ކޮވިޑް-19 ޖެހުނު ދެ ކުއްޖަކު ނޭވާލާން އުނދަގޫވެގެން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް ގެންދަވަނީ ކޮވިޑް-19ގެ ހާލަތު އާއްމުކޮށް ދިވެހިންނާއި ހަމައަށް ގެނެސްދެމުންނެވެ. އެގޮތުން އެ ބައްޔަށް ފައްސިވާ މީހުންގެ ތެރޭގައި ކުޑަކުދިންނަށް ބަލި ޖެހިފައިވާ ވަރާއި، އެ ބައްޔަށް ޝިފާ ލިބިފައިވާ ކުދިންނާއި ގުޅުން ހުރި މައުލޫމާތުތައް ފައިސަލް ހިއްސާ ކުރެއެެވެ. އަދި ވެކްސިނާއި އެ ނޫންވެސް ގިނަ ކަންކަމާއި ގުޅޭގޮތުންވެސް ރައްޔިތުންނަށް އެނގެން ބޭނުންވާ މައުލޫމާތުތައް ހިއްސާ ކުރެއެވެ.

މިއަދު ޑރ. ފައިސަލް ކުރި ޓްވިޓެއްގައި ވިދާޅުވީ، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި، ކޮވިޑް-19 ޖެހުނު ހަތަރު މަހުގެ ކުއްޖަކު ހޮޑުލަމުންދާ ކަމަށެވެ. އެ ކުއްޖާއަކީ ތެލެސީމިއާ ކުއްޖެއް ކަމަށް ޑރ. ފައިސަލް ފާހަގަ ކުރެއްވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ، ކޮވިޑް-19 އަށް ފައްސިވި މާބަނޑު އަންހެނަކު ވިހާފައިވާ ކަމަށެވެ. އަދި މިވަގުތު އޭނާގެ ދަރިފުޅު ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ ކަންކަން ކުރަމުންދާ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

ޑރ. ފައިސަލް ވިދާޅުވީ، އެ ކުއްޖާގެ އާއިލާގެ ތިން ކުޑަކުދިންގެ ތެރެއިން ދެ ކުއްޖަކު ބައްޔަށް ފައްސި ކަމަށާއި އަނެއް ކުއްޖާ ނައްސިވިޔަސް އުޅެން ޖެހެނީ ފައްސި މީހުންގެ ތެރޭގައި ކަމަށެވެ. އަދި ފައްސިވި ދެ ކުދިން ނޭވާލާން އުނދަގޫ ވެގެން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

ޑރ. ފައިސަލް މި މައުލޫމާތު ހާމަ ކުރި ނަމަވެސް، ކޮވިޑް-19 އަށް ފައްސިވި ކުދިންގެ އުމުރު އޭނާ ހާމަކޮށްފައެއް ނުވެއެވެ.

ޑރ. ފައިސަލްގެ އެ ޓްވީޓްގައި އޭނާ ވަނީ ވެކްސިން ޖެއްސެވުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު