ސިންގަޕޫރަކީ ހިތްގައިމު މަންޒިލެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ތަނެކެވެ. އެގޮތުން 2019 ވަނަ އަހަރުވެސް 19.1 މިލިއަން މީހުން ސިންގަޕޫރަށް ޒިޔާރާތް ކޮށްފައިވެއެވެ.

ޓީވީ އިންޓަވިއުއެއްގައި ސިންގަޕޫރްގެ ބޮޑުވަޒީރު ލީ ހިސިޔެން ވިދާޅުވީ ގިނަ ގައުމުތަކުގައި ކޮވިޑް-19 ވެކްސިން ދީ ނިމުމުން އަހަރު ނިމޭ ހިސާބުގައި ފަތުރުވެރިންނަށް ދެވޭނޭ ގޮތަށް ސިންގަޕޫރު ބޯޑަރު ހުޅުވާލެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

މި އަހަރު ނިމުމަކާ ހިސާބަށް ދާއިރު ގިނަ ގައުމުތަކުގައި ރައްޔިތުންނަށް ވެކްސިން ޖަހާ ނިމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާބާދީގައި 5.7 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ސިންގަޕޫރުގައި 611،000 މީހުންނަށް ވަނީ ވެކްސިން ދެވިފައެވެ. މި އަހަރު ނިމުމުގެ ކުރިން ސިންގަޕޫރުގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ޖެހުމަކީ ބޭނުންވާ ގޮތް ކަމުގައި އޭނާ ވިދާޅުވިއެވެ. އިންފެކްޝަން މަދުވުމާއި އެކު ވެކްސިން ޖަހައިގެން މީހުންނަށް ގޮތްވާކަމަށް ބުނެ ވެކްސިން ނުޖަހަން މަދު ބަޔަކު ތިބިކަން ފާހަގަ ކުރިއެވެ.

ލީ ބުނެފައިވަނީ ޗައިނާގެ ސިނޮވެކް ބިއޮޓެކް ވެކްސިން ސިންގަޕޫރަށް ލިބިފައިވާކަމަށެވެ. ވެކްސިން ޓެސްޓު ކުރުމަށް ފަހު ވެކްސިނުގެ ސަބަބުން އެެއްވެސް ގެއްލުމެއް ނުވާކަން ޔަގީން ވުމުން ވެކްސިން ޖަހަން ފަށާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ވެކްސިން ވަކި މިންގަނޑަކަށް ބަލައި އެ ފާސްވާ ނަމަ ކޮންމެ ގޮތަކަށް ލިބޭ ވެކްސިނެއްވެސް ބޭނުންކުރާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.