ފްރެންޗައިޒް އުސޫލުން ކުރިއަށް ގެންދާ މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުގައި ފެނިގެންދިޔަ "ރާޅު ބޯއީ" ނުވަތަ އަހްމަދު ނަޒީހުގެ އައު ލަވައެއް އަނެއްކާވެސް އެހުންތެރިންނާއި ހަމައަށް އައުމަށް އެބަ ތައްޔާރުވެއެވެ.

"އަނެ ބައްޕަ" ގެ ނަމުން ނަން ދީފައިވާ މި ލަވައަކީ ހަ ލަވައެއް ހިމެނޭ ގޮތަށް ނަޒީހު ނެރެމުން އަންނަ އަލްބަމްގެ ދެވަނަ ލަވައެވެ.

"ވަގުތު"އާ ވާހަކަ ދައްކަމުން ނަޒީހު ބުނީ އަލްބަމްގެ ފުރަތަމަ ލަވައަކީ "ރާޅޭ" ކަމަށެވެ. އައިޑޮލްގައި އޭނާ މި ލަވަކިޔުމުގެ މާ ކުރިންވެސް ނެރިފައި އޮތް ލަވައެއް ކަމަށްވެސް ނަޒީހު ބުންޏެވެ.

"ފުރަތަމަ ކާފަ ދަރި ބައްޕައޭ ބުނަން ވެގެން ބުނީ އަސްލު ބައްޕަ އެެއް ނޫނޯ. އަނެ ބައްޕަ އޯ. އެގޮތަށް ކާފައަށް ކިޔުނު ނަމެއް އެއީ. އޭގެފަހުން އާއިލާތެރޭގައި ވެސް މުޅިން ކިޔަނީ އެހެން." މި ލަވައަށް ނަން ދެވުނު ގޮތަކީ މިއީއެވެ.

އަމިއްލައަށް ލިރިކްސް ހަދާ، އަމިއްލަ އަޑުން ކިޔާފައިވާ އަދި އަމިއްލަ ރާގުގެ "އަނެ ބައްޕަ" އަކީ މީގެ 10 ވަރަކަށް އަހަރު ކުރިން ދުނިޔެ ދޫކޮށްފައިވާ ނަޒީހުގެ ކާފައަށް ޚާއްސަކޮށް އޭނާ ހަދާފައިވާ ލަވައެކެވެ.

"މި އަސްލު ނަޒީހު ކާފައަށް ހަދާފައި އިން ލަވައެއް. ކާފަ ވަނީ 10 ވަރަކަށް އަހަރު ކުރިން ނިޔާވެފަ. ކާފައަކީ ނަޒީހުމެން ކުޑައިރު ވަރަށް ގިނައިން ގޮވައިގެން އުޅޭ ކޫލް މީހެއް. އެހެންވެ ކާފަގެ ވަރަށް ގިނަ ހަނދާންތައްވެސް ހުންނާނެ" މި ލަވަ އުފަންވި އަސްލު މައިގަނޑު ސަބަބު ކިޔައިދެމުން ނަޒީހު ބުންޏެވެ.

ނަޒީހު ބުނާ ގޮތުގައި އޭނާގެ ކާފަ ދިރިހުރިއިރު ކޮންމެ ދުވަހަކީވެސް އޭނާއަށް ޙާއްސަ ދުވަހެކެވެ.

"ނަޒީހު ހިތަށްއެރި ކާފައަށް ޚާއްސަކޮށްގެން މި ލަވަ ހަދާފަ އަލްބަމަށް ލާން. އެކަމަކު ދެން ނަޒީހު ކާފަ ކަހަލަ ސްޕެޝަލް މީހެެއް ލައިފްގައި ގެއްލިފަ ހުރި ކޮންމެ މީހަކަށްވެސް މި ލަވަ ޚާއްސަވާނެ. އެހެންވެ، މި ލަވަ އެފަދަ ހުރިހާ އެންމެންނަށްވެސް ޑެޑިކޭޓްވާނެ ނަޒީފު ކާފައަށް ޚާއްސަކޮށްގެން ހެދިނަމަވެސް" ނަޒީހު އިތުރަށް ކިޔައިދެމުން ބުންޏެވެ.

ޓީވީގެ ކުރިމަތިން ނުފެނުނު ކަމުގައި ވިޔަސް އަދި ނަޒީހު އަޅުގަނޑުމެންނަށް ގެއްލުނީކީ ނޫނެވެ. އޭނާ ދަނީ ރިސޯޓް މިއުޒިކާއި ގެސްޓް ހައުސް ތަކުގައިވެސް ޝޯ ދެމުންނެވެ.

ނަޒީހުގެ ލަވައެއް އަޑުއަހާލާ ހިތުން އުޅޭ ކުދިންނަށް މިއީ އުފާވެރި ޚަބަރަކަށް ވާނެއެވެ. މާދަމާއިން ފެށިގެން ޔޫޓިބާއި "ލަވަފޮށިން" ވެސް މި ލަވަ ސްޓްރީމް ކުރެވޭނެއެވެ.