ޑައިރެކްޓަރު ރީމާގެ ދާދި ފަހުން ނިކުތް ފިލްމު "ގޯލްޑް" އަށް، ފިލްމު ރިލީޒް ކުރިތާ 13 ދުވަސް ތެރޭގައި ބޮކްސް އޮފީހުގައި 100 ކުރޯޑް ރުޕީސް ލިބިއްޖެއެވެ.

ލީޑް ރޯލުން އެކްޓަރު އަކްޝޭ ކުމާރު ފެނިގެންދާ މި ފިލްމަކީ، އަކްޝޭގެ ފިލްމުތަކުގެ ތެރެެއިން 100 ކުރޯޑް ރުޕީސް ހަމަވި ނުވަވަނަ ފިލްމެވެ.

މި މަހުގެ 15 ވަނަ ދުވަހު ރިލީޒް ކުރެވުނު "ގޯލްޑް" އަކީ 1948 ވަނަ އަހަރު އޮތް އޮލިންޕިކްސްގައި އިންޑިއާގެ ހޮކީ ޓީމަކުން ބައިވެރިވެ ރަން މެޑަލް ހާސިލްކުރުމަށް ކޮށްފައިވާ ބުރަ މަސައްކަތާއި އެ ދިގު ދަތުރު ދައްކުވައިދީ ހަގީގީ ފިލްމެކެވެ. ފިލްމުގެ ލީޑް ރޯލުން އަކްޝޭއާއިއެކު އެކްޓްރެސް މޯނީ ރޯއީ އެވެ.

 

"ގޯލްޑް" ރިލީޒް ކުރި ދެވަނަ ހަފްތާގެ ހުކުރު ދުވަހު ފިލްމަށް 1.85 ކުރޯޑް ރުޕީސް ލިބިފައިވާއިރު، ހޮނިހިރު ދުވަހު 3.10 ކުރޯޑް ރުޕީސް އަދި އާދިއްތަ ދުވަހު 4.75 ކުރޯޑް ރުޕީސް ވަނީ ލިބިގެން ގޮސްފައެވެ. އަދި ހޯމަ ދުވަހު 1.45 ކުރޯޑް ރުޕީސް ލިބުނު އިރު، ފިލްމަށް ލިބެމުންދާ ކާމިޔާބީގެ ސަބަބުން ފިލްމުގެ ޓީމުން ދަނީ އެކަމުގެ އުފާ ފާޅުކުރަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މުޅި ޖުމްލަ 105 ނުވަތަ 110 ކުރޯޑް ރުޕީސް މި ފިލްމަށް ލިބިގެންދާނެ ކަމަށް ލަފާ ކުރެވެއެވެ.

މީގެކުރިންވެސް އަކްޝޭގެ ބައެއް ފިލްމުތަކަށް ބޮކްސް އޮފީހުގައި ވަނީ ބޮޑެތި ކާމިޔާބީތައް ލިބިފައެވެ. އެގޮތުން "ހައުސް ފުލް"، "ޓޮއިލެޓް" އަދި "ރައުޑީރާތޯ" ފަދަ ފިލްމުތައް ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު