އެއީ އަހަރެންގެ އެންމެ ޒުވާން ދުވަސްވަރެވެ. އަހަރެން ދިރިއުޅެމުން އައީ ރާއްޖެތެރޭގެ ރަށެއްގައެވެ. އަހަރެމެންގެ ރަށަކީ އާބާދީ ކުޑަ ރަށެކެވެ. އެހެންކަމުން އަހަރެމެން ރަށުގައި ފިރިހެނުން ހިތްކިޔާ ކަހަލަ އަންހެން ކުއްޖަކު މަދުން ނޫނީ ނޫޅެއެވެ. އަހަރެމެން ރަށުގައި ރީތިކަމަށް ކިޔާ މަދު ކުދިންގެ ތެރެއިން އެކަކީ އަލީޝާއެވެ. އަލީޝާއަކީ އަހަންނާއި ދާދި އެއް ފުރާވަރެއްގެ ކުއްޖެއެވެ. އަދި އޭނާ ދިރިއުޅެނީ އަހަރެމެން ގެއާއި އިންވެގެން އިންނަ ގޭގައި ކަމުން އަހަންނަށް ވަރަށް ގިނައިން އޭނާ ފެނެއެވެ.

އަލީޝާއަކީ ހިތް ހެޔޮ މަޑުމައިތިރި މިޒާޖެއްގެ ކުއްޖެކެވެ. އަލީޝާގެ ރީތިކަމާއި އެއްވަރަށް އޭނާގެ އަހުލާގު ރަގަނޅުކަމުން ރަށުގެ ޒުވާން ފުރައިގެ ގިނަ ފިރިހެން ކުދިން އޭނާ ފަހަތުން އަޅައިގަނެގެން އުޅެއެވެ. އެހެނަސް އޭގެއިން އެކަކުވެސް އަލީޝާއަށް ކަމުދާގޮތެއް ނުވެއެވެ. ފަހަރުގައި އަލީޝާ އަދި ކުއްޖަކާ ރައްޓެހިވާ ހިޔާލެއް ނުގެންގުޅުންވެސް އޭގެ ސަބަބެއް ކަމުގައި އެކަށީގެންވެއެވެ.

ކޮންމެއަކަސް މިހެން އުޅުމުގެ ތެރޭގައި އަހަންނަށް އަލީޝާދެކެ ވަރަށް ބޮޑަށް ގަޔާވެވިއްޖެއެވެ. އަލީޝާއަށް އަހަރެންގެ ހިތް އެދި ގޮވަން ފަށައިފިއެވެ. އަދި އަހަރެންގެ ހިތުގައި އަލީޝާއަށްޓަކައި އުތުރި އަރަމުންދާ ޖަޒުބާތުތަށް އަލީޝާއާއި ހަމައަށް ގެންދިޔުމަށް އަހަރެން ނިންމީމެވެ. ޖެހިލުންވިޔަސް ނުބުނެ އޮއްވާ އަލީޝާ އެހެން މީހަކަށް ހިތް ކިޔާފާނެތީއެވެ. އެހެންކަމުން އަހަރެން އަލީޝާކައިރީގައި އެވާހަކަށް ބުނީމެވެ. އަދި އެކުގައި އުޅެން ބޭނުން ވާ ވާހަކަ ބުނީމެވެ. ނަމަވެސް އަލީޝާ އަހަރެންގެ ހުށައެޅުމަށް ދިނީ ބީރު ކަންފަތެކެވެ.

އަލީޝާ އަހަރެންގެ ހުށައެޅުމުގައި ކޮޅުފައިން ޖެހުންވީ އަހަރެންގެ ހަޔާތުގައި ދިމާވި އެންމެ ހިތްތަތި ކަންތަކުގެ ތެރެއިން އެއްކަމަށެވެ. ވުމާއި އެކު ކޮންމެ ކަމެއް ކޮށްގެންވެސް އަލީޝާ އަހަރެންގެ ހަޔާތަށް ގެންނަން ބޭނުންވިއެވެ. ވަރަށް ގިނައިރު ވިސްނުމަށް ފަހު އަހަރެން ނިންމީ ސިހުރު ހަދައިގެން އަހަރެންގެ ހަޔާތަށް އަލީޝާ ގެނައުމަށެވެ. އެއީ މީގެ ކުރިންވެސް އެފަދައިން މިރަށުގެ ބައެއް މީހުން ކަންތަށް ކޮށްފައި ވުމުންނެވެ. އަދި މިރަށަކީ ފަންޑިތަވެރިކަމަށް މޮޅު މީހުން އުޅޭ ރަށެއްކަމުން އެފަދަ ކަންކަމުގައި މިރަށް އުޅެނީ ވަރަށް ކުރީގައި ކަން އަހަންނަށް އެނގެއެވެ.

