ވިހެއުމަށްފަހު އެމެރިކާގެ އެރިޒޯނާގައި އިންނަ ޓުކްސަން އިންޓަނޭޝަނަލް އެއްޕޯޓްގެ ފާހަނަތެރެއަށް އެއްލާލާފައި އޮތް ތުއްތު ކުއްޖެއްގެ މަންމަ ހޯދުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން ކުރަން ފަށައިފިއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އެ އެއާޕޯޓްގެ ފާހަނަ ތެރެއަށް ދަރިފުޅު އެއްލާލާފައި ދިޔަ މީހާ މިހާތަނަށް ހޯދައި ފެނިފައި ނުވާއިރު، އޭނާއަކީ ކާކުކަން ވެސް އަދި ދެނެގަނެވިފައެއް ނުވެއެވެ. ނަމަވެސް އެ އަންހެންމީހާ އޭނާގެ ދަރިފުޅު ފާހަނަ ތެރޭގައި ބާއްވާފައި ދިޔައީ ނޯޓެއް ލިޔުމަށް ފަހުއެވެ.

"އަހަންނަށް އެހީތެރިވެދީ. އަހަރެންގެ މަންމައަކަށް އަހަރެން ބަނޑުބޮޑު ކަމެއް ކުރިއަކުން ނޭގޭ. އަހަރެންގެ މަންމައަކަށް އަހަންނެއް ނުބެލޭނެ. އެހާ ހިތްވަރެއް މަންމަގެ ގައިގައި ނެތް. އަހަރެން ކަމާ ބެހޭ ފަރާތްތަކާއި ހަވާލުކޮށްދީ." ކުއްޖާގެ ނަމުގައި ލިޔެފައިވާ އެ ނޯޓުގައި ވެއެވެ.

ބެލެވޭގޮތުގައި، އެ އަންހެން މީހާއަކީ 20 އަހަރުގެ މީހެކެވެ. އޭނާ ލައިގެން ހުރީ ކަޅު ކުލައިގެ ޖެކެޓެކެވެ. އެ އަންހެން މީހާ ވަނީ އެ ކުއްޖާ ވިހެއުމަށްފަހު އެ އެއާޕޯޓުން އޭނާ ދާން ބޭނުންވާ މަންޒިލަށް ދިޔުމަށް ފުރާފައެވެ. އޭނާ ހޯދުމަށް ފުލުހުން ވަނީ މިހާރު ސީސީޓީވީ ފޫޓޭޖެއްެވެސް އާއްމުކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ފާހަނަ ތެރޭގައި އޮއްވާ އެކުއްޖާ ފެނިފައި ވަނީ ކާރު ހަޔަރ ކުރާ ކުންފުންޏެއްގެ މުވައްޒަފަކަށެވެ.

ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، އެއީ ފިރިހެން ކުއްޖެކެވެ. އަދި މިހާރު އެ ކުއްޖާ އޮތީ ކަމާ ބެހޭ ފަރާތްތަކުގެ ހަވާލުގައިކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް އެފަރާތްތަކުން ބުނެއެވެ.