އެމެރިކާގެ ޕެންސިލްވޭނިއާ އަށް ނިސްބަތްވާ އަންހެނަކު ކެންސަރު ބަލި ޖެހިފައިވާ ކަމަށް ބުނެ އެތައް ބަޔަކު އަތުން ފައިސާ ހޯދަމުން ގެންދަނިކޮށް ހައްޔަރުކޮށްފިއެވެ.

އުމުރުން 31 އަހަރުގެ ޖެސިކާ އޭން ސްމިތް ވަނީ ފޭކު މެޑިކަލް ރިޕޯޓްތައް ތައްޔާރު ކުރުމަށް ފަހު، އޭނާގެ ބޯވެސް ބާލައި، ކެންސަރު ޖެހިފައިވާ މީހެއް ކަމަށް ހެދިގެން އާއްމުންގެ އެހީތެރިކަމަށް އެދިފައެވެެ.

މިގޮތުން ދެ ފަހަރެއްގެ މަތިން ފައިސާ ހޯދުމަށްޓަކައި ޖެސެިކާ އިވެންޓުތައް ބާއްވާފައި ވާއިރު، އޭނާ އަށް ވަނީ ޖުމްލަ 10،000 ޑޮލަރު (154،800 ދިވެހި ރުފިޔާ) ލިބިފައެވެ.

ފައިސާ ހޯދުމަށް އޭނާ ބުނެފައި ވަނީ ބޭސް ފަރުވާ އަށް ހުރިހާ ފައިސާ އެއް ޙަރަދުވާކަމުން ދަރިންނަށް ޙަރަދު ކުރާނެ ފައިސާ އެއްވެސް ނެތް ކަމަށާއި، ވަޒީފާވެސް ގެއްލުމުން އާމްދަނީ ލިބޭނެ ގޮތެއްވެސް ނެތް ކަމަށެވެ. ޖެސިކާ ބުނާ ގޮތުން އޭނާ އަށް ޖެހުނީ ކޮލޮން ކެންސަރެވެ.

އޮޅުވާލައިގެން ފައިސާ ހޯދަމުން ޖެސިކާ ގެންދިޔަ އިރުގައި އޭނާ ފަޅާ އަރުވާލާފައި ވަނީ އަމިއްލަ ފިރިމީހާކަން ފާހަގަކޮށްލެވެއެވެ. ޖެސިކާގެ ފިރިމީހާ މިކަންތައް ހިނގާކަން އިނގޭ އިތުރު މީހަކާއި އެކު ޕޮލިސް ސްޓޭޝަނަށް ގޮސް މައްސަލަ ޖެއްސުމުން، އިތުރަށް ތަހުގީގު ކުރުމަށް ފަހު ހަގީގަތް ވަނީ ސާފު ވެގެން ގޮސްފައެވެ.

އޮޅުވާލައިގެން މީހުން އަތުން ފައިސާ ހޯދި ކަމުގެ ކުށުގެ ދައުވާ ޖެސިކާގެ މައްޗައް މިހާރު އުފުލާފައި ވާއިރު އޭނާ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.