މަންމަމެން ބުނާތީ އަޑު އަހަމެވެ. އަހަރެންނަކީ އަދި ތަނެއް ދޮރެއް ދޮރޯއްޓެއް ނުވިސްނޭ ވަރު ކުޑަކުއްޖެކެވެ. އުމުރުގެ ގޮތުން ބެލިޔަސް ހަޔާތުގެ ކޮޅިގަނޑުތަކާ އަމިއްލައަށް ކުރި މަތި ނުލެވޭ ވަރު ޅަ ކުއްޖެކެވެ. ހަޔާތަކީ ކިހާ ހެއްވާ އެއްޗެއްކަން މޭރުން ނުވާފަދަ ތުއްތު ކުއްޖެކެވެ. ނަމަވެސް އެއީ މުޅީން ތެދު ނޫންކަން އަހަރެންގެ ހަޔާތުގެ ވާހަކަތަށް އެނގޭ މީހެއްނަމަ، އޮޅުމެއްނެތި އެނގޭނެއެވެ.

ތެދެކެވެ. އަހަރެންނަކީ އުމުރުގެ ގޮތުން ކުޑަ ކުއްޖެކެވެ. އަހަރެން އުޅެން ވާނީ ވެސް ކުޑަކުދީން އުޅޭ ގޮތަށް އެ ފެންވަރުގައި ކަން ވެސް ޤަބޫލުކުރަމެވެ. އެކަމަކު އަހަރެންގެ ތަޤްދީރު އެކަމާ އެއްބަސް ނުވަނީ ކީއްވެ ކަމެއް ޚުދު އަހަރެންނަކަށް ވެސް ނޭނގެއެވެ. ބޮޑެތި މީހުންނަށް ދިމާވާފަދަ ކަންތައްތައް ދިމާވާންވީ ކީއްވެ ހެއްޔެވެ؟ ޤަބޫލު ކުރަމެވެ. އަޑި ގަނޑަކަށްފަހު އުސް ގަނޑެއް އަންނަ ފަދައިން، އުފަލުގައި ކުޑަ ދުވަސްކޮޅަކު ނަމަވެސް އުޅެފިނަމަ، ދެރައާއި ހިތާމަ އާއި ވެސް ކުރިމަތިލާން ޖެހޭނެކަން ދަންނަން ވާނެއެވެ. އެއީ ކަން ވާނެވެސް ގޮތެވެ. އެކަމަކު އަހަރެން ކިތަންމެ ނިކަމެއްޗަސް، އުފަލުގެ ކުޑަ މިންވަރެއް ވެސް ހައްޤު ނުވާންވީ ކީއްވެ ހެއްޔެވެ؟ އަހަރެން ހަމަ އެހާވެސް ހުތުރީ ހެއްޔެވެ؟ ބޭވަފާތެރި ކަމުގެ ހިތި ރަހަ ކަރު ބުޑުގައި ލާން މި ޖެހުނީ ގައިގައިގެ ކުލަ އަލި ނޫންވެފައި ހަށިގަނޑު ކުޑަކޮށް ބިޔަކޮށް ހުންނާތީ ހެއްޔެވެ؟ ލޮލުގެ ފެނުން ދަށްކަމުން އައިނު އަޅާފައި ހުންނާތީ ސިފަ ހުތުރީ ދޯއެވެ. އާނއެކެވެ. އަހަރެންނަކީ މިހާރުގެ އެހެން އަންހެން ކުދީންހެން މޭކަޕްކޮށް އުޅޭ ކުއްޖެއް ވެސް ނޫނެވެ.އެހެންވެ، ފަހަރުގައި އަހަރެންގެ ބެލުން ހުތުރު ވެދާނެއެވެ.

