ހަކުރު ބައްޔަކީ ލޭގައި ހަކުރު އެކުލެވޭ މިންވަރު މަތިވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ އިންސާނާގެ ހަށިގަނޑައް އެތައް ބަދަލެއް ގެނެސް ދާއިމީ ފަރުވާ ބޭނުންވާ ބައްޔެއްވެސްމެއެވެ. މި ބަލީގެ ސަބަބުން ވަރަށް ގިނަ ސިއްހީ ހާލަތުތައް މެދުވެރިކުރުވާއިރު، އޭގެތެރޭގައި ލޯ ފުސްވެ ފެނުންދަށްވުމާއި އެކު ލޯ ހަލާކުވުމަކީ ވަރަށް ޢާންމު ކަމެކެވެ. ނަމަވެސް ކޮންޓްރޯލް ކުރެވިއްޖެނަމަ މި ބަލީގެ ނުރައްކާ ދަށްކުރެވެއެވެ.

ޢާންމު ގޮތެެއްގައި ހަލުރު ބަލީގައި ލޮލަށް ގެއްލުންވެ ނުވަތަ ލޯ ހަލާކުވާ ހިސާބަށް ދަނީ ބަލީގައި ގިނަ ދުވަސްވެދާ ފަހުންނެވެ. ދާއިމީ ފަރުވާއެއް ނެތަސް މި ބަލި ކޮންޓްރޯލް ކުރެވޭއިރު، ބައްޔާއި މެދު ސަމާލުނުވެ ފަރުވާކުޑަކުރުމުން މި ހާލަތާއި އެނޫންވެސް ސިއްހީ ނުރައްކާތަކާއި ކުރިމަތިވާލެއް އަވަސްވެއެވެ.

ހަކުރު ބައްޔާއި ގުޅިގެން ލޮލުގެ މައްސަލަ ކުރިމަތިވެ ލޯ ހަލާކުވާން ދިމާވަނީ، ލޮލުގެ ފަހަތުގައިވާ އެންމެ އަސާސީ އެއްބައި ކަމުގައިވާ ނާރުގެ ފަށަލަ، "ރެޓިނާ" އަށް ގެއްލުން ލިބުމުންނެވެ. ރެޓިނާއަކީ ލޮލުން އެއްޗެއް ފެންނައިރު އެއެއްޗެއްގެ ސޫރަ އިންސާނާގެ ސިކުނޑިއާއި ހަމައަށް ގެންގޮސްދީ އެ މަންޒަރު ހަޤީޤަތުގައި އިންސާނާއަށް ސިފަކޮށްދީ ފެނުމަށް މެދުވެރިއަކަށްވާ ބައެވެ. މި ބައިގައި ސީރިއަސް މައްސަލައެއް ޖެހި އޭގެ ޒިންމާ އަދާ ނުކުރެވިއްޖެނަމަ، ލޮލަށް ފެންނަ މަންޒަރުތައް ސިކުނޑިއާއި ހަމައަށް ފޯރުކޮށްދިނުމަށް ހުރަސްއެޅި ލޯ ހުއްޓަސް ކަނު މީހަކަށް ވެއެވެ.

ހަކުރު ބައްޔާއި ގުޅިގެން ލޮލަށް ކުރިމަތިވާ މައްސަލަތަކުގެ ތެރޭގައި ލޮލުގެ ފެނުން ދަށްވުން، އަދި ލޯއަދިރިވުން ފަދަ ކަންތައްތައް ހިމެނެއެވެ. ރެޓިނާ އަށް އެއްވެސް މައްސަލައެއް ކުރިމަތިވުމަކީ ލޮލުގެ ފެނުމަށް އެކަމުން ބުރޫ އަރާނެ ކަމެކެވެ. ހަކުރު ބަލީގެ ސަބަބުން ރެޓިނާއަށް އެކި ގޮތްގޮތުން ގެއްލުން ލިބޭއިރު، ހަކުރުގެ މިންވަރު ކޮންޓްރޯލް ނުކުރެވި އިތުރުވާނަމަ ރެޓިނާއަށް ލިބޭ ގެއްލުންވެސް އިތުރުވެއެވެ.

ހަކުރު ބަލީގައި ގިނަ ދުވަސްވާވަރަކަށްވެސް ލޮލަށް ދިމާވާ މިފަދަ އުދަގޫތައް ގޯސްވެދެއެވެ. އެގޮތުން ލޭގައިވާ ހަކުރުގެ ސަބަބުން ލޮލުގެ ނާރުތައް ހިމަވެ ގެއްލުންވެއެވެ. އޭގެ ސަބަބުން ލޭހޮޅިތަކުން ލެޔާއި، ދިޔަ ރެޓިނާގެ ތެރެއަށް ފޭދޭގޮތްވެ ރެޓިނާގެ މަސައްކަތްތައް ހުއްޓެން މެދުވެރިވެއެވެ. ހަކުރު ބައްޔާއި ގުޅިގެން ރެޓިނާ އަށް ކުރިމަތިވާ އެންމެ އާންމު މައްސަލަ އަކީ މިއީއެވެ. އެ ބަލީގައި ލޯ ހަލާކުވާ މައިގަނޑު ސަބަބަކީ މިއީއެވެ.