ވޯޓުލުމަށް ޝަރުތު ހަމަވާ މީހުންގެ ނަންތައް ނެރެފައި ހުންނަ ވޯޓާސް ލިސްޓުގައި، މީހުންގެ ފޮޓޯގެ ބަދަލުގައި އެތާއި ކޮތަރު އަދި ސަނީ ލިއޯންގެ ފޮޓޯ ޖެހި މައްސަލައެއް މި ފަހުން ފެންމަތިވެފައިވެއެވެ. މިކަމާ ގުޅިގެން، އޭރު އެތައް ވާހަކަތަކެއްވެސް ދައްކާފައިވެއެވެ. ބައެއް ފަރާތްތަކަށް މިއީ މަޖާ ކަމަކަށްވިއިރު، މިއީ ސީރިޔަސް މައްސަލައެއްގެ ގޮތުގައިވެސް ބައެއް ފަރާތްތަކުން ނެގިއެވެ.

އަނެއްކާވެސް އެފަދަ މައްސަލައެއްވަނީ ކުރިމަތިވެފައެވެ. މި ފަހަރުވެސް މިކަން ކުރިމަތިވެފައިވަނީ އަވަށްޓެރި އިންޑިޔާ އިންނެވެ.

އެޤައުމުގެ މީޑިޔާ ޗެނަލެއްކަމުގައިވާ "ނިއުސް 18" އިން ބުނެފައިވާ ގޮތުން، އެޤައުމުގެ ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ މެދުގައި ކުރިއަށް ގެންދިޔަ ޕްރައިމަރީ އެއްގައި، ވޯޓުލުމަށް ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސްތަކުގައި، އަންހެން ކެންޑިޑޭޓުންގެ ފޮޓޯއެއް ނެތެވެ. އެމީހުންގެ ފޮޓޯ ނެތްއިރު، އެމީހުންގެ ނަމާ ދިމާލުގައި ހުރީ އެމީހުންގެ ފިރިންގެ ފޮޓޯއެވެ.

މި ވޯޓު ކަރުދާސްތަކުގެ ފޮޓޯ މީސް މީޑިޔާގައި އާއްމުވެ، އަލިފާންގަނޑެއްހެން ފެތުރިގެން ގޮސްފައިވެއެވެ. އާއްމު އުސޫލުން، ބައެއް ފަރާތްތަކުން މިކަމާ ޖޯކު ޖަހަމުން ދިޔައިރު، އެހެން ފަރާތްތަކަށް މިކަންވީ ސީރިޔަސް މައްސަލައަކަށެވެ. އެގޮތުން، އަންހެނުން ބާރުވެރިކުރުވުމާއި، ފިރިހެނުންނެކޭ އެއްފަދައިން، ސިޔާސީ ކަންކަމުގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ލިބެން ޖެހޭނެކަމުގެ ވާހަކަ ދައްކަން ފެށިއެވެ.

އެޤައުމުގެ ވަކި ސަރަޙައްދެއްގެ ލޯކަލް ކައުންސިލަށް މެންބަރުން އިންތިޙާބު ކުރުމަށް ބާއްވާ އިންތިޙާބުގައި، ޕާޓީގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓެއް ހޮވުމަށް ބޭއްވި މި ޕްރައިމަރީއާ ބެހޭގޮތުން، ޕާޓީން ބުނެފައިވަނީ މިއީ އެޕާޓީން ކަންކުރާނެ ގޮތްކަމަށެވެ. މިއީ، އެފަރާތްތަކުގެ އުސޫލުކަމަށް ބުނެ، އެފަރާތްތަކުން ވަނީ މިކަން ދިފާއުކޮށްފައެވެ.

މި އިންތިޙާބުގައި 50 އިންސައްތަ ގޮނޑިއަކީ، އަންހެނުންނަށް ޚާއްޞަ ގޮނޑިކަމަށްވެސްވެއެވެ.

ކިޔުންތެރިންގެ ހިޔާލު