ޗޮކްލެޓް އަށް ލޯބިކުރާ ފަރާތްތަކަށް ހިލޭ ޗޮކްލެޓް ކައިގެން ފައިސާ ހޯދުމަށް ރަނުގެ ފުރުސަތެއް ތަނަވަސް ވެއްޖެއެވެ.

މި ފުރުސަތު ލިބިފައި މިވަނީ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޗޮކްލެޓާއި ޑެއިރީ ޕްރޮޑަކްޓްތައް އުފައްދާ އެއް ކުންފުނި ކަމުގައިވާ ކެޑްބަރީ އިން ޗޮކްލެޓްގެ ރަހަ ބެލުމަށް މީހުން ހޯދަން އިއުލާން ކުރުމާއި ގުޅިގެންނެވެ.

 

ކެޑްބަރީ އިން މައުލޫމާތު ދޭގޮތުގައި މި ވަޒީފާއަށް ކުރިމަތިލާ މީހުންގެ އެއްވެސް ޢިލްމީ ގާބިލް ކަމެއް ހުރުން ލާޒިމެއް ނޫނެވެ. އޭގެ ބަދަލުގައި އެ ކުންފުނިން ބޭނުންވަނީ އެމީހުންގެ އެންމެ ފަހުގެ ޕްރޮޑަކްޓްތައް ރަހަ ބެލުމައް ފަހުގައި އެއާ ބެހޭގޮތުން ތެދުވެރިކަމާއިއެކު ޖަވާބެއް ދިނުމެވެ.

މި ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ވަކިހާއްސަ އިލްމެއް ހުރުން ލާޒިމް ނުވާ ނަމަވެސް، ޗޮކްލެޓް އާއި އޭގެ ބާވަތްތަކައް ލޯބިކުރުމާއި އެކު ރަހަ ބެލުމުގެ ހިއްސު ބާރުގަދަވުން ލާޒިމެވެ.

ދުނިޔޭގައި ދެވަނަ އަށް އެންމެ ބޮޑަށް ޑެއިރީ ޕްރޮޑަކްޓްތައް އުފައްދާ ކެޑްބަރީ ހިންގަމުން އަންނަ މޮންޑެލޭޒް އިންޓަނޭޝަލްގެ ވެބްސައިޓުން މި ވަޒީފާ އަށް ކުރިމަތި ލުމަށް އެދޭ ފޯމް ދޫ ކުރަމުން އަންނަ އިރުގައި މިހާރުވެސް އެތައް ހާސް ބަޔަކު މި ވަޒީފާ އަށް ކުރިމަތިލާފައިވާކަން ފާހަގަކޮށްލެވެއެވެ.

ޗޮކްލެޓާއި އެނޫންވެސް ޑެއިރީ އެކިއެކި ޕްރޮޑަކްޓްތައް ރަހަ ބަލައިގެން ކޮންމެ ގަޑިއިރަކު އެތައް ފައިސާ ލިބޭ މި ވަޒީފާ އަށް ނަގަން ހަމަޖެހިފައި ވަނީ އެންމެ 4 މީހުންނެވެ.