ދުނިޔޭގައި އަމިއްލަ އަށް މަރުވާ މީހުންގެ އަދަދު ނިސްބަތުން މަދުވަމުން އައި ނަމަވެސް، އަދިވެސް ކޮންމެ 40 ސިކުންތަކުން މީހަކު އަމިއްލަ އަށް މަރުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ވޯލްޑް ހެލްތް އޯގަނައިޒޭޝަން) އިން ބުނެފިއެވެ.

އެ ޖަމިއްޔާ އިން މިކަމާއި ބެހޭގޮތުން ނެރުނު ދެވަނަ ރިޕޯޓުގައި ވަނީ 2010ވަނަ އަހަރާއި 2016ވަނަ އަހަރާއި ދެމެދު އަމިއްލަ އަށް މަރުވާ މީހުންގެ ނިސްބަތް 9.8%ށް ދަށްވެފައި ވާއިރު، މި އަދަދު އިތުރު ވެފައި ވަނީ ހަމައެކަނި އެމެރިކާގައި ކަމަށެވެ. އަދި ނުރައްކާތެރި ބަލިތައް ކަމުގައިވާ ކެންސަރާއި، މެލޭރިއާގެ އިތުރުން ހަނގުރާމަ ތަކުގައި މަރުވާ މީހުންގެ އަދަދަށް ވުރެންވެސް އަމިއްލަ އަށް މަރުވާ މީހުންގެ އަދަދު އިތުރުކަން އެ ޖަމިއްޔާގެ ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.

ކޮއްކޮ އެއް މަރާލުމަށްފަހު ގޭގެ ޓެރަސް މަތިން ފުންމާލައި އަމިއްލަ އަށް މަރުވާން އުޅުނު އަންހެނެއް

"މިފަދަ ކޮންމެ މަރަކީވެސް އެބައެއްގެ އާއިލާ މީހުންނަށާއި ރަހުމަތްތެރިންނަށް ލިބޭ ބޮޑު ގެއްލުމެއް. އެހެންނަމަވެސް މިއީ ހުއްޓުވޭނޭ ކަންކަން. ހުރިހާ ގައުމުތަކަކުންވެސް އެބަޖެހޭ ސުއިސައިޑް ހުއްޓުވުމަށް ތައުލީމީ ނިޒާމާއި ސިއްހީ ނިޒާމުގެ ތެރެއިން މަސައްކަތް ކުރަން" މިގޮތަށް މަސައްކަތް ކުރަނީ އެންމެ 32 ގައުމަކުންކަން ފާހަގަކޮށް އެ ޖަމިއްޔާ އިން ބުނެފައިވެއެވެ.

އަމިއްލަ އަށް މަރުވާ މީހުންގެ ތެރެއިން ގިނައީ ފިރިހެނުން ކަމުގައި ވާއިރު، މިކަން ހުއްޓުވުމަށްޓަކައި، ގޭގައި ބޭނުންކުރާ ވިހަ މާއްދާތައް އެކުލެވޭ އެއްޗެހި ކަމުގައިވާ ބްލީޗް ފަދަ ތަކެތި މިހާރަށް ވުރެން ބޮޑަށް ސަމާލުކަމާއި އެކު ގެންގުޅުމަށްވެސް އެ ޖަމިއްޔާ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޮޑުދުފާ

    ރޯމަރުބޮޑުދޮގެއް. ކޮންމެ 40ސިކުންތަކުން އަމިއްލައަށް މީހަކު މަރުވާނަމަ މިހާރު ދުނިޔޭގައި އެއްވެސް މީހަކު ނުހުންނާނެ. މިހެންމިބުނީ އަދިކޮބާ ކޮންމެ ދުވަހަކު ގުދްރަތީގޮތުން މަރުވާ މީހުން. ހަނގުރާމަތަކުގައި މަރުވާމީހުން، އެކްސިޑެންޓްތަކުގައި މަރުވާމީހުން، ބަލިބަލީގައި މަރުވާމީހުން، މިއެންމެން ވެސް ހިމަނަންޖެހޭތީ.