ބްރަހަމަޕުޓްރާ ކޯރުގައި ދޯންޏެއްގައި ދަތުރުކުރަމުންދިޔަ ބަޔަކު ސަލާމަތް ކުރަން އުމުރުން 11 އަހަރުގެ ކުއްޖަކު ކުރި މަސައްކަތުގެ ވާހަކަދައްކާލަން އެބަޖެހެއެވެ.

އިންޑިއާގެ ސިޓީއެއްކަމަށްވާ ގުވަހަޓި އިން ދޮންވެލިގަނޑަކަށް ދަތުރު ކުރަމުންދިޔަ ދޯނި ގަލެއްގައި ޖެހި އަރި އަޅާލައިގެން އޭގައި ތިބި އެންމެން ކޯރަށް ވެއްޓުނުއިރު، މި ކުއްޖާ ވަނީ އޭނާގެ މާމަ އާއި މަންމަ އަދި ބޮޑުދައިތަވެސް ސަލާމަތްކޮށްފައެވެ.

މި ކުއްޖާ އެންމެ ފުރަތަމަ ސަލާމަތްކޮށްފައި ވަނީ އޭނާގެ މާމައެވެ. މާމަ ގެންގޮސް ދޮންވެލިގަނޑު މަތީ ބޭންދުމަށްފަހު މަންމަ އާއި ބޮޑު ދައިތަ ސަލާމަތް ކުރުމަށް ފަތައިގަތެވެ. އޭނާ ބުނީ، އެ ދޯނި ގަލުގައި ޖެހި ބޯޓުގެ އަރިއަކަށް އަޅައިގަންނަން ފެށުމުން މަންމަ އޭނާގެ ގާތުގައި އެެދުނީ ބޫޓު ބޭލުމަށް ކަމަށެވެ.

އަދި އޭނާ މާމަ ގޮވައިގެން ފަތައިގަތް ވަގުތު، މަންމަ ވަރަށް ބާރަށް އަވަހަށް ފެތުމަށް އެދުނު އަޑު އިވުނުކަމަށްވެސް އޭނާ ބުންޏެވެ.

މިދިޔަ ހަފްތާ އަންގާރަ ދުވަހު، މި ހާދިސާ ހިނގިއިރު، އެ ކުއްޖާ ބުނީ، މާމަ އެ ދޮންވެލިގަނޑު މަތީގައި ބޭންދުމަށްފަހު މަންމަ އާއި ބޮޑުދައިތަ ސަލާމަތް ކުރަން ދިޔަނަމަވެސް، އެ މީހުން ލޮލަށް ފެންނަންވެސް ނެތް ކަމަށެވެ.

އެހެން ނަމަވެސް އޭނާ އެ ސަރަހައްދަށް ގޮސް މަންމަ އާއި ބޮޑުދައިތަ ސަލާމަތް ކުރުމަށް މަސައްކަތް ކުރިކަމަށާއި، އަދި ދަރިއަކު އުރައިގެން ހުރި އިތުރު އަންހެނަކުވެސް ސަލާމަތް ކުރުމަށް މަސައްކަތް ކުރި ކަމަށެވެ. އެހެން ނަމަވެސް އެ ސަރަހައްދުގެ އޮއިވަރު ބާރުކަމުން ދަރިފުޅު އުރައިގެން ހުރި އަންހެނާގެ ދަރިފުޅު ކޯރަށް ވެއްޓުނުއިރު، އެ އަންހެން މީހާވެސް ވަނީ އެ ދަރިފުޅު ހޯދުމަށް ކޯރު ތެރެއަށް ފުންމާލާފައެވެ.

އެހެންވެ، އެ ކުއްޖާއަށް އެ އަންހެން މީހާ ސަލާމަތް ނުކުރެވުނެވެ. ނަމަވެސް އޭނާގެ މަންމަ އާއި ބޮޑު ދައިތަގެ ވެސް ފުރާނަ އެ ކުއްޖާ ވަނީ ސަލާމަތްކޮށްފައެވެ.