އެކުގައި މިހާތަނަށް މަސައްކަތް ކުރި އެކްޓަރުންގެ ތެރެއިން ޝާހްރުކް ހާނަކީ އެންމެ ބަސް އަހާ އަދި އެކުގައި މަސައްކަތްކޮށްލަން އެންމެ ފަސޭހަ އެކްޓަރު ކަމަށް ޑައިރެކްޓަރު އާނަންދު އެލް ރާއީ ބުނެފި އެވެ.
މިހާރު ޝާރުކްގެ ޝޫޓިން ކުރިޔަށްދާ ފިލްގެ ޑައިރެކްޓަރ ބުނީ ޝާރުކްއަކީ ކުޅެން ޖެހުނު ރޯލެއް ވަރަށް ރަނގަޅަށް ކުޅޭ އެކްޓަރެއްކަމަށެވެ.
"ވަރަށް ފަސޭހަ ޝާހްރުކްއާ އެކީ މަސައްކަތް ކުރަން. ކިތަންމެ ގިނަ ފިލްމްތަކެއް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދައި ސްޕަސްޓާރެއްގެ ދަރަޖަ ލިބުނަސް، އޭނާއަކީ ކުޅެން ޖެހޭ ރޯލަށް ވަރަށް ބުރަކޮށް މަސައްކަތް ކުރާ އަދި ޑައިރެކްޓަރު ވިޝަނާ އެއްގޮތަށް ސީންތައް ޑެލިވަކޮށް ދޭން މަސައްކަތް ކުރާ އެކްޓަރެއް،" ރާންޖަނާ އާއި ތަނޫ ވެޑްސް މަނޫ ވެސް ގެނެސް އާނަންދު ބުންޏެވެ. "އޭނައަކީ ބޮޑާކަން ދެއްކުމެއް ނެތި، ވަރަށް ބަސް އަހައިގެން މަސައްކަތް ކުރާ ތަރިއެއް."
އޭނާ ބުނީ "ޒީރޯ" އަކީ ޝާހްރުކްއާ އެކީ މަސައްކަތް ކުރާ ފުރަތަމަ ފިލްމަށް ވިޔަސް، 52 އަހަރުގެ އެކްޓަރުގެ ޕްރޮފެޝަލްކަމުން މަސައްކަތް ވަރަށް ލުއި ކަމަށެވެ.
"މި ފިލްމަކީ ފުދޭ ވަރަކަށް މަސައްކަތް ބުރަ ފިލްމެއް. އެކަމަކު ވަރަށް ކެތްތެރިކަމާ އެކު ބުނާ ކޮންމެ އެއްޗެއް ވެސް އަޑު އަހައިގެން ޝާހްރުކް މަސައްކަތް ކުރަނީ،" އާނަންދު ބުންޏެވެ.
ކެޓްރީނާ ކެއިފާއި އަނުޝްކާ ޝަރްމާ ބަތަލާއިންގެ ރޯލުން ފެނިގެންދާ "ޒީރޯ" ސިނަމާތަކަށް އަންނާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 21 ގަ އެވެ.
ތިޔަމީހާއަށް ކޮންމެ ރޯލެއް ދިނަސް ކުޅެން އެނގޭ ވިއްޔާ. އެހެންވީމަ ފަސޭހަވާނެ ދޯ. މަށަށް ހީވަނީ އެއްމެ ފޮނި ތަރިއެއް ހޮވިޔަސް އޭނައަށް ވަނައެއް ލިބޭނެ ހެން،