވެ. އޭރު ފޯނުގެ ރިންގް ޓޯނަކަށްވެސް ލައިފައި ވަނީ "ދިިލްބަރު ދިލްބަރު" ލަވައެވެ. އިތުރަށް އަހަރެންގެ ރުޅިގަނޑު ކެކިގަތެވެ.

އީޝާ ފޯނު ނެގުމާއެކު އިތުރު ވާހަކައެއް ދެއްކުމުގެ ފުރުސަތެއްވެސް ނުދީ އޭނާ އަހަރެން ގާތު ނުބުނެ ދޮގު ހަދާފައި މާފުއްޓަށް ދިޔައީ ކީއްވެތޯ އަހަރެން ސުވާލު ކުރީމެވެ. ވަގުތުން އޭނާގެ އަނގަ ބަންދުވެއްޖެއެވެ. އެއާއެކު ހުރިހާ ކަމެއް އަހަންނަށް ފަޅާއެރީކަން އޭނާއަށް އެނގުނުކަހަލައެވެ. އީޝާ ވާހަކަ ނުދައްކާ ހުރުމުން އަހަރެން ފޯނު ކަނޑާލާފައި ގެއަށް ދިޔުމަށް ހިނގައިގަތީމެވެ. ގޮތްހުސްވެފައިވާ ނިކަމެއްޗެއް ފަދައިން ފަހަރަކު ފިޔަވަޅެއް އަޅަމުން ދިޔައީ ހިތުގައި އުފެދެމުން ދިޔަ ޝަކުވާތައް ބައްޑުން ކޮށްލަން ބޭނުންވޭ، ނަމަވެސް އެކަމަށްވެސް ނުކުޅެދިފައިވާ މީހެއް ފަދައިންނެވެ.އިރުކޮޅެއް ނުވެ އީޝާގެ މެސެޖެއް ލިބުނެވެ. ހިތްވަރު އެލިފައިވީ ނަމަވެސް ކެތްމަދުވެފައިވާ މީހެއް ފަދައިން މެސެޖް ކިޔަން ފެށީމެވެ.

"އައި އެމް ރިއަލީ ސޮރީ! ގަސްތުގައި ފައޫ އަށް ދެރައެއް ދޭކަށް ކުރި ކަމެއް ނޫން އެއީ. ކޮންމެވެސް އިރަކުން ފައޫ އަށް އެނގޭނެ ކަންވެސް އެނގޭ ވަގަށް ދިޔަޔަސް. އަސްލު ފައޫ ކައިރި ދޮގު ހަދާފައި މާފުއްޓަށް ދިޔަ ވާހަކަ ނުބުނީ ފައޫ އަހަރެން ނެށިޔަކަ ނުދޭނެކަން އެނގޭތީ. މިފަހަރު އީޝްމެންގެ ސްކޮޑްއިން ލަވައަށް ނަށަން ހަމަޖެހިފައި އޮތީ މާފުށީ އީދު ޝޯގައި. އެހެންވެ އެންމެން ޕްރެކްޓިސް ކުރާތަން ފެނިފަ އީޝްވެސް ނަށަން ބޭނުންވީ. ވަރަށް ބޮޑަށް ސޮރީ! ފައޫ އަށްވެސް އެނގެޔެއްނު އެ ލަވައެއީ އެންމެންގެ މެދުގައިވެސް ކިހާ މަގުބޫލު ލަވައެއްކަން. އަނެއްކާ އެހާ ރީތިކޮށް ސްޓެޕްސްތަކާއެކު ނަށާ ލެވޭ ލަވައެއް. އެހެންވެ އީޝްއަށްވެސް ނެށުނީ. އީޝްއަށް އެނގޭ އީޝްއަށް މާފު ހައްޤު ނޫންކަންވެސް. ފައޫ ވަފާތެރިވިޔަސް، އަބަދުވެސް އީޝްއަކަށްނު ވަފާތެރި ނުވެވެނީވެސް. ހިތުގެ އެންމެ ފުން މިނުން މާފަށް އެދެން." އެއީ ކަންތައް ވީގޮތް ކިޔައިދިނުމަށް އީޝާ ކޮށްފައިވާ މެސެޖެވެ.

މެސެޖް ކިޔާ ނިމުނުއިރު އަހަރެންގެ ހިތް ފަޅައިގެން ދަނީއެވެ. އެހާ ތެދުވެރިކަމާއިއެކު އަހަރެން އުޅެމުން ދިޔަނަމަވެސް އީޝާ ކަންތައް ކުރި ގޮތުން ދެރަ ނުވިއްޔާ ހިތެއް އޮތް މީހެކޭ ބުނެވޭނެ ހެއްޔެވެ؟ ގެއަށް ދިޔަ ގޮތަށް އަހަރެންނަށް ނިދުނީ ވެފައި ހުރި ވަރުބައްޔާއި އާދެވިފައި ހުރި ރުޅީގެ އިތުރުން ހިތަށް ބަޔާންކުރަން ދަތި ހިތްދަތިކަމެއްވެސް ލިބިފައި ވުމުންނެވެ.