އެހެންކަމުން ފަންޑިތަވެރިކަމަށް މިރަށުގައި އެންމެ ނަން ހިނގާ އާދަމްބެ ކައިރިއަށް އަހަރެން ދިޔައީމެވެ. އަދި ކަންތައް ވެދިޔަ ގޮތް އަލިފުން ޔާއަށް އަހަރެން ކިޔާދިނީމެވެ. އަހަރެންގެ ވާހަކަތަށް އަޑު އަހަން އިދެފައި އެކޮއި އެއްގޮތަކަށްވެސް ހާސްވާނެ ކަމެއް ނެތޭ ބުނަމުން އާދަމްބެ އޭނާގެ ފަންޑިތަ ހަދަން ގެންގުޅޭ ފޮތްތަށް ހާވަން ފެށިއެވެ. އަދި ތަތްކުރުވާ ބައި އޮތް ފޮތް ނަގާ އޭގެން ބައެއް ގަނޑެއްގައި ލިޔެފައި އަނެއްބައި ފެންތަށްޓަކަށް ކިޔަވައި އަހަންނަށް އެ ފެން ބޯންދިނެވެ. އަދި ގަނޑުގައި ލިޔުނު ލިޔުންކޮޅު ކޮންމެވެސް ގޮތަކުން އަލީޝާ ނިދާ ބާލީސް ދަށަށް ލުމަށް އާދަމްބެ ބުންޏެވެ. އަދި އަލީޝާއާއި ހަތަރު ކަޅި ހަމަވާ ކޮންމެ ފަހަރަކު އެ ގަނޑުގައިވާ އެއްޗެހި ކިޔުމަށްވެސް އާދަމްބެ އެދުނެވެ. އަދި އެފަދައިން ކަންތަށް ކުރާތާ ސީދާ 5 ވަނަ ދުވަހު އަލީޝާ ހުންނާނީ އަހަރެންގެ ކޮޅުގައިކަމަށް އާދަމްބެ ނުންޏެވެ. އާދަމްބެގެ އެބަސްތަކުން އަހަރެން ވަރަށް އުފާވިއެވެ. އަދި އާދަމްބެ ބުނި ފަދައިން ކަންތަށް ކުރުމަށް އަހަރެން އަވަސްވެގަތީމެވެ.

އަހަންނަށް އެންމެ އުނދަގޫ ކަމަށްވީ އާދަމްބެ ދިން ގަނޑުކޮޅު އަލީޝާ ނިދާ ބާލީހުގެ ދަށަށް ލުމަށެވެ. ކިތަންމެ އުނދަގޫވިޔަސް އަލީޝާގެ ރަށްޓެއްސެއް ލައްވާ އަހަރެން އެކަންވެސް ކުރުވީމެވެ. އަދި އާދަމްބެ ބުނި ފަދައިން އަލީޝާއާއި ހަތަރު ކަޅި ހަމަވާ ކޮންމެ ފަހަރަކު ގަނޑުކޮޅުގައިވާ ލިޔުން ކޮޅު އަހަރެން ކިޔަމެވެ.

މިއީ އަހަރެން އަލީޝާ ހޯދުމަށް އާދަމްބެ ލައްވާ ފަންޑިތަ ހެދިތާ ފަސްވަނަ ދުވަހެވެ. އަހަރެން ތައްޔާރުވަމުން ދިޔައީ އަލީޝާއާއި ބައްދަލު ކުރުމަށެވެ. އަތުގައި އޮތް އެންމެ ރީތި ގަމީސް ލައިގެން އަހަރެން އަލީޝާއާއި ބައްދަލުކުރުމަށްޓަކައި އެގެކައިރިއަށް ދިޔައީމެވެ. އަދި އަހަރެންގެ ރައްޓެއްސެއް ލައްވާ އަލީޝާއަށް ގޮވައި އަހަރެން ހުރި ތަނަށް ގެނައީމެވެ.

ނަލަ ހިނިތުންވުމަކާއި އެކު ރަކި ގޮތަކަށް އަލީޝާ އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓުނެވެ. އަހަންނަށް ހީވާ ކަހަލައެވެ. އާދަމްބެގެ ފަންޑިތައިގައި އަލީޝާ ރަގަނޅަށް ހައްޔަރު ވެއްޖެއެވެ. އެހެންކަމުން ލަސްނުކޮށް އަހަރެން ސީދާ މައުލޫއަށް ދިޔައީމެވެ.

