އަލަނާސިތަކެއްގެ ތެރޭގައި ފޮރުވައިގެން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ވިއްކަން އުޅުނު ބަޔަކު ސްޕެއިންގެ މާރުކޭޓަކުން އަތުލައިގެންފިއެވެ. ރިޕޯޓްތައް ބުނާގޮތުގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 67 ކިލޯ ހުއްޓެވެ.

އޮފިޝަލުންނަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާއި ގުޅިގެން މި މަސްތުވާތަކެތި އަތުލައިގަތީ އެޤައުމުގެ މެޑްރިޑްގައި ހުންނަ ތަރުކާރީ މާރުކޭޓެއްގެ ތެރެއިންނެވެ. އަދި އެތަން ބަލައި ފާސްކުރިއިރު، އަލަނާސިތަކުގެ ތެރޭގައި ރައްކާކޮށްގެން ވިއްކަމުން ދިޔައީ މަސްތުވާ ނުރައްކާތެރި ބާވަތެއް ކަމަށްވާ "ކޮކެއިން" ކަމަށް އޮފިޝަލުން ބުނެއެވެ.

މަސްތުވާތަކެތި ފޮރުވާފައި ހުރި ކޮންމެ އަލަނާސިއެއްގެ ތެރޭގައި 800 ގްރާމާއި އެއްކިލޯ އާއި ދެމެދުގެ ބަރުމިން ހުންނަ މަސްތުވާތަކެތި ބަންދުކޮށްފައި ހުރިއިރު، އެތަކެތި ފޮރުވާފައި ހުރީ އަލަނާސީގެ އެތެރޭގައި ހުންނަ ބައި ނެގުމަށްފަހު މެދުން ފަޅުކޮށް މަސްތުވާތަކެތި އޭގެތެރެއަށްލައި ވެކްސްއިން ދެފަޅި ތަތްކުރުމަށްފަހު އެވެ. މިތަކެތި ފެންނަ ފޮޓޯތައް ސްޕެއިންގެ ފުލުހުން ވަނީ ޢާންމުކޮށްފައެވެ.

އަލަނާސިތަކެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން ފުޅާ ދާއިރާއެއްގެ މަސްތުވާތަކެތި ވިއްކަމުން ދިޔަ މައްސަލައާއި ގުޅިގެން މަސްތުވާތަކެތީގެ ބޮޑު ނެޓުވޯކެއް ހޯދައި ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ސްޕެއިންގެ ފުލުހުން ބުނެފައި ވެއެވެ.

ތަކުކާރީއާއި މޭވާގެ ބާވަތްތަކުގެ ތެރޭގައި ފޮރުވައިގެން ސްޕެއިން އިން މަސްތުވާތަކެތި އެކި ޤައުމުތަކަށް ފޮނުވާ މައްސަލަތައް މީގެ ކުރިންވެސް ފެންމަތިވެފައި ވެއެވެ. އެގޮތުން އެފަދަ ގޮތަކަށް ބަންދުކޮށްގެން ސްޕެއިން އިން ޕޯޗުގަލްއަށް އެތެރެކުރަން އުޅުނު ގިނަ ޢަދަދެއްގެ މަސްތުވާތަކެތިވެސް ދާދިފަހުން އަތުލައިގެންފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދާލު

    މީ މި ރައީސް ބުނާ ތަރައްޤީ އަކީ<<<