ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ވަރަށް ރަނގަޅު ވަޒީފާތައް އެބަ ހުއްޓެވެ. ރާއްޖޭގެ ރިސޯޓެއްގައި ފޮތް ވިއްކުމުގެ ވަޒީފާއިން ފެށިގެން ގޮސް، ގްރީސްގެ ރަށެއްގައި ބުޅާ ބަލަހައްޓަން އުޅުމަކީވެސް، މިފަދަ ރަނގަޅު ވަޒީފާތަކެވެ. މިއީ، އެމީހަކު ކުރާހިތްވާ ކަމެއް ކުރަމުން، ރަނގަޅު އާމްދަނީތަކެއް ހޯދުމަށް އޮތް މަގުތަކެވެ.

މިއީވެސް، އެފަދަ ރަނގަޅު ވަޒީފާއެކެވެ. މާ ބޮޑު މަސައްކަތްތަކެއް ކޮންމެ ދުވަހަކު ކުރާކަށް ނުޖެހެއެވެ. އެހެންނަމަވެސް، ރަނގަޅު މުސާރައެއް ލިބޭނެއެވެ.

މި ރަނގަޅު ވަޒީފާއަކީ، ގިނަ އަދަދެއްގެ ޔުނިވާސިޓީތަކަކުން ގުޅިގެން ހިންގާ ދިރާސާއެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތެވެ. ކުރަން ޖެހޭ ހުރިހާވެސް ކަމަކީ އެވޮކާޑޯ ކެއުމެވެ. ކަނޑައެޅިފައިވާ މިންވަރަކަށް އެވޮކާޑޯ ކެއުމުން، ހަށިގަނޑަށް އަންނަ ބަދަލުތައް، ދިރާސާގައި ހަރަކާތްތެރިވާ ސައިންސްވެރިން ކުރަމުންދާނެއެވެ.

ބޭރުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ދިރާސާ ކުރަނީ، އެވޮކާޑޯ ކެއުމުން ބަނޑު ހިނދޭތޯ ބެލުމުގެ ބޭނުމުގައެވެ. އެހެންކަމުން، ދިރާސާގައި، އެވޮކާޑޯ ކެއުމަށް ގެންނަ މީހުންނަށް، އެކި ގޮތްގޮތަށް، އެކި މިންވަރަށް އެވޮކާޑޯ ދޭނެއެވެ. ބައެއް ފަރާތްތަކަށް ކޮންމެ ދުވަހަކު އެވޮކާޑޯ ކާން ޖެހޭއިރު، މަހަކު ކަނޑައެޅިފައިވާ މިންވަރަކަށް ނުވަތަ ހަފްތާއަކު ކަނޑައެޅުފައިވާ މިންވަރެއް ހިމެނޭނެއެވެ.

މި މަސައްކަތް ކުރުމަށް 1000 މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިކަން ދެމިގެންދާނީ ހަ މަސް ދުވަހުގެ މުއްދަތަކަށެވެ. އަދި، މިކަން ކުރުމަށް ހޮވާ މީހުންގެ ކިބައިގައި، ކަނޑައެޅިފައިވާ ޝަރުތުތަކެއްވެސް ހުންނަން ޖެހޭނެއެވެ. އެގޮތުން، އުމުރުން 25 އަހަރުން މަތިވުމާއި، ހަ މަސް ދުވަހުގެ މުއްދަތަކަށް، ކޮންމެ ދުވަހަކު އެވޮކާޑޯ އެއް ކެވޭނެ މީހަކަށް ވާން ޖެހޭނެއެވެ.

ހަމައެހެންމެ، ފިރިހެނެއްނަމަ، އެމީހެއްގެ އުނަގަނޑު، 40 އިންޗިއަށްވުރެ ފުޅާވާން ޖެހޭއިރު، އަންހެނެއް ނަމަ 35 އިންޗިއަށްވުރެ ފުޅާވާން ޖެހޭނެއެވެ.

ކޮންމެ ދުވަހަކުވެސް، ކަނޑައެޅިފައިވާ މިންވަރަށް އެވޮކާޑޯ ކެއުމުގެ މަސައްކަތް ކުރަން ޖެހޭއިރު، ޤަވާއިދުން، ބައިވެރިންގެ އެމްއާރްއައި ސްކޭންތައްވެސް ހަދާނެއެވެ. ހަމައެހެންމެ، ކޮންމެ މަހަކުވެސް ޑައިޓީޝަނަކަށް ދައްކަން ޖެހޭނެއެވެ.

ދިރާސާގައި ބައިވެރިވެގެން ހަމަ މަސް ދުވަސްވަންދެން ކުރާ މަސައްކަތް ނިމުމުން، މި މީހުންނަށް ކަނޑައެޅިފައިވާ އުޖޫރައެއް ދިނުމަށް ހަމަޖެހިފައިވާއިރު، އެމީހުންނަށް އެވޮކާޑޯވެސް ހަދިޔާ ކުރާނެއެވެ.

މިކަން ކުރަނީ ކެލިފޯނިޔާގައި ހުންނަ ގިނަ އަދަދެއްގެ ޔުނިވާސިޓީތަކާއި އެވޮކާޑޯ ކުންފުންޏެއް ގުޅިގެންނެވެ.