އިންޑިއާގެ ހުޅަނގުގެ އަވަށެއްގައި، ފިރިހެނަކު އޭނާ ނަގާފައިވަ ލޯނެއްގެ ފައިސާ އަދާކުރުމަށްޓަކައި އަނބިމީހާގެ ކިޑްނީ ވަގަށްނެގުމަށްފަހު ވިއްކާލައިފިއެވެ.

މި ހާދިސާ އާއި ގުޅިގެން މިހާރު އެ ފިރިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކިޑްނީ ވިއްކާލި މައްސަލަ ފުލުހުންނަށް ހުށަހެޅީ އެ ހާދިސާ ހިނގިތާ ދުވަސްތަކެއް ފަހުން އޭނާގެ އަނބިމީހާއެވެ.

މިކަމާއި ގުޅިގެން އަނބިމީހާ ބުނެފައިވަނީ، އޭނާގެ ފިރިމީހާ އޭނާގެ ކިޑްނީ ނަގާފައިވަނީ ބަނޑުގައި ރިއްސާތީ ޕްރައިވެޓް ހޮސްޕިޓަލަކުން ކުރި ސާޖަރީއަކަށްފަހުގައި ކަމަށެވެ. ނަމަވެސް އެ ސާޖަރީއަށްފަހު އެއް ކިޑްނީ މަދުކަން ނޭނގޭ ކަމަށާއި، ފަހުން ދިމާވި ސިއްޙީ ހާލަތެއްގެ ސަބަބުން ހެދި ޓެސްޓުތަކަށްފަހު، އެއް ކިޑްނީ މަދުކަން އެނގުނު ކަމަށެވެ.

އެއާއި އެކު ފިރިމީހާއާއި އެ ސުވާލު ކުރުމުން އޭނާ، ކިޑްނީ ނެގި ކަމަށް އެއްބަސްވެފައިވާ ކަމަށް އަންހެންމީހާ ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ފުލުހުން ތަހުޤީޤެއް ފަށާފައިވާއިރު، ސާޖަރީ ހެދި ޑޮކްޓަރު ވަނީ ފިލާފައެވެ. ފިރިމީހާ ވަނީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުން، އަނބިމީހާގެ ކިޑްނީ ވިއްކާލިކަމަށް އެއްބަސްވެސް ވެފައެވެ. އޭނާ ބުނެފައިވަނީ އަނބިމީހާގެ ކިޑްނީ ވިއްކާލީ ދައްކަން ޖެހިފައިވާ ލޯނެއްގެ ފައިސާ އަދާ ކުރެވޭނެ އިތުރު އެއްވެސް ގޮތެއް ނެތުމުން ކަމަށެވެ. އަދި އެކަން ސިއްރުން ކުރީ އަނބިމީހާ އެކަމަށް އެއްބަސް ނުވާނެކަން އެނގޭތީ ކަމަށް އެނާ ބުނެފައިވެއެވެ.

މި ހާދިސާއަށްފަހު އެ އަންހެންމީހާއަށް ދިމާވި ސިއްޙީ މައްސަލައިގެ ސަބަބުން އޭނާގެ ޙާލު ވަރަށް ބޮޑަށް ދަށް ވެފައިވާއިރު، މިހާރު ދަނީ ކިޑްނީއެއް ހަދިޔާ ކުރާނެ ފަރާތެއް ހޯދަމުންނެވެ. އަދި ކިޑްނީއެއް ނުލިބިއްޖެ ނަމަ، މާގިނަ ދުވަހެއް ނުވެ އެނާގެ ފުރާނައަށް ނުރައްކާވެ ދުނިޔެއާއި ވަކިވާން ޖެހިދާނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިން

    މާތްﷲ ހެޔޮ ރަހުމަތްފުޅުން ތިބާގެ ފުރާނަ ސަލާމަތްކޮށްދެއްވަވާށި އާމީން

  2. ނުރަބޯ

    އޭނާގެ އަމިއްލަ ކިޑްނީ ވިއްކާލާފަ ދަރަނިއަދާކުރި ނަމަ އޭނާއަށް ވަރަށް ތަޢުރީފް ލިބުނީސް. މިހާރު އޭނާ އެ ވީ އަނިޔާވެރިކަން ބޮޑު، ވަގަކަށް.

    • މި

      އަސްލްވެސް ވަރަށް އަނިޔާވެރިކަން ބޮޑު ވަގެއް. ޔާﷲ އޭނާޔަށް ހައްގު އަޒާބު ދެއްވަވާށި ޔާﷲ އާމީން