މީސް މީޑިޔާގެ ސިނާއަތުގައި ދުނިޔޭގެ އެންމެ ވަރުގަދަ ކުންފުނިކަމުގައިވާ ފޭސްބުކުގެ ވެރިއެއްކަމަށް ދައުވާކުރަމުންދާ މީހަކު، އިކުއެޑޯ އިން ހައްޔަރުކޮށްފިއެވެ. މި މީހާ އެޤައުމުން ހައްޔަރުކޮށްފައިވަނީ އާއިލާއާއެކު ފިލައިގެން އުޅެމުން ދަނިކޮށެވެ.

އެމެރިކާގެ ނިއު ޔޯކުގެ ރައްޔިތެއްކަމުގައިވާ ޕޯލް ކެގްލިޔާ ބުނަމުންދާ ގޮތުގައި، އޭނާއަކީ ފޭސްބުކުގެ ޖުމުލަ ހިއްސާގެ ދެބައިކުޅަ އެއްބައި ހިއްސާ އޮންނަ، އެކުންފުނީގެ ވަރުގަދަ ހިއްސާދާރެއްކަމުގައެވެ. އޭނާ ބުނަމުންދާ ގޮތުގައި، ފޭސްބުކުގެ މަސައްކަތް ފެށުމަށް، އޭނާވަނީ މާކް ޒަކަބާގް އަށް ގިނަ އަދަދެއްގެ ފައިސާތަކެއް ދީފައެވެ. އެހެންނަމަވެސް، މިކަންކަން ކޯޓުގައި ސާބިތުވެފައި ނުވެއެވެ.

ނޫސް އެޖެންސީތަކުން ބުނެފައިވާ ގޮތުގައި، ހަޤީޤަތުގައި މިއީ ހިއްސާދާރެއްވެސް ނޫނެވެ. އަދި، އޭނާ ޒަކަބާގް އަށް ފައިސާތަކެއްވެސް ދީފައި ނުވެއެވެ. މިކަންކަން ސާބިތުކުރުމަށް އޭނާ ގެންގުޅެފައިވަނީ ފޯޖު ކޮށްފައިވާ ވަގު ލިޔުންތަކެއްކަންވެސް ވަނީ ފަޅާ އަރާފައެވެ.

މިއީ ހަޤީޤަތުގައި ޕެލެޓު ލަކުޑި ވިއްކުމުގެ މަސައްކަތް ކުރާ މީހެއްކަމަށްވާއިރު، މީނާއަކީ އެހެން ކުށްތަކެއްގެ ރިކޯޑުވެސް އޮންނަ މީހެކެވެ. އެގޮތުން، މަނާ ބާވަތްތައް ގެންގުޅުމުގެ މައްސަލައެއްގައިވެސް، ކެގްލިޔާ ޖަލަށް ލައިފައިވެއެވެ. އަދި، އެމެރިކާ ދޫކޮށް، ފިލައިގެން ގޮސްފައިވަނީ މިފަދަ މައްސަލައެއްގައި ބަންދުކޮށްފައި ހުއްޓާ، ކަފާލާތުގެ ދަށުން މިނިވަންވި ދަނޑިވަޅެއްގައެވެ.

މިކަންްތައްތައް ކުރުމުގައިވެސް، ކެގްލިޔާ އޮޅުވާލުންތަކެއް އޮޅުވާލާފައިވާކަން ވަނީ ފަޅާ އަރާފައެވެ. އެގޮތުން، ޓެކްނޮލޮޖީގެ ވަސީލަތެއް ބޭނުންކޮށްގެން، އޭނާ ގޭގައި އުޅޭކަން ދައްކަން މަސައްކަތް ކޮށްފައިވާކަމަށާއި ޤައުމު ދޫކޮށް ފިލައިގެން ގޮސްފައިވަނީ މިގޮތަށްކަންވެސް ވަނީ ފަޅާ އަރާފައެވެ.

އޭގެފަހުން، އަންހެނުންނާއި ދަރިފުޅު ގޮވައިގެން ކެގްލިޔާ އުޅެފައިވަނީ އެކި ޤައުމު ޤައުމުންނެވެ.