ކަލާއެވެ! އަހަރެންގެ ކުށް އަހަރެންނަށް ބުނެދީފާނަން ހެއްޔެވެ؟ އަހަރެންގެ އުނި ސިފައެއް ހުރި ކަމުގައި ވިޔަސް އެކަމެއް ރަނގަޅު ކުރަން އެނގޭނީ ވެސް ބުނީމަ ނޫން ހެއްޔެވެ؟ ކުށަކާ ނުލައި މި ހިތަށް ތިހެން ހަދަން ހެޔޮ ވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ވެސް އޮންނަނީ ކަލާގެ ހިތް ފަދަ ހިތެކެވެ. ގާބުރިއެއް ނޫން ވިއްޔާއެވެ. މި ހިތުގައި ވެސް ޖަޒުބާތުގެ އޮއިވަރު ދަތުރުކުރެއެވެ. އިޙްސާސްތައް ހުއްޓުމެއް ނެތި ކުރަމުން ދެއެވެ. އެހެންކަމަށްވާނަމަ، އަހަރެން ހިތުގައި ޖައްސާ ރޮއްވާ ތި ލަނީ ކީއްވެ ހެއްޔެވެ؟

އޭ މިހިތުގެ ރަސްގެފާނެވެ! މި ހިތް މިލްކު ވެގެން ވަނީ ހަމަ އެކަނި ކަލާއަށް ކަން އަބަދުވެސް ހަނދާނުގައި ބަހައްޓަށްޗެވެ. މި ހިތް ވިންދު ޖަހާނީ އަބަދުވެސް ކަލާގެ ލޯތްބަށް އެކަންޏެވެ. މި ހިތުގައި ރަސްކަން ކުރަމުން ދާނީ ތިޔަ ރާޖާ އެކަންޏެވެ. މި ހިތުގައި އަބަދުވެސް ކަލާގެ ނަން ރަން އަކުރުން ފެވިފައި ވާނެއެވެ. މުޅި އުމުރަށްވެސް ކަލާ ދެކެ ލޯބިވާނަމެވެ. ކުރިން ވެސް ވީ މަތިވެރި ސާފު ތެދުވެރި ލޯބި މިހާރު ވެސް އަދި ކުރިއަށް އޮތްތާ ވެސް ވާނަމެވެ. މި ހަށީގައި ފުރާނަ ހުރިހާ ދުވަހަކު މި ލޯތްބަށް ކުޑަވެސް ބަދަލެއް ނާންނާނެއެވެ.

މުޅި ދުނިޔެ މަތިންވެސް އަހަރެން އެންމެ ލޯބިވި އިންސާނާއެވެ! އަހަރެންގެ ސިފަ ބަލާލަން ހުތުރީ ދޯއެވެ! އާނއެކެވެ. ގަބޫލު ކުރަމެވެ. އެއްވެސް އިރެއްގައި އަހަރެންނަކީ މިހާރުގެ އެހެން އަންހެން ކުދިންހެން މޭކަޕްކޮށް ތިއްތި ދެއްކެން ނަލަ ހެދޭ ކުއްޖެއް ނޫނެވެ. ހިމާރުގެ މޮށްގަނޑުހެން ހުޅި ޖަހާ، ގަޔަށް ބާރު ހެދުން ލައި އުޅޭ ކުއްޖެއް ނޫނެވެ. އަތުގެ ނިޔަފަތިތައް ދިގުކޮށް ނިޔަފަތީގައި ކުލަ ޖައްސާ އުޅޭ ކުއްޖެއްވެސް ނޫނެވެ. އަހަރެންނަކީ އަބަދުވެސް ވަރަށް ސާދާ ދިރި އުޅުމަކަށް ލޯބި ކުރާ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅޭ ކުއްޖަކީމެވެ. ދޫ ކޮށް ލައި އުޅެނީ ދެރަ ފޮތީގެ ހައުސްކޯޓެވެ. ބުރުގާވެސް އަޅަނީ ވަރަށް އާދައިގެ ގޮތަކަށެވެ. ކަލާ އާއި ދިމާވި އިރުވެސް އަހަރެން ހުރީ ހަމަ އެހެންނެވެ. މިހާރުވެސް ހަމަ އެހެންނެވެ. އެއްވެސް ކަމެއް ބަދަލެއް ނުވެއެވެ. ވީ އިރު، އޭރު މި އާދައިގެ ނިކަމެތި އަންހެން ކުއްޖާ ދެކެ ވީ ލޯބި މިއަދު ކޮބާ ހެއްޔެވެ؟ އޭރުވެސް މި ހުރިހާ ކަމެއް އެނގިހުރެމެ، ފޮޅުވަދިންހާ މާތައް ކޮބާ ހެއްޔެވެ؟

