މައި ބަދައަށް ގެއްލުން ލިބުމުގެ ސަބަބުން ނުވަތަ އުފެދުމުގައި ހުރި މައްސަލައެއްގެ ސަބަބުން އުނގަނޑުން ތިރީގައި ވާގި ނެތިފައި ނުވަތަ ބާރު ދެރަވެފައި ތިބި މީހުންނަށް ހިނގުމުުގެ ބާރު ދޭ، ސިކުނޑިން ކޮންޓްރޯލު ކުރެވޭ ރޮބޮޓެއް ޖަޕާނުގެ ކުންފުންޏަކުން ތައާރަފު ކޮށްފިއެވެ.

"ސައިބާޑައިން" ނަމަކަށް ކިޔާ ކުންފުންޏަކުން ތަރައްގީ ކުރި އެ ރޮބޮޓަށް ދީފައިވާ ނަމަކީ ހައިބްރިޑް އެސިސްޓިވް ލިމްބް ނުވަތަ "ހެލް" އެވެ. އެކުންފުނިން އެ ރޮބޮޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ 2009 ވަނަ އަހަރުއެވެ. މިހާރު އޭގެ ހުރިހާ މަސައްކަތެއް މުޅިންހެން ފުރިހަމަވެފައި ވާއިރު އެ ރޮބޮޓު ސިއްހީ ދާއިރާގައި ބޭނުން ކުރުމަށް ޓެސްޓުތަކެއް ދަނީ ކުރަމުންނެވެ.

އެ ރޮބޮޓު އެމެރިކާގައި ބޭނުން ކުރުމަށް އެގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން މިހާރު ވަނީ ހުއްދަވެސް ދީފައެވެ. ރޮބޮޓުގެ ބޭނުން އެންމެ ފުރަތަމަ އެމެރިކާގައި ކުރަމުން ދަނީ ފްލޮރިޑާގެ ޖެކްސަންވިލްގައި ހުންނަ ބްރޫކްސް ސައިބާނެޓިކް ޓްރީޓްމެންޓް ސެންޓާގައެވެ. "ހެލް" މިހާރު ބޭނުން ކުރަމުން ދަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިނގަން ދަސްކޮށްދިނުމަށެވެ.

"ހެލް" ރޮބޮޓުގެ އެންމެ ހާއްސަ ކަމަކީ އޭގެ އެހީގައި ހިނގާ މީހާއަށް އެއްވެސް ފިތެއް ނުވަތަ ކޮންޓްރޯލް ޕެނަލްއެއް ބޭނުން ނުވާާ ކަމެވެ. އެ ރޮބޮޓު އަމިއްލަ މީހާގެ ސިކުނޑީގެ ބާރުގައި ބޭނުން ކުރެވޭނެއެވެ. އެހެންކަމުން ހިނގަން ހިތަށް އަރުވާލުމުން އެ ރޮޮބޮޓުގެ އެހީގައި ހިނގޭނެއެވެ.

އެ ރޮބޮޓު ތައާރަފް ކުރުމާއެކު ސައިންސަށް ލޯބި ކުރާ ގިނަ ބަޔަކު ވަނީ ހައިރާންކަން ފާޅުކޮށްފައެވެ. އަދި މިއީ އިންސާނުން ރޮބޮޓުތަކާ އެކުވެ "ސައިބޯގް" އިންސާނުން އުފެދުމުގެ ފެށުމުގެ ގޮތުގައި ބައެއް ފަރާތްތަކުން ދަނީ ސިފަ ކުރަމުންނެވެ.