ކުރީގައިވެސް އަދި މި ޒަމާނުގައިވެސް، ބާޒާރުގައި އެންމެ އަގުބޮޑުކޮށް ވިއްކާލެވޭ އެކައްޗަކީ ކުރެހުމާއި، އެފަދަ ފަންނުވެރި މަސައްކަތްތަކެވެ. ދުނިޔޭގެ މަޝްހޫރު މީހުންގެ ކުރެހުންތަކާއި، މަޝްހޫރު ކުރެހުންތެރިންގެ ކުރެހުންތަކަކީ، ބޮޑު އަގުގައި ވިއްކާލެވޭ އެއްޗެއްސެވެ. މިއީ، އެކި މީހުންނަށް ވާދަ ޖެހުމަށާއި، ތަންތަން ފަޅުފިލުވާ، މުއްސަނދިކަމާއި ހައިބަތު ދައްކުވައިދޭން ކޮށް އުޅޭ ކަމެކެވެ.

އެހެންނަމަވެސް، އިންސާނުން ފިޔަވައި، އެހެން ޖަނަވާރަކު ކުރަހާފައިވާ ކުރެހުމެއް، އަގުބޮޑުކޮށް ވިއްކާލެވިދާނެކަމަށް ހީކުރިން ހެއްޔެވެ؟ އެހެންނޫންނަމަ، ޖަނަވާރަކަށް ވަރުގަދަ ކުރެހުމެއް ކުރަހާލެވިދާނެކަމަށް ހީކުރިން ހެއްޔެވެ؟

ކޮންމެ ގޮތަކަށް ހީކުރިކަމުގައިވިޔަސް ވަރިހަމައެވެ. ޕެންޑާ އަކު ކުރަހާފައިވާ ކުރެހުމަކަށްވަނީ ބޮޑު އަގެއް ލިބިފައެވެ. މިއީ، މަޝްހޫރު މީހުން ކުރަހާ ކުރެހުންތަކަށް ލިބޭ އަގަށްވުރެ، ޖުމުލަ ގޮތެއްގައި ކުޑަ އަގެއްކަމުގައިވިޔަސް، އާދައިގެ ކުރެހުންތެރިންނަށް ބަލާކަމުގައިވާނަމަ މިއީ ބޮޑު އަގެކެވެ. އެއީ، ދިވެހި ރުފިޔާ އިން ބަލާކަމުގައިވާނަމަ 8769 ރުފިޔާ އެވެ.

ވިއެނާގެ ޝޯންބްރަން ޒޫގައި ދިރިއުޅޭ މި ޕެންޑާ ކުރަހާފައިވާ ކުރެހުމަށް މި ވަރުގެ ބޮޑު އަގެއް ލިބިފައިވާއިރު، ޕެންޑާ ކުރަހާފައިވާ ކުރެހުން ލިސްޓުކޮށްފައިވަނީ އެބްސްޓްރެކް ކުރެހުމެއްގެ ގޮތުގައެވެ.

ޕެންޑާ ކުރަހަނީ

އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، މި ޕެންޑާ ކުރަހާފައިވަނީ ހުދުކުލައިގެ ގަނޑެއްގައި ނުވަތަ ކެންވަސް އެއްގައެވެ. ހުދު ކުލައިގެ ބެކްރައުންޑުގައި ޕެންޑާ ކުރެހުމަށް ބޭނުންކޮށްފައިވަނީ ކަޅު ކުލައެވެ. މި ދެ ކުލައަކީ ޕެންޑާގެ ގައިގައިވެސް ހުންނަ ކުލަތަކެވެ.

ބޮޑު ފިއްސެއް ބޭނުންކޮށްގެން، ޕެންޑާގެ އެއް މޮއްގަނޑުން ކުރަހާފައިވާއިރު، މިއީ މިނިމަލިސްޓިކް ސްޕްލޮޗް އާޓް އެއްކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. މި ބާވަތުގެ ކުރެހުންތަކަކީ، އާއްމު މީހުންނަށް މާ ބޮޑު މާނައެއް ދޭހަ ނުކުރެވުނުކަމުގައިވިޔަސް، އޭގައި ފުން މާނަތަކެއް އެކުލެވިފައިވާ މަޝްހޫރު ބާވަތެއްގެ ކުރެހުންތަކެކެވެ.

18 އަހަރުގެ މި ޕެންޑާގެ ނަމަކީ ޔަންގ ޔަންގ ކަމަށް މައުލޫމާތު ލިބެއެވެ.