މިހާރު އުމުރުން 50 އަހަރު ވެފައިވީނަމަވެސް، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އަދި އެކްޝަން ފިލްމުތައް ކުޅެން ޤަސްދުކުރާކަމުގައި އަކްޝޭ ކުމާރު ބުނެފިއެވެ.

ބޮލީވުޑުގައި މިހާރު ހުރި އެންމެ ތަޖުރިބާކާރު އަދި އެންމެ ކާމިޔާބު އެއް އެކްޓަރު މިހެން ބުނެފައިވަނީ އިންޑިޔާގައި ނެރޭ މަޖައްލާއަކަށް ދާދިފަހުން ދިން ބަސްދީގަތުމެއްގައެވެ.

އެމަޖައްލާއަށް ދިން ބަސްދީގަތުމުގައި އަކްޝޭ އިތުރަށް ބުނެފައިވަނީ އުމުރުން ދުވަސްވުމުން އަންނަ ބަދަލުތަކަށް ބަލާއިރު ދެން ވަރުގަދަ އެކްޝަން ފިލްމުތައް އޭނާއަށް ކުޅެވޭނީ ފަސް އަހަރުކަމުގައި ހީވިނަމަވެސް، ކުޅެވުނު އެންމެ ގިނައިން އެފަދަ ފިލްމުތައް ކުޅޭނެކަމަށެވެ.

ގިނަ ޖޯންރާތަކެއްގައި ފިލްމު ކުޅުމުގެ ޤާބިލުކަން ލިބިފައިވާ އަކްޝޭގެ ހަތަރު ފިލްމެއް، އެވަރެޖުގޮތެއްގައި އަހަރަކު ނެރެއެވެ. ބޮލީވުޑުގައި 25 އަހަރު ވެފައިވާ އަކްޝޭ އަކީ ކޮމެޑީ، އެކްޝަން އަދި އިޖުތިމާޢީ ފިލްމުތަކުގައިވެސް މޮޅު ހުނަރެއް ދައްކަމުން އަންނަ މީހެކެވެ.

"ޕެޑްމޭން" ގެ ބޮޑު ކާމިޔާބަށް ފަހު، އޭނާވަނީ "ކެސާރީ" ގެ ޝޫޓިންގެ މަސައްކަތްތައް ފަށާފައެވެ.

އަކްޝޭގެ މަޝްހޫރު އެކްޝަން ފިލްމުތަކުގެ ތެރޭގައި "ރައުޑީ ރާތޯރ" އާއި "ޚިލާޑީ" "ހޮލިޑޭ: އަ ސޯލްޖަރ އިސް ނެވަރ އޮފް ޑިއުޓީ" އަދި "ގައްބަރު އިޒް ބެކް" ހިމެނެއެވެ.