އަނގައިން ނުބައިވަސް ދުވުމަކީ އެކަމުގެ ސަބަބުން ތިމާއަށާއި އެހެން މީހުންނަށްވެސް އުނދަގޫތަކެއް ކުރިމަތިކުރުވާނޭ ކަމެކެވެ. އެކަމުގެ ސަބަބުން، މީހުންގެ ތެރެއަށް ގޮސް އުޅުމަށް، އެތައް ދަތިތަކެއްވެސް ކުރިމަތިކުރުވާނޭ ކަމެއްވެސްމެއެވެ. ސާފުތާހިރުކަމާއެކު އަނގަ ބޭއްވުމަށް މަސައްކަތް ކުރިކަމުގައިވިޔަސް، އަނގައިން ނުބައިވަސް ދުވަން މެދުވެރިވާ ބައެއް ސަބަބުތައް ހުރެއެވެ. އެހެންކަމުން، އެކަންކަން އެނގުމަކީ، ހަމަ ކޮންމެ މީހަކަށްވެސް މުހިއްމު ކަމެއްކަމުގައި ދެކެމެވެ.

ސާފުތާހިރުނުވުން ފިޔަވައި، އަނގައިން ނުބައިވަސް ދުވަން މެދުވެރިވާ ބައެއް ކަންކަމަށް އަލިއަޅުވާލާނަމެވެ.

ބޭހެއްގެ ސަބަބުން

ބައެއް ބަލިތަކާ ގުޅިގެން، ޑޮކްޓަރުން ދީފައި ހުންނަ ބޭސްތަކުގެ ސަބަބުން އަނގައިން ނުބައިވަސް ދުވަން މެދުވެރިވެއެވެ. އެއީ ސީދާ ކޮން ބޭސްތަކެއްކަން، މި ލިޔުމުގައި އަލިއަޅުވާލާފައި ނުވިނަމަވެސް، ބޭސްތަކުގެ ލިޔުންތައް ކިޔައިގެން އެކަން ހޯދޭނެއެޗެ. ބޭހުގެ ސަބަބުން އަނގައިން ނުބައިވަސް ދުވަން މެދުވެރިވަނީ، އެބޭސްތަކުގެ ސަބަބުން އަނގަ ހިކޭތީއެވެ.

އިންފެކްޝަންގެ ސަބަބުން

ސާފުތާހިރުކަން ކުޑަވުން ފިޔަވައި، އަނގައިން ނުބައިވަސް ދުވަން މެދުވެރިވާ އެހެން ސަބަބަކީ ޖެހިފައިވާ އިންފެކްޝަން އެއްގެ ސަބަބުންނެވެ. އިންފެކްޝަންގެ ސަބަބުން އަނގައިގައި މައިކްރޯބްސް ހުންނަ މިންވަރު އިތުރުވެއެވެ. އެހެންކަމުން، އަނގައިން ނުބައިވަސް ދުވާ މިންވަރުވެސް އިތުރުވެއެވެ. ކަރުގައި ރިހުމާއި، އަރިދަފުސް ރޯގާގެ ސަބަބުން އަދި ސައިންސްގެ ސަބަބުން ކުރިމަތިވާ އިންފެކްޝަންގެ ސަބަބުންވެސް މިކަން ކުރިމަތިވެދާނެއެވެ.

ކެއުމުގައި ބައެއް ބާވަތްތައް މަދުވުމުގެ ސަބަބުން

ބަރުދަން ލުއިކުރުމަށް، ވަކި ޑައިޓް ޕްލޭންތައް ހަދައިގެން އުޅޭ މީހުންގެ ކެއިންބުއިމުގައި، ކާބޯހައިޑްރޭޓްސް ލިބޭ ބާވަތްތައް މަދުވާނެއެވެ. އެހެންނަމަވެސް، މި ބާވަތް މާ މަދުވެއްޖެކަމުގައިވާނަމަ، އަނގައިން ނުބައިވަސް ދުވުމަށް މަގުފަހިވެގެންދާކަމަށް ޞިއްޙީ ފަރާތްތަކުން ބުނެއެވެ. އެކަމުގެ ސަބަބުން އަނގައިން ނުބައިވަސް ދުވަނީ ކެޓޯންސް ނަމަކަށް ކިޔާ މާއްދާއެއްގެ ސަބަބުންކަމަށްވެސް، އެފަރާތްތަކުން ބުނެއެވެ.

ބޭނުންކުރާ މައުތުވޮޝްގެ ސަބަބުން

މައުތުވޮޝް ފަދަ ބާވަތްތަކަކީ އަނގައިން ނުބައިވަސް ފިލުވުމަށް ބޭނުންކުރާ ބާވަތްތަކެއްކަމުގައިވިޔަސް، އެއެއްޗެހީގެ ސަބަބުން އަނގައިން އިތުރަށް ނުބައިވަސް ދުވަން މެދުވެރިވެދާނެއެވެ. އެގޮތުން، ބަނގުރާ ބޭނުންކޮށްގެން އުފައްދާފައި ހުންނަ މައުތުވޮޝް ބޭނުންކުރާނަމަ، އަނގަ ހިކުމަށް މެދުވެރިވެ، އެކަމުގެ ސަބަބުން އަނގައިން ނުބައިވަސް ދުވުމަށް މަގުފަހިވެއެވެ.

އެހެންކަމުން، އެކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ، ބޭނުންކުރާ މައުތުވޮޝް ބަދަލުކޮށް، ބަނގުރާ ނުހިމެނޭ ބާވަތެއްގެ މައުތުވޮޝް ބޭނުންކުރަން ފެށުމެވެ.

އިސްވެ ބަޔާންކޮށްފައިވާ ސަބަބުތައް ފިޔަވައި އެހެން ސަބަބުތަކެއްވެސް، އަނގައިން ނުބައި ވަސް ދުވުމަށް މަގުފަހިވެދާނެއެވެ. އަދި، މި ކަންކަން މެދުވެރިވިނަމަވެސް، ހުރިހާ މީހުންގެ އަނގައިން ނުބައިވަސް ނުދުވާވެސް ހުރުން އެކަށީގެންވެއެވެ.