އަހަރެންނަކީ ބަދު ނަސީބު އަންހެން ކުއްޖެއްކަން މިއަދު ޤަބޫލު ކުރަމެވެ. ލޯބި ވީ ވެސް އަދި ވެވުނީ ވެސް އެންމެ އިންސާނެއް ދެކެވެ. އެއްގޮތަކަށްވެސް ފިރިހެނުން ނުވަނީކީ ނޫނެވެ. މިހާރުވެސް ފަހަތުން ނުނެއްޓި އަހަރެންގެ ލޯތްބަށް ފެންބޮވައިގަނެފައިވާ ފަދައިން، އާދޭސް ކޮށް މުގޯލި އަޅަމުން ދުވާ ފިރިހެން ކުދީންނެއް މަދެއް ނުވާނެއެވެ. އަޅައިގަންނަ ގޮތެއް ހުރި ކަމުގައި ވިޔަސް، އެއިން އެއްވެސް ކުއްޖަކަށް އަހަރެންގެ މި ނުކިޔަމަތްތެރި ހިތް ނުދެވުނީ މިއީ ހަމަ އެކަނި ޒިހާންގެ ހައްޤަކަށް ވާތީއެވެ.

އަހަރެން ދުވަހުވެސް މީހެއް ދެކެ ލޯތްބެއް ނުވާނަމޭ ކިޔާ، ސްކޫލް ދައުރުގައި ރައްޓެހިން ގާތު ފޮނި ކަނޑާ އުޅުނު ހަނދާން މިއަދު ވެސް އެބަ ހުއްޓެވެ. ވަކީން ހާއްސަކޮށް އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާ ގާތުގައެވެ. އެހެން ކުދީން ކިތަންމެ ވަރަކަށް "ބިޓުން" ނެގިޔަސް އަހަރެން ހުންނާނީ ހުހަށްށޭ ބުނެވުނީ އޭރު އަދި މީހެއް ދެކެ ލޯބި ނުވެވޭތީ ކަމުގައި ވެސް ވެދާނެއެވެ. ލޯބީގެ ކޮޅިގަނޑުތަކުގެ ސަބަބުން ސިކުނޑި ގޮވުން ނޫން ކަމެއް ނުވާނޭ ބުނެ ހަޖޫ ޖަހާ އުޅުނީ ވެސް ހަމަ އަހަރެންނެވެ.

މަންޒަރު ބަދަލުވެ، އަހަރެންނަށް އެ ފިރިހެންވަންތަ އިންސާނާ ދެކެ ލޯބި ވެވުނީ ބޭއިޚްތިޔާރުގައެވެ. އަހަރެންގެ މިލްކަކަށް އޭނާ ހެދުމަށް ހިތް ގޮވާ ނަގަން ފެށީ ވެސް އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ރޭގަނޑުގެ ނިދީގެ ފޮނި މީރުކަން ހާޞިލް ކުރުމުން މަޙްރޫމްވެ، މުޅި ސިކުނޑި ހަމަ އެކަނި އޭނާގެ ޚިޔާލުތަކަށް ހުސްކޮށްގެން ނިދި ނަގާލާފއި އޮވެވުނީ ކިތައް ރޭ ކަމެއްވެސް ނޭނގެއެވެ. މި ވެވުނީ ލޯބިކަން ޔަޤީން ކޮށްދިނުމަށް އަހަރެންގެ ރައްޓެހިން ނުލާހިކު މަސައްކަތް ކޮށްދިން ނަމަވެސް، އެކަން ޚުދު އަހަރެންނަށް ޔަޤީންވީ އޭނާ ފެނުމުން އަހަރެންގެ ހަށިގަނޑަށް ވާ ގޮތް ގޮތުންނެވެ. ހިތް އަވަސް ވާ ގޮތްވެއެވެ. ބާރު ދޫ ވާ ގޮތް ވެއެވެ. މޭ ތެޅޭ ހެން ހީވެއެވެ. ވާ ގޮތެއް ވެސް ނޭނގެއެވެ. ލޯބިވާހެންވެސް ހީވެއެވެ. މަޑުމަޑުން ހިތް ލެނބޭ ހެންވެސް ހީވެއެވެ.

