މަކަރާއި ހީލަތް ހެދުމާއި އޮޅުވާލުމުގައި މިއަދު ދުނިޔެ ދެކެމުން މިދަނީ މުޅިން އާޒަމާނެކެވެ. މިއަދު ތަޖުރިބާ ކުރަން ޖެހިފައި މިވަނީ މަކަރާއި ހީލަތް ހެދުމުގައި ވަރަށް އާދަޔާއި ހިލާފު ކަންތައްތަކެކެވެ. އެކަން އެންމެ ރަނގަޅަށް ގަބޫލު ކުރާ އެކަނީ ހޮންކޮންގެ 21 އަހަރުގެ މިއަންހެން ކުއްޖާ އެވެ.

ފޭސްބުކް އިން ފެނުނު އިއުލާނެއް ފެނިގެން އޭނާ މޭކަޕް އާޓިސްޓެއްގެ ވަޒީފާ އަށް ކުރިމަތިލިއެވެ. ނަމަވެސް އިންޓަވިއު ކުރަން އިން މީހާ ބުނީ އެއަށްވުރެ ރަނގަޅު ވާނީ ވެޑިން ޕްލޭނާއެއްގެ ވަޒީފާ ކަމަށެވެ. އެއީ މޭކަޕް އާޓިސްޓަކަށް ލިބޭ އާމްދަނީއަށް ވުރެ 1800 އެމެރިކާ ޑޮލަރުގެ ބޮޑު އާމްދަނީއެއް ލިބޭނެ ވަޒީފާއެއް ކަމަށް ވެސް ބުންޏެވެ.

އެހައި ހިސާބުން އަންހެން ކުއްޖާ ވެސް ބޭނުންވީ ވެޑިން ޕްލޭނާއެއްގެ ވަޒީފާއެވެ.

ވަޒީފާ ދޭން އުޅުނު އޮފީހުން ދެން އޭނާ ފޮނުވީ ޓްރޭނިން ކޯހެއް ފުރިހަމަ ކުރަން ކަމަށް ބުނެ ޗައިނާ ފުޒާއޯ އަށެވެ. އެޕްރޮވިންސުން އޭނާ އާއި ބައްދަލު ކުރި މީހާ ބުނީ މިއީ އިންޓަވިއުގެ ދެވަނަ ބުރު ކަމަށެވެ.

ކައިވެނި ކުރާ ގޮތް ދައްކުވައިދޭން ކަމަށް ބުނެ ކައިވެނީގެ ރަސްމިއްޔާތެއް ބާއްވާ ނުވެސް ދަންނަ މީހަކު ގެނެސް ކައިވެނީގެ އަހުދުތައް ކިޔައިދީ އެންމެ ފަހުން ލިޔުމެއްގައި ވެސް ސޮއި ކުރަން އަންހެން ކުއްޖާ އަށް ޖެއްސިއެވެ. ހުރިހާކަމެއް ނިމުނު ފަހުން އަންހެން ކުއްޖާ އަށް އެނގުނީ މިކުރިއަށް ދިޔައީ ޓްރޭނިންއެއް ނޫންކަމެވެ. އަދި އިންޓަވިއުގެ ބައެއް ވެސް ނޫންކަމެވެ.

އޭރު އަންހެން ކުއްޖާ އަށް ހުރީ ކައިވެނި ކުރެވިފައެވެ. އަދި އެކަމުގެ ލިޔުމުގައި ސޮއި ވެސް ކުރެވިފައެވެ.

މިހާރު އަންހެން ކުއްޖާ މަސައްކަތް ކުރަމުން ދަނީ އޭނާގެ ފިރިމީހާ ކައިރިން ވަރިވާށެވެ.

އޭނާ އަށް މިހާރު އެނގިފައިވާ ގޮތުގައި ވަޒީފާ ހަމަޖައްސަން ކަމަށް ބުނެ އޭނާ ތަނަކަށް ފޮނުވީ ވަގަށް ކައިވެނި ކުރުވާ ބައެކެވެ. އެމީހުންނަކީ މީހުންގެ އަތުން ފައިސާ އަތުލުމަށް ފަހު ކައިވެނި ކުރާނެ އަންހެނުން ހޯދައިދޭ ބައެކެވެ.

ޗައިނާގައި ކަންތައްތައް ރޭވިފައި އޮންނަ ގޮތުން ކޯޓަށް ގޮސް ވަރިވުމަށް ގިނަ ދުވަސްތަކެއް ނަގައެވެ.

ކިޔުންތެރިންގެ ހިޔާލު