ލިފްޓު ނުވަތަ އެލަވޭޓަރު މެދުވެރިކޮށް، ޖައްވަށް ދިއުމަކީ ކުރީގެ ސައިންސް ފިކްޝަން ވާހަކަތަކުގައިވެސް ގެނެސްފައިވާ ޚިޔާލެކެވެ. އެއީ، މުސްކުޅި ޚިޔާލެއްކަމުގައިވިޔަސް، އެކަން ބާއްވާފައި އޮތީ، ފިކްޝަން އެއް ނުވަތަ ހަމަ ޚިޔާލީ ކަމެއްގެ ގޮތުގައެވެ. މި ޚިޔާލު ބޭނުންކޮށްގެން، ހަގީގީ ކަންތައްތަކެއް ކުރެވިދާނެ ކަމަށް އެއްވެސް ފަރާތަކުން ޤަބޫލެއް ނުކުރެއެވެ.

އެހެންނަމަވެސް، ޓެކްނޮލޮޖީގެ ގޮތުން، އެތައް ހަރުފަތެއް މަތީގައި އުޅޭ ޖަޕާނުން ދަނީ، ލިފްޓެއްގައި ޖައްވަށް ދިއުމަށް ކުރަން ޖެހޭ ތައްޔާރީތަކާއި މަސައްކަތްތައް ކުރަމުންނެވެ. އަދި، މިއީ ހަގީގަތުގައިވެސް ކުރެވިދާނެ ކަމެއްތޯ، އެމީހުން ދަނީ ބަލަމުންނެވެ.

އެޤައުމުގެ ޝިޒޯކޯ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގެ ފަރާތުން މިކަން ކުރަމުންދާއިރު، މި ލިފްޓަކީ، އިމާރާތްތަކުގެ ފެންނަފަދަ ލިފްޓެއް ނޫނެވެ. ހަމައެހެންމެ، މިއީ ސައިފައި ވާހަކަ ފޮތްތަކުގައި ސިފަކޮށްފައިވާފަދަ ލިފްޓެއްވެސް ނޫންމެއެވެ.

މިކަން ކުރަން މަސައްކަތް ކުރަުންދާ ފަރާތްތަކުން ނިންމާފައިވަނީ، އޯބިޓުގައި އޮންނަ އެއްޗަކަށް، ދުނިޔެއިން، ކޭބަލެއް ގުޅުވާލުމެވެ. އަދި، މި ކޭބަލު ގުޅުވާލައިގެން، ކޭބަލު ކާރެއްފަދަ އެއްޗެއްގައި، ދުނިޔެއިން ޖައްވަށް، އިންސާނުންނާއި މީހުން ފޮނުވުމެވެ. މިގޮތަށް ވެގެންދާނީ، ރޮކެޓެއް ލޯންޗުކޮށްގެން ޖައްވަށް އެއްޗެހި ފޮނުވުމަށްވުރެ، ޚަރަދު ކުޑަ ގޮތަކަށްކަމަށްވެސް، އެފަރާތުން ބުނެފައިވެއެވެ.

މިކަން ކުރުމަށް ބަލަން ޖެހޭ ބެލުންތައް ބެލުމަށް، ދުނިޔޭގެ ބިމުން، އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން އަށް ދަގަނޑު ކޭބަލެއް އަޅައިގެން ޓެސްޓުތަކެއް ކުރުމަށްވަނީ ނިންމާފައެވެ. ޖަޕާނުގައި ހުންނަ ޖައްވީ އިދާރާއަކުން، މި މަހުގެ 11 ވަނަ ދުވަހު މި ޓެސްޓުތައް ފަށާނެކަމަށް، އެޤައުމުގެ ނޫސްތަކުން ބުނެފައިވެއެވެ.

ޖައްވަށް ލިފްޓުގައި ނުވަތަ އެލަވޭޓަރެއްގައި ދިއުމުގެ ޚިޔާލު ގެންގުޅޭކަން، އެންމެ ފުރަތަމަ އާއްމުކޮށްފައިވަނީ 1859 ވަނަ އަހަރު ރަޝިޔާގެ ސައިންސްވެރިއެއްކަމުގައިވާ ކޮންސްޓަންޓައިން ސިއޮލްކޮވްސްކީ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނޫރާ

    މީ އަނެއްކާ މަތީތައުލީމު ހާސިލުކުރަން ދާންތަ؟

  2. ހަރުގަނޑު

    ތިއީ ކަމަށް ވާނީ އިބޫ އެބުނާ ތަނަކީ