މުޅި ދުނިޔޭގައި ހުރި އެންމެ ނަސީބު ރަނގަޅު އަންހެން ކުއްޖަކީ އަހަރެން ކަމަށް އަހަރެންނަށް ހީކުރެވެން ފެށުނެވެ. ތިމާ އެންމެ ލޯބިވާ މީހާއާއި ރައްޓެހިވެވޭނީ ވަރަށް މަދު ފަހަރަކު އޭ މީހުން ބުނާތީ އަހަރެންވެސް އަޑުއަހާފައި ވާތީއެވެ. ވަކީން ޚާއްސަކޮށް 'ފުރަތަމަ ލޯބި' އަހަރެންނަށް ހާސިލް ކުރެވުނީމައެވެ. އާނއެކެވެ. އަހަރެންގެ މިލްކަކަށް ޒިހާން ވީމައެވެ. ޒިހާންގެ ލޯބި ކާމިޔާބު ކުރެވުނީމައެވެ.

މުޅި ދުނިޔެ ވެސް އަހަރެންނަށް ރަން ވެފައިވާ ކަހަލައެވެ. ހިތާމައާއި ހިތްދަތިކަން އަހަރެންނާއި ވަނީ ރުޅި ހަދާލައިފައެވެ. މުޅިންވެސް އުފަލާއި ހިތްހަމަ ޖެހުން ނޫނީ އަހަރެންގެ ވަށައިގެން ނުވެއެވެ. ބަގީޗާއެއްގައި އަސުރަށް ފޮޅިފައިވާ ފިނިފެންމަލެއްހެން އަހަރެން ޒިހާނާއި އެކީ އުޅުމުން ދިޔައީ ހާދަ އުފަލެއްގައެވެ. އެ އުފާވެރިކަން ދުލުން ބަޔާން ކުރަންވެސް ދަށްޗެވެ.

ފުރަތަމަ ފަހަރަށް ހަޔާތަކީ ކިހާ މަޖާ، އުފާވެރި އެއްޗެއްކަން އަހަރެންނަށް އިހްސާސް ކުރެވެން ފެށުނީ ވެސް އެ ދުވަސް ކޮޅުގައެވެ. ޒިހާންގެ އާއިލާ އަށް އަހަރެން ތައާރަފުކޮށް އޭނާގެ ކޮއްކޮ އަހަރެންނާއި ނުލާހިކު ރަހުމަތްތެރިވެ ވާހަކަ ދައްކާ ހީ ސަމާސަ ކުރުން ވެގެން ދިޔައީ އަހަރެންނަކީ ބަޔަކަށް މުހިންމު އަދި ލޯބިވެވޭ ފަދަ މީހެއް ކަމުގެ އިހްސާސް ކުރެވިގެން ދިޔަ ސަބަބަކަށްށެވެ.

ކޮންމެ ބައްދަލުވުމެއްގައި ދެމީހުންމެ އެކަކު އަނެއްކަކަށް ވަމުން ދިޔަ ވައުދު ތަކާއި އަހުދުތައް ރެޔަކަށްވުރެ ރެޔެއް ގިނަ ވަމުން ދިޔައެވެ. ކުރުކޮށް ބުނަނީ ނަމަ މާ ފޮޅުވުންތައް ގިނަވެގެން ދިޔައެވެ. ބައެއް ފަހަރު އަހަރެން މިއީ ޒިހާންގެ އަންހެނުންނޭ ވެސް ހިތަށް އަރައެވެ. އެހާވެސް އޭނާ ރަނގަޅުވެފައި ހިތްހެވެ. ހިތުގައި ކުނޑި ކޮޅެއްހައި ހިސާބުވެސް ޖެހުނަ ނުދީވޭތޯ ބަލައެވެ. ބަލިވެއްޖެ ނަމަ ޑަކުޓަރެއް ފަދައެވެ. ބަނޑުހައި ވެއްޖެނަމަ ބަނޑުފުރައި މުއްތި ކޮށްދެއެވެ. ކަމެއް ބޭނުންވެއްޖެ ނަމަ ލަހެއް ފަހެއް ނެތި ކޮށްދެވެން އޮތް ގޮތަކުން ކޮށްދެއެވެ. މަސައްކަތުގައި އެހީވެދެއެވެ. އަބަދުވެސް ހުރިހާ ކަމަކަށްވެސް ހިތްވަރު ދީ ހަދައެވެ. އަހަރެން މިހާރުވެސް އެންމެ ހަނދާން ހުންނަނީ އޭނާ ފޮނުވާ ބޮޑެތި ޕެރެގްރާފް ތަކުގެ ލޯބީގެ މެސެޖް ތަކެވެ. އެ ފުން އިބާރާތް ތަކެވެ. އެ މާނަ ފުން ބަސް ތަކެވެ. އެ އަސަރުގަދަ ބަސްކޮށާރެވެ.

