ގައުމުތަކުގެ ވެރިން ނުވަތަ ސަރުކާރުތަކުގެ ނުފޫޒުގަދަ ފަރާތްތައް އެމީހުންގެ ބޮޑީ ޑަބަލްސް ނުވަތަ ބަލާ ބެލުމަށް ސިފަ އެއްގޮތް މީހުން ގެންގުޅޭ ވާހަކަ އަކީ އާވަހަކައެއް ނޫނެވެ. އެމެރިކާގެ ފަސްޓް ލޭޑީ މެލާނިއާ ޓްރަމްޕް އާއި ވައްތަރު އެހެން މީހަކު އުޅޭ ކަމަށް މީގެ ކުރިން ވެސް މީޑިއާ ގައި ރިޕޯޓް ކޮށްފައިވެއެވެ.

މިފަހަރު އަނެއްކާވެސް މިވަނީ މެލާނިއާ އާއި ވައްތަރު މީހާ ފެނިފައެވެ. މިދިޔަ ހަފްތާގައި އެމެރިކާގެ އޮހާއޯ އަށް ޓްރަމްޕް އާއި އެކު ފުރުމަށް ވައިޓް ހައުސް އިން ނިކުތީ މެލާނިއާގެ ބޮޑީ ޑަބަލް ނުވަތަ އޭނާ އާއި ވައްތަރު މީހާ ކަމަށް ޓްވިޓާގައި ބައެއް މީހުން ބުނެފައި ވެއެވެ.

ފޮޓޯ އާއި ވީޑިއޯ ދިރާސާ ކުރުމަށް ފަހު މީހުން ބުނެފައި ވަނީ ހިނގާ ގޮތުންނާއި މީހުންނާއި ދިމާލަށް ބަލާ ގޮތުންނާއި އަދި ހަރަކާތްތައް ހުރި ގޮތުން ވެސް ޓްރަމްޕް ކައިރީގައި ހުރީ މެލާނިއާ ނޫން ކަން ކަށަވަރުވާ ކަމަށެވެ. އަދި ބައެއް މީހުން ބުނާ ގޮތުގައި ޓްރަމްޕް ކައިރީގައި ހުރި "މެލާނިއާ" ގެ ބޮލުގެ އިސްތަށިގަނޑު ވެސް އަސްލު މެލާނިއާގެ ބޮލުގެ އިސްތަށިގަނޑާއި ތަފާތެވެ.

https://twitter.com/BobSachemano/status/1034132830811512833

ކޮންސްޕިރަސީ ތިއަރީތަކުގެ ތަޖުރިބާކާރެއް ކަމަށްވާ މޭރީ ރޯލިން "ޔާހޫ ނިއުސް" އަށް ބުނީ މެލާނިއާގެ ބޮޑީ ޑަބަލެއް ހުރުން އެއީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"ކޮންމެ ކަމަކީ ވެސް ޕޮސިބަލް ކަމެއް. މިފަދަ ވާހަކަތައް ބައެއް މީހުން ގަބޫލު ނުކުރެވުނު ނަމަވެސް މިހާރު ބޮޑީ ޑަބަލެއް އުފެއްދުން އެއީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއް." އޭނާ ބުންޏެވެ.

މެލާނިއާ އާއި ވައްތަރު އެހެން މީހަކު އުޅޭ ކަމަށް ބުނާ ވާހަކަ އާއި ގުޅިގެން ވައިޓް ހައުސް އިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.