މިއަދު ހެނދުނު ހޭލިއިރު އަހަރެންގެ ބޮލުގައި ރިއްސީވެސް އެހެންވެއެވެ. އަނެއްކާ އޮފީހަށް ދާއިރަށް ކުރަން ޖެހޭ މަސައްކަތްތަށް ފުނި ޖެހިފައި ހުންނާނެކަން އެނގެއެވެ. ދެންވީ އެކަމާ "ބޯ ގާނާ"ށެވެ. އަނެއްކާ ހުރިހާ ކަމެއް މި ލައިގަތީ އެއްފަހަރާ ވިއްޔާއެވެ. އީޝާއަށް ހަދާނެ ގޮތަކާއި މެދުވެސް ވިސްނަން މިއޮތީ މަޖުބޫރު ވެފަ ވިއްޔާއެވެ. އޮފީހަށް ދިޔަ މަގުމަތީ އަހަރެން ވަރަށް ގިނަ ކަންކަމާއި ވިސްނީމެވެ. މި ފަހަކުން ނިކުމެގެން މިއުޅޭ "ދިލްބަރު ދިލްބަރު" އަކާ ހެދި އަންހެން ކުދިން މޮޔަވެފައި ހުންނަ ވަރާއި އޭގެ ސަބަބުން އަހަރެންގެ ހަޔާތަށް މި ކުރި އަސަރާއި މެދުގައިވެސް ވިސްނުނެވެ.

ގިނަ ވިސްނުން ތަކަކަށްފަހު އަހަރެން މިހާރު ނިންމައިގެން މި ހުރީ އީޝާއަށް ދެވަނަ ފުރުސަތެއް ދޭށެވެ. އަހަރެން އޭނާއަށް މައާފުވެސް ކޮށްފީމެވެ. އެއީ އޭނާގެ އުޅުން އިސްލާހު ކޮށްފިނަމަ، އަހަރެމެންނަށް އުފަލުގައި އަދި އަލުން އާފެށުމަކުން އުޅެވޭނެކަން އަހަންނަށް ޤަބޫލުކުރެވޭތީއެވެ. އެހެންވެ، އޮފީސް ނިމުމުން ދެމީހުން ދިމާވެ މިކަމާއި މެދު ވާހަކަ ދައްކާނެ ކަމަށް އަހަރެންވެސް މެސެޖެއްކޮށް އީޝާގެ ގާތު ބުނީމެވެ. ކޮންމެ ގޮތެއްވިޔަސް، ރޭގައި އަހަރެން ދެރަ ކޮށްލި ގޮތަށް އަހަރެންގެ ހިތަށް ފިނިކަމެއް ގެނެސްދޭން ހުރީވެސް އޭނާކަމަށް ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އީޝް

    ދެން އަމައްޔާތް!

  2. ބަދޫރާ

    ބަދޫގެ ހިތް ބުނަނީ މި އަންހެން ކުއްޖާ އިސްލާހެއް ނުވާނެކަމަށް. ބަދޫގެ ހިތެއް ދޮގެއް ނުބުނާނެ

  3. އީޝް

    އީޝް ދެން ދުވަހަކުވެސް ފައޫ އަކަށް ދޮގެއް ނުހަދާނަން އައި ޕްރޮމިސް ދެން ދުވަހަކު ވެސް ދޮގެއް ނުހަދާނަން

  4. ނަންނެތް

    ދެން އަޅެފަހެ

  5. ަަައޭނާ

    ކައިވެނީގެ މާތް ގުޅުމުން ގުޅިގެން އުޅޭނަމަ އަނބިމީހާ ގޮވައިގެން ރަށައްވެސް ދެވުނީހެންނު އެކަނި ދޫކޮށްނުލާ... ދެންވެސް ވިސްނާލާ ބިޓުންނަކަށް ނުޖެހޭނެ ބުނާހާ ގޮތެއް ހަދާކަށް...

    • Anonymous

      ހުރިހާ ކަމެއްގަ ދިލްބަރު މަތި! ބޮއެ ހަލާކު?

    • ސަމާލް

      ހުރިހާ ކަމެއްގަ ދިލްބަރު މަތި! ބޮއެ ހަލާކު?

  6. އ.ޖ.އ

    މީގެ އޮއްޓަރަށް ލިބޭނީ 0.

  7. ސަމްވަން

    އޯސާކީސާކީ ??