ދުނިޔޭގައި އެއްވެސް ކަމެއް އަބަދު އެއް ގޮތަކަށް ނުހިނގާނޭ ބުނެ އުޅޭ އަޑު އަހަރެންވެސް އަހަމެވެ. އެއީ ވަރަށް ބޮޑު ތެދެއްކަން ވެސް މިއަދު އަހަރެން ޤަބޫލުކުރަމެވެ. އެހެންނުވާންވީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ހަޔާތަށް އައި ބަހާރު މޫސުން ޚަރީފު މޫސުމަކަށް ބަދަލުވީ ހަމަ ކުއްލިއަކަށެވެ. ޒިހާންގެ ބޭވަފާތެރިކަން ތަހައްމަލު ކުރަން ޖެހުނީ ވިއްސާރަ ކޮޅިގަނޑެއްގައި ބޯ ހިޔާ ކޮށްލާނޭ ފަދަ ވެސް ނެތް ނިކަމެއްޗެއް ފަދައިންނެވެ.

ހަނދާންވާ ގޮތުން އެއީ ހޯމަ ދުވަހުގެ ރެޔެވެ. އާދައިގެ މަތިން ކިޔާ ލޯބީގެ "ފަތިވަރު" ކިޔުމަށްފަހު އަހަރެން ވެސް ނިދީ، މާދަން ކަންތައްވާނޭ ގޮތް ނޭނގޭ ހާލު ނުލާހިކު ހިތްހަމަ ޖެހި ހުރެއެވެ. ނަމަވެސް އަނެއް ދުވަހުގެ ފަތިހުގެ ފުރަތަމަ ކޮވެލީގެ އަޑާއި އެކު ދުނިޔެއަށް އަންގާ އިއުލާނު ކުރީ ކޮންފަދަ ޚަބަރެއްތޯއެވެ. ދުވަހަކުވެސް އެ ފަދަ ކަމެއް ވާނޭ ކަމަށް އުންމީދުވެސް ކުރެވިފައި ނުވާތީ، އަހަރެންވެސް ފުރަތަމަ އެ ވާހަކަ ޤަބޫލެއް ނުކުރަމެވެ. ނަމަވެސް ޒިހާން އަމިއްލަ އަށް މެސެޖްކޮށްފައި އުޅެން ބޭނުން ނުވާ ކަމުގައި ބުނީމައި އަހަރެން ވަކި ކުރާނީ ކީއްހެއްޔެވެ؟ ޤަބޫލުކުރުން ނޫން އިތުރު އެހެން ގޮތެއް ވަކި އެބައޮތް ހެއްޔެވެ؟ ދޮގެކޭ ކިޔާ މީހުންނަށް އޮޅުވާލެވިދާނެއެވެ. އަދިވެސް ރައްޓެހިވެގެން މި އުޅެނީ ޒިހާން އާއި އޭ ވެސް ބުނެވިދާނެއެވެ. އެކަމަކު އެހެންނޭ ކިޔާފައި ޒިހާން އެނބުރި އަންނާނޭ ހެއްޔެވެ؟ ނޫނެކެވެ. ޒިހާން ދެން އިތުރަށް އަހަރެންގެ މީހަކަށްވެސް ނުވާނެއެވެ. އެ ވާނީ ހަމަ ފޫނެއް ފަޔަކަށް ފެން ފުރުން ފަދަ ކަމަކަށެވެ.

