ކެނެޑާގެ އުމުރުން އެންމެ ދެއަހަރުގެ އަންހެން ކުއްޖެއް ކަމަށްވާ ޖެކްލިން ޑާކްސް އަކީ ވަރަށް އުފާވެރި ދިރިއުޅެއް އުޅެމުން އައި ކުއްޖެކެވެ. ހީސާމަސާކޮށް މުޅި އާއިލާ އަށް އޭނާ ވަނީ އުފާވެރިކަން ގެނެސްދީފައެވެ. ނަމަވެސް ކުޅެން އުޅެނިކޮށް ދިމާވި ހިތާމަވެރި ހާދިސާއަކަށް ފަހު މިހާރު ޖެކްލިން އޮތީ އެނދުމަތިވެފައެވެ.

ބިއްލޫރި ތައްޓެއް ތަޅައިގެން ގޮސް އެއިން ބިއްލޫރިގަނޑެއް މައިކައްޓާއި ދިމާވާ ގޮތައް ބުރަކައްޓަށް ވަނުމުން ވާގިނެތި ޖެކްލިން އަށް ދަނީ ފަރުވާ ދެމުންނެވެ. އޭނާ އަށް ފަރުވާ ދިނުމަށް ބޭނުންވާ ފައިސާ ހޯދަން "ގޯފަންޑްމީ" ގައި ވަނީ ފަންޑެއް ވެސް ހުޅުވާފައެވެ.

ޖެކްލިންގެ ބުރަކައްޓަށް ބިއްލޫރިގަނޑު ހެރުމާއި އެކު ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ބިއްލޫރިގަނޑު ނެގި ނަމަވެސް އަދިވެސް އޭނާގެ ހާލަތު ރަނގަޅެއް ނުވެއެވެ.

"ބިއްލޫރިގަނޑު ނެގުނު ނަމަވެސް ދަރިފުޅު ވަނީ ޕެރަލައިޒް ވެފައި. އޭނާގެ ކަނާތާއި ކަނާތު ފައި މަސައްކަތެއް ނުކުރޭ." ޖެކްލިންގެ މަންމަ ރޫޗަކް މީޑިއާ އަށް ބުންޏެވެ.

މިހާދިސާ ހިނގީ ޖުލައި 22 ވަނަ ދުވަހު އެވެ. ޖެކްލިން އަށް ފަރުވާ ދެމުން ގެންދަނީ އަލްބާޓް ޗިލްޑްރެން ހޮސްޕިޓަލްގައެވެ.

އޮޕަރޭޝަނަށް ފަހު މިހާރު ފިޒިއެތެރަޕީ ފަރުވާތައް ދެމުން އަންނައިރު ޖެކްލިންގެ ހާލަތު ރަނގަޅު ކުރެވިދާނެ ކަމުގެ އުއްމީދު ޑޮކްޓަރުންނަށް އެބައޮތެވެ. ނަމަވެސް އެކަމަށް ގިނަ ވަގުތުތަކެއް ނަގާނެ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

ޖެކްލިންގެ އާއިލާ އިން ތިބީ ޑޮކްޓަރުންނަށް ފުރިހަމައަށް އިތުބާރު ކޮށްގެންނެވެ. އާއިލާ އަށް މިހާރު ގެއްލިފައިވާ އުފާވެރިކަން ޑޮކްޓަރުންގެ އެހީތެރިކަމާއި އެކު އަނބުރާ ހޯދޭނެ ކަމަށް އެމީހުން އުއްމީދު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޝާހިދު

    ﷲ ގެ އިރާދަފުލުން ޝިފާ ދެއްވާށި އާމީން

    • މި

      އާމީން

  2. ސަޒުނާ

    ﷲގެ އިރާދަފުޅާއި މިންވަރުފުޅުން އެކުޑަކުޑަ ފުރާނައަށް ކުރިއެކޭއެއްގޮތަށް އުޅުމުގެ ތައުފީގު ދެއްވާށިއެވެ.އާމީން.

  3. ޢަހުރެން

    ޥަގުތުން އެބޭފުޅަގެ އެކައުންޓު ނަމްބާރ ހިއްސާ ކޮއްލަ ދެއްވަ