ދެ އަހަރުދުވަހުގެ މެދު ކެނޑުމަށްފަހު އަނެއްކާވެސް ކެމެރާގެ ކުރިމައްޗަށް އެރުމަށް އަބީޝޭކް ތައްޔާރުވެއްޖެއެވެ.

އަބީޝޭކް ވަނީ ދެ އަހަރުގެ މެދު ކެޑުމަކަށްފަހު ކެމެރާގެ ކުރިމައްޗަށް އަންނަން އުޅޭކަމަށް އޭނާގެ ޓްވިޓާ މެދުރިކޮށް ހުރިހާ ސަޕޯޓަރުންނަށް ހިއްސާކޮށްފައެވެ.

އެކަން ހިއްސާކޮށް އަބީޝޭކް ކުރި ޓްވީޓްގައިވަނީ "އަހަރެން އެންމެ ފަހުން ކެމެރާގެ ކުރިމައްޗަށް އެރި ފަހުން މިހާރު 2 އަހަރު ވަނީ. މިއަދު އަނެއްކާވެސް މި ފަށަނީ އާ ފެށުމަކުން. މިކަމުގައި ހުރިހާ ފަރާތެއްގެ އެއްބާރުލުމާއި ހެޔޮއެދުން ބޭނުން" އެވެ.

އަބީޝޭކް ބައްޗަން ކައިވެނި ކޮށްފައިވަނީ ރީތީގެ ރާނީ އަދި ބޮލީވުޑްގެ މަސްހޫރު ތަރި އައިސްވާރިޔާ ރާއީ އާއެވެ. އަދި މިހާރު އެދެމެފިރިންނަށް ވަނީ ލޯބި ލޯބި ކުއްޖަކުވެސް ލިބިފައެވެ. އަބީޝޭކް ފިލްމް ނުކުޅެ މިހާ ދުވަސްވީ ނަމަވެސް އައިސްވާރިޔާ ވަނީ ވަރަށް ފަހުންވެސް ފިލްމެއް ކުޅެފައެވެ.

އަބީޝޭކްގެ މި މެދުކެނޑުމުގެ ކުރިން އޭނާ އެންމެ ފަހުން ކުޅެދީފައިވަނީ މަސްހޫރު ހެއްވާ މަޖާ ފިލްމް ސީރީޒް "ހައުސްފުލް"ގެ 3 ވަނަ ބައެވެ. އެ ފިލްމްގައި އަބީޝޭކްގެ މޮޅު އެކްޓިން ފެނިގެންދެއެވެ. އަބީޝޭކް ކެމެރާ ކުރިމަތިން ނުފެންނާތީ އޭނާގެ ސަޕޯޓަރުން ވަނީ ހިތާމަ ފާޅުކޮށްފައެވެ. އަދި މިހާ ދުވަހު ހުރުމަށްފަހު މިހާރު ފިލްމެއް ކުޅެން ނިންމާފައިވާތީ ގިނަ ފަރާތްތަކަކުން ދަނީ އަބީޝޭކްއަށް މަރުހަބާ ކިޔާ ހެޔޮދުއާ ދަންނަވަމުންނެވެ.