ފަހުންވެސް، ޒިހާންގެ ރައްޓެހިންވެސް އަހަރެންނަށް ގުޅާ ހިތްވަރު ދީ ހެދިއެވެ. ޒިހާން އަހަރެން ދޫކޮށް އެހެން އަންހެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅުނީ އެމީހުންވެސް ނުލާހިކު އާދޭސް ކޮށްކޮށް ހުއްޓާ އެމީހުންގެ ވެސް ނުޤަބޫލުގައެވެ. އަހަރެންނާއި ރުޅި ވާން ޖެހުނު ސަބަބެއް ވެސް އަދިއަދަށް ދާންދެންވެސް އެކަކަށްވެސް ނޭނގެއެވެ. އަހަރެންވެސް ޒިހާނަށް ގުޅަ ގުޅާފައެއް ނޫޅެމެވެ. އިންތިހާއަށް ދެރަވެސް ވެއެވެ. އަހަން ބޭނުން ސުވާލުތައްވެސް ފުނި ޖެހިފައެވެ. އަހަރެންނަށް ކުރެވުނު ކުށެއް ވެސް އޮޅުން ފިލުވަން ބޭނުމެވެ. ކުށެއް ކުރެވިފައިވާ ނަމަ މަޢާފަށް އެދެން ވެސް ބޭނުމެވެ. އެކަމަކު ކިހިނެއް ހެއްޔެވެ؟ އޭނާ މިހާރު އެ އުޅެނީ އެހެން އަންހެން ކުއްޖަކާ އެކު އައު ހަޔާތެއް ފަށައިގެންނެވެ. އަހަރެންގެ ސަބަބުން އޭނާއަށް ކުޑަކޮށްވެސް އުނދަގޫ ވާކަށް ބޭނުމެއް ނޫނެވެ. އަހަރެންގެ މޮޔަ މި ހިތް ވިންދު ޖަހަނީ އަދިވެސް އޭނާގެ ލޯތްބަށް އެކަނި ވިއްޔާއެވެ.

އަހަރެންގެ ކުށަކީ އަޅެފަހެ ކޮބައިބާވައެވެ؟ އިންތިހާއަށް ލޯބިވުން ހެއްޔެވެ؟ އެ ލޯބިގައި ތެދުވެރިކަމާއި އެކު ސާބިތުވެ ހުރުން ހެއްޔެވެ؟ ނޫނެކެވެ. ލޯބި ވުމަކީ ކުށެއް ނުންކަންވެސް އެންމެންވެސް ޤަބޫލު ކުރާނެއެވެ. ފުރަތަމައިން ލޯބި އެއީ ގަސްތުގަ ވާ އެއްޗެއްވެސް ނޫން ވިއްޔާއެވެ. ލޯބި އެއީ އިޚްތިޔާރަކާ ނުލާ ވެވޭ އެއްޗެކެވެ. އެހެން ކަމަށް ވަނީ ނަމަ ބަދަލުގައި އަހަރެންނަށް ލިބުނު ހަދިޔާ އަކީ ބޭވަފާތެރި ކަމުގެ ހިތިކަން ހެއްޔެވެ؟ އެވެސް މިހާ އެކަނިވެރިކޮށް ހެއްޔެވެ؟

ޒިހާން ގެ ހަނދާންތައް ފޮހެވޭތޯ ބެލިޔަސް އިތުރަށް ހަމަ އެ ހަނދާންތައް އާވަނީއެވެ. ލިބުނު ކެހިވެރި ކަމުގެ ސަބަބުން އޭނާ ދެކެ ފޫހިވެވޭތޯވެސް ބަލަމެވެ. ނަމަވެސް އިތުރަށް ހަމަ ލޯބި ވެވުން ނޫން ކަމެއް ނުވެއެވެ. ކުރާނީ ކީއްހެއްޔެވެ؟ ޒިހާން ދިން ވޭނުގެ ހިތާމައިގައި މިއަދު އުޅެން މި ވަނީ މަޖުބޫރު ވެފައެވެ. އެކަމަކުވެސް ހަމަ އެ ލޯތްބަށްޓަކައި އަހަރެން މި ގޮތުގައި ދިރި ހުންނާނަމެވެ.

*****************

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ިަިހށމ

    ވަރަށް ފުން އިހުސާސް ތަކެއް ކުރުވާ އަސަރުގަދަ ވާހަކައެއް

  2. ހށމ

    ހސމ

  3. ހށމ

    hithuge funminah asaru kuruvaa loabyge haadhisaaeh thy..

  4. Annu

    ލޯބިވުމަކީކުށެއް!

    • ާ?

      ޏ ނޫން......