އެއާޕޯޓުގައި ކުނި ސާފުކުރާ މީހެއްގެ ވަޒީފާ އަދާކުރަމުންދިޔަ ފިރިހެނަކަށް، އެތަނުގައި ހުރި ޑަސްބިނެއްގެ ތެރެއިން ގިނަ ޢަދަދެއްގެ ރަން ފެނިއްޖެއެވެ.

ދެކުނު ކޮރެއާގެ އެއާޕޯޓެއްގައި މަސައްކަތްކުރާ އެ ފިރިހެންމީހާއަށް ޑަސްބިން ތެރެއިން ރަނުން ހަދާފައިވާ އެއް ކިލޯގެ ހަތް ފޮތި ފެނިފައިވާއިރު، އެ ރަނުގެ ޖުމްލަ އަގު، 325،000 އެމެރިކާ ޑޮލަރަށް އަރައެވެ.

މި ރަން ފެނުމާއި އެކު އެ ފިރިހެންމީހާ އެކަން ކަސްޓަމްސްގެ އޮފިޝަލުންގެ ސަމާލުކަމަށް ގެނެސްފައިވާއިރު، މިއީ ޖަޕާނަށް ދިޔަ ކޮރެއާ މީހަކު، މަނާ ޢަދަދަކަށް ރަން ހުރުމުން، ޖަޕާނުގެ ކަމާއި ބެހޭ ފަރާތްތަކުން އޭނާ އަތުލައިގެންފާނެ ކަމުގެ ބިރަށްޓަކައި އުކާލާފައި ދިޔަ ރަން ކަމަށް ވަނީ ބެލެވިފައެވެ.

މި ރަން ފޮތިތައް ފެނުނު މަސައްކަތު މީހާ އެތަކެތި ނަގާފައިވަނީ ޑަސްބިން ތެރެއަށް އުކާލާފައި ވަނިކޮށް ކަމުގައި ވީނަމަވެސް، އޭނާއަށް އެ ރަން ލިބިފައެއް ނުވެއެވެ. ދެކުނު ކޮރެއާގެ އެ އެއާޕޯޓުން ބުނެފައިވަނީ، ރަން ފެނުނީ އެއާޕޯޓުގެ ޑިއުޓީގައި ހުރި އެތަނުގެ މުވައްޒަފަކަށް ކަމުން، މުވައްޒަފުންނަށް ފެންނަ އެފަދަ ތަކެތި ވެރި ފަރާތުން ޙަވާލުވުމާއި ހަމައަށް ބަހައްޓާފައި ހުންނާނެ ކަމަކާއި އެފަދަތަކެތި މުވައްޒަފުންނަށް ދިނުމުގެ އުސޫލެއް ނުގެންގުޅޭ ކަމަށެވެ. ޢާންމު ގޮތެއްގައި މިގޮތަށް ބަހައްޓާފައި ހުންނަ ތަކެތި ހަ މަސް ދުވަސް ވަންދެން ރައްކާކޮށްފައި ހުރެއެވެ.

ފުރަން ދިޔަ މީހަކު ގިނަ ޢަދަދެއްގެ ރަން، އުކާލާފައި ދިޔަނަމަވެސް، އެ މައްސަލަ ބެލުމަށް ކޮރެއާގެ އޮފިޝަލުން މިހާރު ވަނީ ޚާއްސަ ތަހުޤީޤެއް ފަށާފައެވެ. އެފަރާތްތަކުން ތުހުމަތުކުރަނީ، މި ތަކެތި ގެންގުޅެފައިވަނީ ޤަވާއިދާއި ޚިލާފު ވަގު ވިޔަފާރިއެއް ކުރަމުންދިޔަ ނެޓްވޯކަކުން ކަމަށެވެ. އެހެންކަމުން މި ރަނާއި ހަވާލުވާން އަންނަ ފަރާތެއް ހައްޔަރުކޮށް ސުވާލު ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު