2012 ވަނަ އަހަރު ބޮލީވުޑަށް ނިކުތް "ސްޓޫޑެންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ތައާރަފުވެގެން އައި އެކްޓްރެސް އާލިއާ ބަޓްއާއި އެކްޓަރު ވަރުންގެ ދެމެދުގައި ވަނީ ހާއްސަ ރަހުމަތްތެރިކަމުގެ ގުޅުމެއް އުފެދިފައެވެ. އެ ފިލްމަށްފަހުވެސް ދެ ތަރިން އެކުގައި ފިލްމްތަކުން ފެނިގެންގޮސްފައިވާއިރު، އަންނަ އަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ "ކަލަންކް" އިންވެސް މި ދެ ފަންނާނުން ފެނިގެންދާނެއެވެ.

ދާދިފަހުން ވަރުން ދިން އިންޓަވިއުއެއްގައި އާލިއާއާއި ގުޅޭ ގޮތުން އޭނާ ބުނީ، ރިލޭޝަންޝިޕް އެޑްވައިސްއެއް އާލިއާ ކުރެ ނުހޯދާނެ ކަމަށެވެ.

"އާލިއާ އަކީ އަހަރެންނަށް ވަރަށް ރަނގަޅު ރަހުމަތްތެރިއެއް. ފިލްމުގެ މަސައްކަތްތަކުގައި ވެސް އޭނާ އަހަރެންނަށް އެހީވެދޭ. އަދި ގިނަ ފިލްމުތައް އެކުގައި ކުޅުނު ވަރަކަށް ރަހުމަތްތެރިކަން އިތުރުވެގެން ދޭ. އެކަމަކު އަހަރެން އާލިއާ ކައިރިން ރިލޭޝަންޝިޕް އެޑްވައިސް އެއް ނުހޯދާނަން. އެއީ އަހަރެމެންގެ މި ރަހުމަތްތެރިކަމުގެ ތެރެއިން އެކަހަލަ ޕާސަނަލް ވާހަކަ ނުދައްކާތީ. ގިނަ ފަހަރު އަހަރެމެން ދައްކަނީ ކެރިއާއާއި ފިލްމުގެ ވާހަކަތައް" ވަރުން ބުނެފައިވެއެވެ.

އާލިއާއާއި ވަރުން އެކުގައި ގިނަ ފިލްމުތަކުން ފެންނަން ބޭނުންވާ ކަމަށް އެދެމީހުންގެ ފޭނުންދަނީ ބުނަމުންނެވެ.

އާލިއާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު ކަރަން ޖޯހަރުގެ ފިލްމު "ތަޚްތު" ހިމެނެއެވެ.

ވަރުންވެސް އޭނާގެ ބައްޕަ ޑައިރެކްޓަރު ޑޭވިޑް ދަވަން އާއިއެކު ފިލްމެއްގެ މަސައްކަތް ކުރަމުންދާ ކަމަށް ފަހުގެ ރިޕޯޓްތައް ބުނެއެވެ.