މިހާރު ކޮވިޑް-19 އިން ދިފާއުވުމަށް އުފައްދާފައިވާ ވެކްސިންތައް ބޭނުންކުރި ނަމަވެސް ދެކުނު އެފްރިކާ އިން ފެނިފައިވާ ކޮވިޑް-19 އާވޭރިއަންޓުން ރައްކާތެރި ނުވެވިދާނެ ކަމަށް ބައެއް މައުލޫމާތުތަކުން ދައްކައިފިއެވެ.

ދެކުނު އެފްރިކާގެ ނޭޝަނަލް އިންސްޓިއުޓް އޮފް ކޮމިއުނިކަބަލް ޑިސީސް އިން އިން ބުނީ ދެކުނު އެފްރިކާ އިން ފެނިފައިވާ ކޮވިޑް-19 މިއުޓޭޓް ވެފައިވާ ވައިރަސް އަކީ ވެކްސިނަށް ނުހަލާ ވައިރަސްއެއް ކަމަށް ބައެއް ލެބޯޓްރީތަކުން ލިބެމުންދާ މައުލޫމާތައް ބަލާއިރު ބެލެވޭ ކަމަށެވެ.

ނަމަވެސް މިކަން މުޅިން ކަށަވަރު ކުރުމަށް މިހާރު އެއްކޮށްފައިވާ ޑޭޓާތައް އަޅައިކިޔައި، ނަތީޖާއެއް މުޅިން ކަށަވަރު ކުރެވޭނީ އަންނަ ހަފްތާގައި ނުވަތަ އޭގެ އެއްހަފްތާ ފަހުން ކަމަށް ދެކުނު އެފްރިކާގެ ނޭޝަނަލް އިންސްޓިއުޓް އިން ބުނެއެވެ.

ދެކުނު އެފްރިކާ އިން ފެނުނު ކޮވިޑް-19 ވޭރިއަންޓް މިހާރު ވަނީ ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ފެނިފައެވެ. އޭގެތެރޭގައި އިނގިރޭސިވިލާތް ވެސް ހިމެނެއެވެ.

ދެކުނު އެފްރިކާ އިން ފެނުނު ވޭރިއަންޓުން ރައްކާތެރިވުމަށް މިހާރު ހުރި ވެކްސިންތައް ބޭނުން ނުކުރެވޭނަމަ ވެކްސިންތަކަށް ބަދަލުތަކެއް ގެންނަން ޖެހޭނެއެވެ. އަލުން ވެކްސިންތަކަށް ބަދަލުގެނެސް، ވެކްސިން އުފައްދައި، އެކަމަށް ހުއްދަ ނެގުމަށް އަނެއްކާ އިތުރު ދެތިން މަސް ދުވަސް ނެގުން އެކަށީގެންވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް ވެކްސިނެއް އުފައްދަން ކުރަން ޖެހޭ ވަރުގެ މަސައްކަތެއް އާވޭރިއަންޓަށް ވެކްސިނެއް އުފައްދަން ކުރާކަށް ނުޖެހޭނެއެވެ.

ކޮވިޑް-19 ވައިރަސް އަށް ބަދަލުތަކެއް އައިސް ވަރަށް ގިނަ ގައުމުތަކުން ވަނީ ފެނިފައެވެ. ނަމަވެސް ދެކުނު އެފްރިކާގެ ވޭރިއަންޓް ފިޔަވައި މިހާތަނަށް ފެނުނު އެހެން ވޭރިއަންޓްތަކަށް ވެކްސިން މަސައްކަތް ނުކުރާކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު