މިހާރަކަށް އައިސް މޮޑެލް ކުރުމާއި ޓްރެވަލް އެޖެންސީ ތަކާއި ވިޔަފާރިތައް ފުޅާ ކުރުމަށް މަސައްކަތް ކުރަމުން އަންނަ މީހުން ވަރަށް ގިނައެވެ. މިގޮތަށް އިންސްޓަގްރާމް މެދުވެރިކޮށް މަސައްކަތް ކުރަމުން އައި މޮޑެލް އެއް މިވަނީ ބޭޒާރު ވެފައެވެ.

ޓުޕާ ސަރަވިއާ އަކީ އާޖެންޓީނާ އަށް ނިސްބަތްވާ ޓްރެވަލް އިންފްލުއެންސާ އެކެވެ. އޭނާގެ އިންސްޓަގްރާމްގައި 3 ލައްކަ އާއި ގާތް ކުރާ އަދަދަކަށް މީހުން ފޮލޯ ކޮށްފައި ވާއިރު، އޭނާ ވަނީ ދުނިޔޭގެ އެކި ކަންކޮޅު ތަކަށް ގޮސް ނަގާފައިވާ ފޮޓޯތައް އެ އެކަންޓުނަށް އަޕްލޯޑް ކޮށްފައެވެ.

އެހެން ނަމަވެސް، އޭނާގެ ޕްރޮފައިލް ބަލައިލުމުން ގިނަ ބަޔަކަށް ވަނީ އެ ފޮޓޯތަކުން އެއްގޮތް ކަމެއް ފާހަގަ ކުރެވިފައެވެ. އެއީ އެ ފޮޓޯތަކުގެ ވިލާ ގަނޑު ހުންނަނީ އެއްގޮތަކަށެވެ. މިގޮތަށް އެކި ތަންތަނުގައި ނަގާފައިވާ ފޮޓޯ ތަކުގައިވެސް ވިލާތައް އެއްގޮތް ކަމަށް ބުނެ އެތައް ބަޔަކު ވަނީ އެ ފޮޓޯތަކަށް ކޮމެންޓު ކޮށްފައެވެ.

ސަރަވިއާގެ ފޮޓޯތަކުން ވިލާތައް ހުންނަނީ އެއްގޮތަކަށް

އެ ފޮޓޯތަކުގެ ސްކްރީންޝޮޓުތައް މީސް މީޑިއާގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނައިރު އެތައް ބަޔަކު އަންނަނީ އެ މޮޑެލް އަށް ޖޯކު ޖަހަމުންނެވެ. މިއާއި އެކު އޭނާ ވަނީ ފޮޓޯތައް ފޮޓޯޝޮޕް ބޭނުން ކޮށްގެން އެޑިޓް ކުރި ކަމަށް އެއްބަސްވެފައެވެ. އަދި އެއީ އެހައި ބޮޑު މައްސަލަ އެއް ކަމަށް ނުދެކޭ ކަމަށްވެސް އޭނާ ބުންޏެވެ.

"މިކަންތައް މިހާ ހިސާބަށް ދާކަށް ނުޖެހޭ ކަންނޭގެ. އަހަރެން ވިލާ ގަނޑުގެ ފޮޓޯތައް އެއްގޮތް ކުރަނީ ކެމެރާ އިން ވިލާތައް ރަނގަޅަށް ނާރާތީ. މިކަމާ ބެހޭގޮތުން ވާހަކަ ދައްކަން ފެށީމަ އަހަރެން އެއްބަސް ވެސް ވިން އެޑިޓް ކޮށްފައި ކަމަށް. އެއީ އެވަރު ކަމެއް ނޫން ކަންނޭގެ" ސަރަވިއާ ބުނެފައި ވެއެވެ.

ސަރަވިއާ ވަނީ ފޮޓޯތައް އެޑިޓް ކުރާ ކަމަށް އެއްބަސް ވެފައި

ސަރަވިއާ ބުނާ ގޮތުން އޭނާ ނަގާފައިވާ ފޮޓޯތަކުން ބަދަލު ކޮށްފައި ވާނީ ހަމައެކަނި ވިލާ ގަނޑެވެ. ނަމަވެސް، އެތައް ބަޔަކު އަންނަނީ މިހާރު ސަރަވިއާ އަސްލުވެސް އެ ތަންތަނަށް ޒިޔާރަތް ކުރާ ކަމާއި މެދު ސުވާލު އުފައްދަމުންކަން ފާހަގަކޮށްލެވެއެވެ.