ޝަރުއީ ނިޒާމު އިސްލާހު ކުރުމަށް މިދިޔަ އަހަރު ކުރަން ފެށި މަސައްކަތުގެ ނަތީޖާ މިހާރު ފެންނަން ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވުމާ އެކު އެ އިސްލާހުތަކުގެ ތަފްސީލީ ދިރާސާއެއް ހައްދަވަމުން ގެންދަވާ ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވީ ދައުލަތުގެ އެހެން ބާރުތަކުގެ ނުފޫޒުން ޝަރުއީ ދާއިރާ މިންޖުވެފައިވާ ކަމަށާއި މައްސަލަތައް ނިންމުމުގެ މިނިވަން ކަމާއި ބާރު ޝަރުއީ ކޯޓުތަކަށް މިހާރު އެބަ އޮތް ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ޝަރުއީ ނިޒާމަށް ރައްޔިތުންގެ ހިތުގައި އެއްވެސް އިތުބާރެއް ނެތްކަން ފާހަގަކުރެއްވިއެވެ.

ފަނޑިޔާރުންގެ ގާނޫނަށް މިހާރު ގެނެސްފައިވާ ބައެއް އިސްލާހުތަކަށް އިޝާރާތްކޮށް ރައީސް ދެއްކެވި ވާހަކަފުޅާއި ގުޅިގެން އަލްހާން ވިދާޅުވީ ނިމި ދިޔަ ދެ އަހަރު ތެރޭގައި ޝަރުއީ ނިޒާމަށް އައި ބަދަލު ތަކާއި ގުޅޭ ތަފްސީލީ ދިރާސާއެއް ހައްދަވަމުން ގެންދަވާ ކަމަށެވެ. އަދި މި ދިރާސާގައި ޝަރުއީ ދާއިރާއަށް ރައީސް ސޯލިހްގެ ސަރުކާރުން ގެނައި އިސްލާހުތަކަކީ ކޮބާކަން ފާހަގަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"ގެނެވުނު އިސްލާހަކީ ކޮބައިކަން ގާތުން މި ދަނީ ބަލަމުން، ނަތީޖާ ރައްޔިތުންނަށް ހާމަކުރާނަން،" އަލްހާން ވިދާޅުވިއެވެ.

ޝަރުއީ ދާއިރާ އިސްލާހު ވެފައިވާ ކަމަށް ރައީސް ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މީގެ ކުރިން ވިދާޅުވެފައިވެއެވެ. އެކަމަކު އެ ނިޒާމު އިސްލާހު ކުރުމަށް ރައީސް ސޯލިހްގެ އެންމެ ބޮޑު ވައުދުފުޅު ކަމުގައިވާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެކުލެވުން އަދި އަދަށް ވެސް ބަދަލު ކޮށްފައެއް ނުވެއެވެ.

ޖޭއެސްސީގައި މި ވަގުތު އޮތީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މެޖޯރިޓީއެކެވެ. އެ ކޮމިޝަންގެ ރައީސް އަކީ ތުޅާދޫ ދާއިރާގެ އެމްޑީޕިގެ މެންބަރު ހިސާން ހުސައިންއެވެ. ނައިބު ރައީސްއަކީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ މެންބަރު މަސްތޫރު ހުސްނީއެވެ. އެ ކޮމިޝަންގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވެސް އިންނަވައެވެ.

ގާނޫނު އަސާސީގައި ޖޭއެސްސީގެ އެކުލެވުން ބަޔާން ކޮށްފައި އޮންނަ ގޮތުގެ ސަބަބުން އެ ކޮމިޝަންގައި ސިޔާސީ ބޭފުޅުން އަބަދުވެސް ތިއްބަވައެވެ. އެހެންކަމުން އެ ކޮމިޝަން މެދުވެރިކޮށް ޝަރުއީ ކޯޓުތަކުގެ މައްސަލަތަކަށް "ސިޔާސީ" ނުފޫޒު ފޯރުވުމުގެ އަޑަކީ ކޮންމެ ސަރުކާރެއްގައި ވެސް އެންމެ ގަދައަށް އިވޭ އަޑެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނާޅި

    ޝަރުޢީ ދާއިރާ އިސްލާހުގެ ނަމުގައި ފަޑިޔާރުންނަށް ބިރުދައްކާ ސުލޫކު ބޮލުއަޅުވާ ވަކިކުރުން، ޝަރުޢީ ދާއިރާގެ ހުރިހާ ކަމެއް ޖޭއެސްސީ ތެރެޔަށް ވައްދައިގެން ޖަސްޓިސް މިނިސްޓުރީ ހިންގުން، ނަމުން ޖޭއެސްސީގެއި ކަމުން ޖަސްޓިސް މިނިސްޓުރީ! ޖޭއެސްސީ ހިންގަން ބޭކާރުގޮތުގައި
    ރައްޔިތުުންގެ ފައިސާާ ހޭދަކުރުން ތަންތަން ކުއްޔަށް ހިފައިގެން!

  2. ލލ

    ޖޭއެސްސީ އަކީ ސިޔާސީ މީހުންގެ ބޮޑުގުޅަ މާވަހަރު އެދޫކޮށްލަން ބޭނުން ވާނެތޯ ؟

  3. ސައްލި

    އެފްރިކާ ވަލުތެރެއިން ޔަހޫދީން ގެނެސް ޝަރުއީދާއިރާގެ ދިރާސާއޭ ކިޔާއެއްޗެއް އޭޖީ އާއި ނަޝީދު ހަދައިގެން ޖޭއެސްސީގައި ނަޝީދު ހުރެ ފަޑިޔާރުގެ ސުލޫކު ބޮލުގައި އަޅުވާފަ ވަކިކުރަން ބޭނުން ފަޑިޔާރުން މަޖިލިހަށް ފޮނުވައިގެން ނަޝީދު މަޖިލިސް ރައީސު ކަމުގައި ހުރެ!

  4. ލާހި

    ދައުލަތުގެ ބިމެއްގައި ހަތަރު މުޑި ޖަހައިގެން މަތީގައި ޓިނުގަޑެއް އަޅައިގެން ކުޑަކޮޓަރިޔެއް ހަދައިގެން މުވައްޒަފުން ގޭގައި ތިބެގެން އޮންލައިންކޮށް މަސައްކަތް ކުރެވެން އޮއްވާ ޖޭއެސްސީ ހިންގަން ތަނެއް ކުއްޔަށް ހިފީވެސް އިސްލާހެއްތޯ ؟

  5. ބަރުގޮނު

    އެެއްދުވަސްވަރެއްގައި އަލްޙާނު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް. އަނެއްކާ މިފަހަރު މާލޭ މޭޔަރުކަމަށް ކުރިމަތިލައްވަނީ. ދިރާސާތައްވެސް ކުރައްވާނެ. އެހެންނަމަވެސް އެއްވެސް މީހަކު އަލްޙާނުގެ ވާހަކަތަކަށް އެއްވެސް ސަމާލު ކަމެއް ނުދޭނެ. ދިރާސާ ކުރަންވީ މީހުން ތިމާމީހާއަށް ސަމާލުކަން ނުދެނީ ކީއްވެތޯ ބަލަން..