ސްޓަރ ޕްލަސް އިން ދައްކަމުދާ މަޝްހޫރު ޑްރާމާ ސިލްސިލާ "އިޝްޤުބާޒް" ގެ ޕްރޮޑިއުސަރަކު އިމާރާތެއްގެ މަތިން ވެއްޓުނީއެއް ނޫންކަމަށާއި އޭނާ އަމިއްލަ އަށް އިމާރާތުގެ މަތިން ފުންމާލާ، އަމިއްލައަށް މަރުވީކަމަށް ނޫސްތަކުން ބުނެފިއެވެ.

"މިޑް ޑޭ" ނޫހުން ބުނެފައިވާ ގޮތުގައި، އޭނާ ދިރިއުޅޭ އެޕާޓްމަންޓް ހުންނަ އިމާރާތުގެ ތިރީގައި އޭނާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތުއެވެ. އަދި، އެއީ، އޭނާ ހޯލީ ފާހަގަކުރަން އުޅެފައި އައިސްކަމަށްވެސް ބުނެފައިވެއެވެ.

އޭނާ މަރުވެފައި އޮއްވާ ފެނުމާއެކު، އޭނާ ކައްސާލައިގެން މަތިން ވެއްޓުނީކަމަށް ވާހަކަ ދެކެވުނުކަމުގައިވިޔަސް، އިތުރަށް ބެލި ބެލުންތަކުން އޭނާ އަމިއްލައަށް ފުންމާލީކަން ކަށަވަރުކުރެވިފައިވާކަމަށް މިޑް ޑޭ އިން ބުނެފައިވެއެވެ. އަދި، އޭނާގެ ސުއިސައިޑް ނޯޓެއްވެސް ފެނިފައިވާކަމަށްވެސް ބުނެފައިވެއެވެ. އަދި، އެއީ ފައިސާގެ ދަތިތަކެއް ކުރިމަތިވެގެން ކަމަށްވެސް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އިޝްޤުބާޒުގެ އަނެއް ޕްރޮޑިއުސަރުކަމުގައިވާ ގުލް ޚާން ބުނެފައިވަނީ އޭނާއަކީ މަސައްކަތަށް ވަރަށް ރަނގަޅު މީހެއްކަމަށެވެ.

އިޝްޤުބާޒް އަކީ ތިން ބެއިންގެ މައްޗަށް ބިނާކޮށް ފެށި ޑްރާމާއެކެވެ. އެހެންނަމަވެސް، މިހާރު ޑްރާމާގެ ޖޯންރާވަނީ ލޯބީގެ ޑްރާމާއަކަށް ބަދަލުކޮށްފައެވެ. މިއީ އެތައް ބައެއްގެ މަޤުބޫލުކަން ލިބިފައިވާ ތަފާތު ސިލްސިލާއެކެވެ.