މައިންބަފައިންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ދަރިއަކު އުފަންވުން ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އަދި މަޔަކަށް ހިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ 9 މަސް ދުވަހު ރަހިމުގައި ޅަ ފުރާނައެއް ގެންގުޅުމަށް ފަހު އެ ފުރާނަ ދުނިޔެއަށް ދުޅަހެޔޮ ސިއްހަތެއްގައި އުފަންވުމެވެ.

މާބަނޑު ދުވަސްވަރު ބަނޑުގައި އޮންނަ ދަރިފުޅު ތޮޅުމަކީ އާންމު ކަމެކެވެ. އާންމުގޮތެއްގައި ބަނޑުގައި އޮންނަ ދަރިފުޅު ތޮޅެނީ ބަނޑަށް 8 ހަފްތާ ނުވަތަ 9 ހަފްތާ ވުމުންނެވެ. ނަމަވެސް އެދުވަސްވަރު މައިމީހާއަށް ފަހަރުގައި އެކަން އިހްސާސް ނުވެދާނެއެވެ. އަދި ދަރިފުޅު ތޮޅޭ ކަމުގެ އިހްސާސް މައިމީހާއަށް ކުރެވެން ފަށާނީ ބަނޑަށް 18 ހަފްތާ ނުވަތަ 20 ހަފްތާގައި ކަމަށް ޑޮކްޓަރުން ބުނެއެވެ.

އަދި އޭގެ ފަހުން އަންނަ ދުވަސްތަކުގައި ދަރިފުޅު ތޮޅޭކަން ފާހަގަވެދާނެއެވެ. ނަމަވެސް ބަނޑަށް 18 ނުވަތަ 20 ހަފްތާއަށް ފަހު ދަރިފުޅު މާ މަދުން ތޮޅޭކަމަށް ވަނީ ނަމަ އެއީ ކަންބޮޑުވާން ޖެހޭނެ ކަމެކެވެ. އެހެނީ އެއީ ތުއްތު ދަރިފުޅަށް ސިއްހީ ބަލިމަޑުކަމެއް ކުރިމަތިވުމުގެ އަލާމާތެކެވެ. ބައެއް ފަހަރު މާ މަދުން ދަރިފުޅަށް އޮކްސިޖަން އާއި ހަކުރު ލިބުމުން ދަރިފުޅުގެ ހަރަކާތް މަދުވެއެެވެ. އެހެންކަމުން އެ ދުވަސްވަރުގައި ދެ ގަޑިއިރު ތެރޭގައި ފަސް ފަހަރަށްވުރެ މަދުން ތޮޅޭ ނަމަ ވީހާވެސް އަވަހަކަށް ސިއްހީ މާހިރެއްގެ ލަފާ ހޯދުން މުހިންމެވެ.

ބަނޑުގައިވާ ދަރިފުޅު ތޮޅޭ ކަމުގެ އިހްސާސް ކުރެވެނީ ދަރިފުޅު ހެލިފެލިވެ އުޅޭތީއެވެ. ބައެއް ފަހަރު ދަރިފުޅު އުކުނޑި ކޮށްޓުމުންވެސް ދަރިފުޅު ތޮޅޭ ކަމުގެ އިހްސާސް ކުރެވިދާނެއެވެ.