"އަލީޝާ. އަހަންނަށް އެނގޭ އަހަރެން ދެކެ އަލީޝާ އެއްވެސް ވަރަކަށް ގަޔާނުވާކަން. އެކަމަކު އަހަރެން ވަރަށް ބޭނުން އަލީޝާއާއި އެކުގައި އުޅެން" އަހަރެން ބުނީމެވެ.

" ނޫން. ކާކު އެހެން ބުނީ. އަހަރެންވެސް ބޭނުން ޒިޔާ އާއި އެކު އުޅެން." އަލީޝާ އެހެން ބުނުމަށް ފަހު މަޑުމަޑުން އަހަންނާއި ކައިރިވިއެވެ. މަސްތުން ފުރިގެންވާ ބެލުމަކުން އަހަންނަށް ބަލަމުން އަލީޝާ އައިސް އަހަރެންގެ ލަފުގައި ހިފިއެވެ. އަދި އެހެންތަނަކަށް ދިޔުމަށް އެދުނެވެ. އަލީޝާގެ އެ އެދުމަށް އަހަރެން ވަގުތުން އިޖާބަ ދިނީމެވެ.

އެދުވަހަށް ފަހު އަހަންނާއި އަލީޝާގެ ގުޅުން ދިޔައީ ބަދަހިވަމުންނެވެ. އެކަހެރި ބައްދަލުވުންތަށް ދިޔައި އިތުރުވަމުންނެވެ.

އަހަރެމެން ގުޅިގެން އުޅޭތާ މަހެއް ފަހުން އަހަރެމެން ކައިވެނީގެ ގޮތުން ގުޅުނީމެވެ. އަހަންނަށް އަލީޝާ މިލްކުވީގެން އަހަންނަށް ހީވިއެވެ.

ނަމަވެސް އެއީ ކުށްހީއެވެ. ކައިވެންޏަށް ފަހު އަލީޝާ އަހަރެންގެ ފަރާތުން ބޭނުންވާ ހުރިހާވެސް ކަމަކީ އެދުން ފުއްދުމެވެ. އިތުރު އެއްވެސް އުފަލެއް އަލީޝާގެ ކިބައިން އަހަންނަކަށް ނުލިބެއެވެ. އަލީޝާއާއި އެކު ދުވަސްތަށް ފާއިތުވަމުން ދިޔަ ވަރަކަށް އެކި ކަހަލަ މައްސަލަ ޖެހެން ފެށިއެވެ. އެންމެ ފަހުން އަހަންނަށް ކަށަވަރުވީ ދެން އަލީޝާއާއި އެކު ނޫޅެވޭނެ ކަމެކެވެ.

އެއީ އަހަރެން އުންމީދު ކުރި ފަދައިން ކަންތަށް ނުވީމައެވެ. ހަޤީގަތަށް ބުނާނަމަ އަހަންނަށް އަލީޝާގެ ފަރާތުން އެއްވެސް ހިތްހަމަ ޖެހުމެއް ނުލިބެއެވެ. އެހެންކަމުން އަލީޝާގެ އުޅުން ރަގަނޅު ނުވާނެ ކަމަށް ބަލައި އަހަރެން އޭނާ ވަރިކުރީމެވެ.

އަހަންނަށް އަލީޝާ ވަރިކުރި ދުވަހު ވިސްނުނެވެ. ހަޤީގީ ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއް ނޫނެވެ. އެއީ ޝިހުރު ހަދައިގެން ވިޔަސް މެއެވެ.

ނޯޓް: މިވާހަކައިގައި ބޭނުންކޮށްފައިވާ ނަންނަމަކީ އަސްލު ނަންނަމެއް ނޫނެވެ. މިވާހައަކީ ދިވެއްސަކަށް ކުރިމަތިވި ކަމެއްގެ މަށްޗަށް ލިޔެވިފައިވާ ވާހަކައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަޖާ؟

    މި ރާއްޖޭގައި ވަރަށް ގިނަ ސިހުރު ހަދައިގެން ކައިވެނިކޮށްގެން އުޅޭ މީހުން. ކުށެއްނެތް އެތަކެއް ބަޔެއްގެ ހަޔާތް ފުނޑު އެކޮއްލަނީ. އެފަދަ ފިނޑި އަމަލުކުރާ މީހުންނަށް ހެޔޮ ވިސްނުން ދެއްވައި އެފަދަ ހާލެއް މެދުވެރިވެފައިވާ މީހުންނަށް އަލިމަގެށް ދައްކަވައިފާންދޭވެ...

    • ފާތުން

      އާމީން