ނ.އަތޮޅު ޅޮހިން އިތުރު ހަމީހަކު މިއަދު ކޮވިޑް-19 އަށް ފައްސިވެ އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ 13 އަށް އަރައިފިއެވެ.

ޅޮހިން ފުރަތަމަ ކޮވިޑަށް ފައްސިވީ ކަރަންޓީންގައި ތިބި އާއިލާއެކެވެ. އޭގެ ފަހުން ވަނީ ކަރަންޓީންގައި އެމީހުން ތިބިއިރު ބައްދަލުކުރި ބައެއް މީހުން ކޮވިޑަށް ފައްސިވެފައެވެ.

ޅޮހިން ކޮވިޑް-19 އަށް ޓެސްޓްކުރި 39 މީހެއްގެ ނަތީޖާ އަދި ނުލިބެއެވެ. މިހާތަނަށް ޓެސްޓް ކުރި މީހުންގެ ތެރެއިން 58 މީހެއްގެ ނަތީޖާ ވަނީ ނައްސި (ނެގެޓިވް) ވެފައެވެ.

ޅޮހީގައި މިވަގުތު ގޭގައި އެކަހެރި ކުރެވިފައި 18 މީހުން އެބަތިއްބެވެ.

މިހާތަނަށް ޅޮހިން ވަނީ 153 މީހެއްގެ ސުންކު (ސާމްޕަލް) ކޮވިޑަށް ޓެސްޓް ކުރަން ނަގާފައެވެ. މީގެތެރެއިން 46 ސުންކު ނެގީ މިއަދު އެވެ.

ފަހަކަށް އައިސް ބައެއް ރަށްރަށުގައި ކަރަންޓީންގައި ތިބޭ މީހުން އާއްމުންގެ ތެރެއަށް ނިކުތުމުގެ ނަތީޖާއެއްގެ ގޮތުން އެރަށްރަށުގައި ކޮވިޑް ފެތުރެމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ޅޮއްސަށް މިބަލި ފެތުރި މީހުން ޒިންމާނަގާ.
    ދަރިއެއް ލިބިގެން ދެފަރާތު ޢާއިލާ ގެއަށް އައިސް ގެފުރާލައިފަ ދެން ގޮސް މުޅި ރަށުތެރެއަށް ފަތުރާލީ. ކިހާ ދެރަކަމެއް. ކީއްތަ ވަނީ ކެތްތެރި ވެލައިގެން ކަރަންޓީން ނިމެންދެން ތިބިނަމަ. ހާދަ ބޯހަރު މީހުން އުޅެޢޭ