އެއާޕޯޓެއްގެ ފޮނި މީރުކަމަކީ ކޮބައިގެން އެންގެން ބޭނުންނަމަ ވަރަށް ފަސޭހަ މިސާލެއް ދައްކައިލަފާނަމެވެ. 1960ގެ ކުރިން ރާއްޖެ އަކީ އޮންނަ ތަނެއްކަންވެސް ދުނިޔޭގެ ގިނަ މީހުންނަށް ނޭނގެއެވެ. ރާއްޖެ އޭރު އޮތީ ފަގީރު ގައުމުތަކުގެ ލިސްޓުގެ ތެރޭގައެވެ. ނަމަވެސް 61 އަހަރު ފަހުން މި ހާލަތު މިވަނީ މުޅިން ބަދަލުވެފައެވެ. މި ބަދަލަށް ފުރުސަތު ހުޅުވާލައިދިނީ މިހާރުގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ.

ވެލާނާ އެއާޕޯޓު ހުޅުވުމާއި އެކު ވެގެން ދިޔައީ ރާއްޖޭގެ މައި ދޮރާއްޓަށެވެ. ފަތުރުވެރިކަން ރާއްޖޭގައި ފަށައި، އެ ވިޔަފާރި އިތުރަށް ފުޅާ ކުރުމަށް ފުރުސަތު ލިބުނެވެ. އޭގެ ކުރިން ރާއްޖޭގައި ފަތުރިވެރިކަމުގެ ވިޔަފާރި ކުރެވޭނެތޯ ބެލުމަށް އައި އެމެރިކާގެ މިޝަނުން ބުނެފައި ވަނީ ރާއްޖޭގައި އެކަން ނުކުރެވޭނެ ކަމަށެވެ. އެގޮތަށް ނިންމުމުގައި ރާއްޖޭގައި އެއާޕޯޓުތައް ނެތުން ނުވަތަ މަދުވުން ވެސް އެކަށީގެންވެއެވެ.

މިއަދުވެސް ވެލާނާ އެއާޕޯޓާއި އެތައް ސަތޭކަ މޭލެއް ދުރުގައި ގުދުރަތީގޮތުން އުފެދި، ރިސޯޓު ހެދުމަށް ނުހަނު ފައްކާވެފައިވާ އެތައް ރަށެއް އެބަހުއްޓެވެ. ނަމަވެސް އެތަންތަނުން ރައްޔިތުންނަށް އެންމެ ފައިދާ ވާނީ އެފަދަ ރަށްރަށް ކައިރީ އެއާޕޯޓެއް އޮތުމުންކަމީ ވިސްނޭ ކަމެކެވެ.

އިންޓަނޭޝަނަލް އެއާޕޯޓަކުން އެ ސަރަހައްދެއް މުޅި ދުނިޔެ އާއި ގުޅުވާލައިދޭއިރު ޑޮމެސްޓިކް އެއާޕޯޓުން ގައުމުގެ އެހެން އެއާޕޯޓުތަކާއި ނުވަތަ ވެރިރަށާ ގުޅުވާލަދެއެވެ. މިކަމުގެ ސަބަބުން އެ އެއާޕޯޓެއް އޮންނަ ސަރަހައްދަކަށް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވެއެވެ. ވިޔަފާރި އާއި ޗުއްޓީ ހޭދަ ކުރުމަށާއި އެނޫންވެސް އެކިއެކި ބޭނުންތަކަށެވެ.

އެމެރިކާގެ އެޓްލާންޓިކް ސިޓީ އިން ކޮށްފައިވާ ދިރާސާ އަކުން ހާމަވާ ގޮތުގައި ތަނެއްގެ ކުރިއެރުމާއި އެއާޕޯޓަކާއި ވަނީ ގުޅިލާމެހިފައެވެ. އެއާޕޯޓެއް އޮންނަ ސަރަހައްދަކަށް މީހުން ދަތުރުކުރާ މިންވަރު އިތުރުވާ ކޮންމެ 10%ން އެެ ސަރަހައްދަކަށް 1%ގެ ކުރިއެރުމެއް އާދެއެވެ. މި ކުރިއެރުން މާނަކުރެވެނީ އިތުރު ވިޔަފާރިތައް ފެށުމާއި އައު ވަޒީފާގެ ފުރުސަތުތައް ހުޅުވި، އެ ސަރަހައްދެއްގެ އިގްތިސާދު ވަރުގަދަވުން ކަމުގައެވެ.

އިތުރު ދިރާސާ އަކުން ދައްކާގޮތުުގައި އެއާޕޯޓެއް އޮންނަ ސަރަހައްދަކުން އެކިއެކި ތައުލީމީ ފުރުސަތުތައް ފަހިވެ، އެތަނަކުން ކިޔަވައި ނިމޭ ކުދިން އިލްމު ބޭނުން ކުރާ ދާއިރާތަކަށް ނިކުންނަ މިންވަރު އިތުރުވާނެއެވެ. މިކަމުގެ ސަބަބުން އަނެއްކާވެސް އިގްތިސާދު ވަރުގަދަވާން މަގުފަހިވާނެއެވެ.

މީގެ އިތުރުން ވެސް، އެއާޕޯޓެއް އޮންނަ ސަރަހައްދެއްގައި، ހާއްސަކޮށް ބޮޑު އާބާދީ އެއް ކައިރީ އެއާޕޯޓެއް އޮވެއްޖެނަމަ ގުނައި އަދަދު ނުކުރެވޭހާ ފުރުސަތުތައް އެކި ކަންކަމަށް ފަހިވެގެން ދާނެއެވެ. އެހެންކަމުން އެއާޕޯޓެއް ވެފައި މި އޮންނަނީ ބޮޑު އާބާދީ އެއް ކުރިއެރުމަށް ކޮންމެެހެންވެސް މުހިއްމު ކަމެއްގެ ގޮތުގައެވެ. މިފަދަ ސަރަހައްދެއްގައި އެއާޕޯޓެއް ނެތުމަކީ އެތަނެއްގެ އިގްތިސާދާއި ކުރިއެރުން އެތައް އަހަރަކުން މަޑުޖައްސުވާނެ ކަމެއްކަން ދުނިޔޭގެ ބޮޑެތި ޔުނިވާސިޓީތަކުން ކޮށްފައިވާ ދިރާސާތަކުން ޝައްކެއް ވެސް ނެތް މިންވަރަށް އެނގި ހާމަވެއެވެ.