އޭޝިއަން ގޭމްސްގެ ބެޑްމިންޓަން އަންހެން ކުޅުންތެރިންގެ ބައިން ބްރޮންޒް މެޑަލްއެއް ހޯދައިގެން މުޅި އިންޑިއާ ފަޚުރުވެރިކޮށްދީ، ތާރީޚުގެ ސަފްހާތަކުން ޖާގަ ހޯދި ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވަލްގެ ހަޔާތުގެ މައްޗަށް ފިލްމަށް ކުޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެކްޓްރެސް ޝްރައްދާ ކަޕޫރް ބުނެފިއެވެ.

ޝްރައްދާ އަކީ އަބަދުވެސް ބެޑްމިންޓަން ކުޅުމަށް ޝައުގުވެރިކަން ހުންނަ އަދި މިހާރުވެސް ގަވައިދުން ބެޑްމިންޓަން މެޗްތައް ބަލަމުން އަންނަ ފަންނާނެކެވެ. އަމޯލް ގުޕްތީ ޑައިރެކްޓްކުރާ މި ފިލްމުގައި ސައިނާގެ ރޯލުން ފެނިގެންދާނީ ޝަރައްދާއެވެ.

ފިލްމުގެ ތައްޔާރީތަކާއި ގުޅިގެން ދިން އިންޓަވިއުއެއްގައި ޝްރައްދާ ބުނެފައިވަނީ ބައެއް މީހުންނަށް ބެޑްމިންޓަންއަކީ ފަސޭހަ ކުޅިވަރެއް ކަމުގައި ހީވެފައި އޮތް ނަމަވެސް، އެއީ ވަރަށް "ޗެލެންޖިން" ކުޅިވަރެއް ކަމަށާއި އެކަން ވަރަށް ރަނގަޅަށް ފިލްމުން ދައްކުވައިދޭނެ ކަމަށެވެ.

"މިހާރުވެސް ގާތްގަޑަކަށް 38-40 ކަށް ބެޑްމިންޓަން ކްލާސް ނެގިފައިވާނީ. އެކަމަކު އަދިވެސް އެބަޖެހޭ އިތުރު ކްލާސް ތަކެއް ނަގަން. އަންނަ މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން ފަށާނެ. އެކަމަކު ބެޑްމިންޓަން ސީންސް ނެގުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ކުރީކޮޅު" ޝްރައްދާ ބުންޏެވެ.

މިހާރުވެސް ޝަރައްދާގެ ފިލްމީ ޝެޑިއުލް އޮތީ ފުލްކޮށެވެ. އޭނާ މި ވަގުތު ކުރިއަށްގެންދަނީ "ސާހޯ" ނަމަކަށް ކިޔާ ފިލްމެއްގެ މަސައްކަތެވެ. ޝްރައްދާ ލީޑް ރޯލުން ފެންނަ މި ފިލްމު ނިސްބަތްވާ ސައިނާއަކީ އުމުރުން 28 އަހަރުގެ ޒުވާން ހުނަރުވެރިއެކެވެ. މިހާތަނަށް އޭނާވަނީ 23 އިންޓަނޭޝަނަލް އެވޯޑް ހާސިލް ކޮށްފައެވެ.