އޭ ފިރިހެންވަންތަ އަހަރެންގެ ލޯބިވެރިޔާއެވެ! އަހަރެން ދޫ ކޮށް ތި ދިޔައީ އަހަރެން ފަޤީރު ކަމަށް ހީކޮށް ހެއްޔެވެ؟ އާނއެކެވެ. ތިން އިރު ތިން ދަޅައަށް "ތަޅާ، ބުރުއްސަން" އަހަރެންނަށް ފައިސާ ނުލިބިދާނެއެވެ. އަގުބޮޑެތި ހަދިޔާ ވެސް ދޭން ނުލިބިދާނެއެވެ. އެކަމަކު އަހަރެން ތި ހީކުރާހާ ފަޤީރެއް ނޫނެވެ. އަހަރެންނަށް އަބަދުވެސް އަހަރެންގެ ވެރި ރައްބުގެ ހަޞްރަތުން ވާގި ލިބެއެވެ. ދުނިޔެ މަތީގައި އެންމެ ތަނަވަސް ނުވި ކަމުގައި ވިޔަސް އަހަރެން މި އުޅެނީ ފުދިގެންވާ ދިރިއުޅުމެކެވެ. ތަނަވަސް ދިރިއުޅުމެއް އުޅެންވީ ދުވަސް އޮތީ އަހަރެމެން އެންމެން ފަނާވެ ދިއުމަށްފަހުގައެވެ. މިހާރު މިއީ އެ ދުވަހަށް ތައްޔާރު ވުމަށް މަސައްކަތް ކުރަންވީ ހުވަފެނީ ޢާލަމެވެ. އޭރު އުޑުން ތަރި ބާލަ ދީ ހެދީ އަހަރެންގެ ދިރިއުޅުމުގެ ހާލަތު ހަމަ ރަނގަޅަށް ވެސް އެނގި ހުރެ ނޫން ހެއްޔެވެ؟

އޭ ހިތާއެވެ! ވިސްނަ ވިސްނާ ވެސް އަހަރެންނަށް އަހަރެންގެ ހަޤީޤީ ކުށެއް ނުވިސްނުނެވެ. ނިކަން ވިސްނެނޭ ފަދަ ގޮތަކަށް ކިޔާލަ ދީބަލާށެވެ. މިހާރުވެސް އަހަރެންގެ ބޯ ގޮވައިފިއެވެ. ހިތުގައި ފުނި ޖެހިފައިވާ ސުވާލުތައްވެސް ބޮލުގައި ހުރި އިސްތަށިހައި ގިނައެވެ. އެ ސުވާލުތަކަށް ނިކަން ޖަވާބު ދާރީވެ ދީބަލާށެވެ. އެހެންނޫނީ އަހަރެންގެ މި ޝަކުވާތަކަށް ނިމުމެއް އަންނާނެހެން ހީވޭ ހެއްޔެވެ؟

ކަލާއެވެ! "ހިތުގެ ވޭނީ އަޑޭ މީ،އަހާށޭ" މި ލަވަ ހަނދާން ވޭދޯއެވެ! މި ލަވަ ފުރަތަމަ އަހަރެންނަށް އަޑު އިވުނީ ކަލާގެ ރަން އަޑުން އަހަރެންނަށް ކިޔައި ދިނުމުންނެވެ. އެ ދުވަހު ކަލާ އަހަރެން ގާތު އާދޭސް ކުރި ބީދާއިން މިއަދު އަހަރެން ކަލާ ގާތުވެސް ރޮއެފައި އާދޭސް ކުރަމެވެ. ކުޑަކޮށް ވިސްނާލާފައި ވިޔަސް އަހަރެންގެ މި ވޭނީ އަޑު އައްސަވާށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޭޢާއިޝާ

    ހަހަހަ....ވ.އަސަރުގަދަ...މީގެ 3 އަހަރު ކުރީގަ އަހަރެންގެ ހަޔާތާ ވ.އެއްގޮތް މިވާހަކަ.ތަފާތަކީ މީގަ މިއުޅޭ އަންހެންކުއްޖާއަށް ފިރިހެން ކުއްޖާ ކިޔައިދިން ލަވާޔާއި އަންހެންކުއްޖާގެ ހިތުން ފިރިހެން ކުއްޖާއަށް ދެވިފަވާ ދަރަޖަ..ﷲއިރާދަފުޅުން މިދަރަޖައަށް އެއްވެސް ފިރިހެނަކަށް މިހިތުން ޖާގައެއް ނުދެވުނު ކަމައްޓަކާ ޝުކުރުވެރިވަން.އެއީ އަހަރެން އަބަދުވެސް ދުޢާކުރަން ﷲފިޔަވާ އެހެން އެއްވެސް ފަރާތަކަށްޓަކާ ވަކިނުވެވޭފަދަ ލޯތްބެއް މިހިތުގަ ނުލެއްވުން.އެފަދަ ލޯތްބެއް އެލޯބި ހައްގު ނޫން ފަރާތެއްދެކެ ވެވިއްޖެނަމަ މީހާ ދުނިޔޭންވެސް މޮޔަވާފަހަރު އެބައާދޭ.މިކަން މިހެންވާކަށް އެކަކުވެސް ނޭދޭނެ.