މިއީ ޕިއްޒާ ކެއުމަށް ލޯބި ކުރާ ފަރާތްތަކަށް އުފާވެރި ޚަބަރެކެވެ. ޕިއްޒާގެ ސަބަބުން މުވައްޒަފުންގެ މަސައްކަތުގެ ސްޕީޑް އަވަސްވާކަމަށް ދިރާސާ އަކުން ދައްކައިފިއެވެ.

ސައިކޮލޮޖިސްޓެއް ކަމަށްވާ ޑަން އަރިއެލީ ލިޔުއްވާފައިވާ ފޮތެއް ކަމަށްވާ "ޕޭއޮފް : ދަ ހިޑެން ލޮޖިކް ދެޓް ޝޭޕްސް އަވާ މޯޓިވޭޝަންސް" ކިޔާ ފޮތުގައި ހިމަނާފައިވާ ދިރާސާއެއްގެ ނަތީޖާ ދައްކާ ގޮތުން މަސައްކަތެއް ފުރިހަމަ ކުރުމުން ޕިއްޒާއެއް ލިބޭނެ ކަމަށް ބުނުމުން މުވައްޒަފުން ވަނީ މަސައްކަތައްދޭ ސަމާލުކަން އިތުރު ކޮށްފައެވެ.

މިދިރާސާ ކޮށްފައި ވަނީ ކޮމްޕިއުޓަރ ޗިޕްސް އެސެމްބަލް ކުރާ ކާރުހާނާއެއްގެ މުވައްޒަފުންގެ މެދުގައެވެ. މިހުރިހާ މުވައްޒަފުން ހަތަރު ގުރޫޕަކަށް ބަހާލުމަށް ފަހު އެއްގޫޕަށް ކަނޑައެޅި ޓާގެޓަށް ހަފްތާއެއް ތެރޭ ވާސިލް ވެއްޖެ ނަމަ ކޮންމެ ދުވަހަކު އެމީހުންނަށް ޕިއްޒާ ދޭނެ ކަމަށް އެގުރޫޕަށް އެންގުނެވެ.

ދެވަނަ ގޫރުޕްގެ ޓާގެޓް ފުރިހަމަ ކޮށްފިނަމަ ފައިސާގެ ބޯނަސްއެއްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ވެސް 20 ޕައުންޑް ދޭނެ ކަން އެންގުނެވެ. ތިން ވަނަ ގުރޫޕަށް އެންގުނީ އެމީހުންގެ މަސައްކަތް ފުރިހަމަކޮށްފި ނަމަ އެކަން ބޮސް އަށް އެންގޭނެ ކަމަށެވެ. ހަތަރު ވަނަ ގުރޫޕަށް މަސައްކަތް ފުރިހަމަ ކުރިޔަސް އެއްވެސް އެއްޗެއް ދޭނެ ކަމަކަށް ނުބުނެއެވެ.

ދިރާސާގެ ނަތީޖާ ދެއްކީ ކުރިން ކުރާ މަސައްކަތައް ވުރެ 6.7 ގުނަ އިތުރަށް ޕިއްޒާ ލިބޭނެ ކަން އެންގުނު މުވައްޒަފުން މަސައްކަތް ކުރި ކަމަށެވެ. ބޮސްގެ ރަނގަޅު ބަސް ހޯދުމަށްޓަކައި ތިން ވަނަ ގްރޫޕްގެ މަސައްކަތް ވަނީ 6.6 އިންސައްތަ އިތުރު ކޮށްފައެވެ. ފައިސާގެ ބޯނަސް ލިބޭނެ ކަން އެންގުނު ގުރޫޕްގެ މަސައްކަތް އިތުރުވީ 4.9 އިންސައްތައެވެ.

ދިރާސާގެ ނަތީޖާ ދައްކާ ގޮތުން ޕިއްޒާ އަކީ މުވައްޒަފުން މަސައްކަތައްދޭ ސަމާލުކަން އިތުރު ކުރުވާ އެއްޗެކެވެ. މީގެ އިތުރުން ފައިސާގެ ސަބަބުން މުވައްޒަފުންގެ މޯޓިވޭޝަން މާބޮޑަށް އިތުރު ނުވާކަމަށް ވެސް ދިރާސާ އިން ވަނީ ދައްކާފައެވެ.

ADS BY ASTERS

Comments are closed.