އެކްޓްރެސް ސްރީދޭވީގެ އަންހެން ދަރި އަދި ދާދިފަހުން ފިލްމު "ދަޑަކް" އިން ބޮލީވުޑަށް ތައާރަފުވެގެން ދިޔަ އެކްޓްރެސް ޖަންވީ ކަޕޫރްގެ ކޮއްކޮ ކުޝީ ކަޕޫރުވެސް ވަރަށް އަވަހަށް ބޮލީވުޑް ފިލްމަކުން ފެނިގެންދާނެ ކަމަށް ޚަބަރުތައް ބުނެފިއެވެ.

ކުޝީއާއެކު އެކްޓަރު ޝާހުކުރުކް ޚާންގެ ދަރިފުޅު އަރްޔަން ޚާންވެސް ބޮލީވުޑަށް ތައާރަފު ވެގެންދާނެއެވެ.

ރިޕޯޓްތަކުގައިވާ ގޮތުގައި ކުޝީއާއި އަރްޔަން އެކުގައި ފިލްމަކުން ފުރުސަތު ދިނުމަށް ޑައިރެކްޓަރު ކަރަން ޖޯހަރު މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

"ކުޝީގެ ބައްޕަގެ ފަރާތުން ސިގްނަލް ލިބިގެން އަސްލު ކުޝީ ބޮލީވުޑަށް ނެރެން ކަރަން މަސައްކަތް ކުރަނީ. ކުޝީ ބޮލީވުޑަށް ތައާރަފު ކުރުމަށް ތައްޔާރު ވަމުންދާތާ ދުވަސްކޮޅެއް ވެއްޖެ. އެކަމަކު އޭރު އަދި އެއްކޮށް ފައިނަލް ނުވާތީ އެވާހަކަ ސިއްރެއްގެ ގޮތުގައި އޮތީ. މިހާރު ކަރަން ދަނީ ރީތި ސްކްރިޕްޓެއް ފައިނަލް ކުރުމުގެ މަސައްކަތްވެސް ކުރަމުން" މީޑިއާތަކަށް މައުލޫމާތު ދިން ފަރާތަކުން ބުނެފައިވެއެވެ.

ކުޝީގެ ދައްތަ ޖަންވީ ވެސް މިހާރު ދަނީ ބޮލީވުޑް "ފަތަހަ" ކުރަމުންނެވެ. އޭނާ ބޮލީވުޑަށް ތައާރަފުވެގެން ދިޔައީ އެކްޓަރު ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ކައްޓަރާއިއެކުގައެވެ.

ޖަންވީއާއި އިޝާންގެ "ދަޑަކް" އަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު، އެ ދެ ފަންނާނުންގެ ދެމެދުގައިވެސް ޚާއްސަ ގުޅުމެއް އުފެދި ރަހުމަތްތެރިކަން ވަނީ އުފެދިފައެވެ. އެފަދައިން ކުޝީއާއި އަރްޔަންވެސް ރަހުމަތްތެރިންނަށް ވާނެ ކަމަށް ލަފާ ކުރާ ކަމަށްވެސް ބޮލީވުޑްގެ ބައެއް ފޭނުން ދަނީ ބުނަމުންނެވެ.

ކަރަން މަޝްހޫރް ވެފައިވަނީ ކާމިޔާބު ފިލްމްތަކެއް އުފެއްދުމުގެ އިތުރުން އައު ތަރިން މި ދާއިރާއަށް ނެރެދޭ ޑައިރެކްޓަރެއްގެ ގޮތުގައެވެ. އެގޮތުން ޖަންވީ، އިޝާން، އާލިއާ ބަޓް އާއި ވަރުން ދަވަން ފަދަ އެތަކެއް ތަރިންތަކެއް ކަރަން ވަނީ އޭނާގެ ފިލްމުތަކުން ފުރުސަތު ދިނުމަށްފަހު މި ދާއިރާއަށް ނެރެދީފައެވެ.

ކިޔުންތެރިންގެ ހިޔާލު