ސިޑްނީގެ ޕާކެއްގެ ތެރެއިން ފިރިމީހާއާއި ފޯނުން ވާހަކަދައްކަމުން ހިނގާފައިދިޔަ އަންހެނެއްގެ ކަރަށް ވަޅި ޖަހައި މަރާލައިފިއެވެ.

ޕްރަބާ އަރުން ކުމާރަށް ހަމަލާދީ މަރާލާފައިވަނީ ހޮނިހިރު ދުވަހުގެރޭގެ ވަގުތެއްގައި އޭނާ ސިޑްނީގެ ޕެރަމެޓާ ޕާކް ތެރެއިން، ފޯނުން އޭނާގެ ފިރިމީހާ އާއި ވާހަކަ ދައްކަމުން ހިނގާފައި ގެއަށް ދަނިކޮށެވެ. އޭނާއަށް ހަމަލާ ދިނުމުގެ އިރުކޮޅެއް ކުރިން، މީހަކު އޭނާގެ ފަހަތުން އަންނަ ވާހަކަ ޕްރަބާ ވަނީ އޭނާގެ ފިރިމީހާ ކައިރީީގައި ބުނެފައެވެ.

ގެއަށް ދާން ދިޔަ ޕްރަބާގެ ކަރަށް އެކިފަހަރުމަތިން ވަޅިހަރައި އޭނާ މަރާލާފައިވަނީ އޭނާގެ ގެއާގައި ގާތްގަނޑަކަށް 300 އެއްހާ މީޓަރު ދުރުގައި ހުއްޓައެވެ.

ޕްރަބާއަށް ހަމަލާދީނުމަށްފަހު މަގުމައްޗަށް އެއްލައިލާފައި އޮއްވާ އެ ޕާކުތެރެއިން ދިޔަ މީހަކަށް ފެނިގެން އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ހޮސްޕިޓަލަށް ގެންދިޔަތާ މާ ގިނައިރުތަކެއް ނުވެ، އޭނާ މަރުވެފައިވަނީ ހަށިގަނޑުން ގިނަ އަދަދަކަށް ލޭ ބޭރުވުމުގެ ސަބަބުންނެވެ.

ދަ ހިންދޫއަށް މަޢުލޫމާތުދެމުން ޕްރަބާގެ ޅިޔަނު، ތްރިޖޭޝް ޖަޔާޗަންދްރާ ބުނީ ޕްރަބާއަށް ހަމަލާދީފައިވަނީ މީހަކު ޕްރަބާއަށް ފާރަލަމުންދާކަށް ފިރިމީހާކައިރީ ބުނިތާ އިރުކޮޅެއް ތެރޭގައި ކަމަށެވެ.

"ދެން (ފިރިމީހާއަށް ފޯނުން) އިވުނީ ޕްރަބާ ހަޅޭލަވައިގެންފައި އަނިޔާ ނުކުރުމަށް އަދޭސް ކުރި އަޑު. އޭނާ ވަނީ އޭނާއަށް އަނިޔާ ނުކޮށް، އޭނާ އަތުގައި ހުރި ހުރިހާ އެއްޗެއް ގެންދިޔަސް މައްސަލައެއް ނެތްކަމަށްވެސް ބުނެފަ. އޭގެ ސިކުންތުކޮޅެއް ފަހުން އިވުނީ ތިމަންނާ ގަޔަށް ވަޅި ޖަހައިފިއޭ ބުނި އަޑު" ތްރިޖޭޝް ބުނެފައިވެއެވެ.

ޕްރަބާ ޕާކުތެރެއަށް ވަންނަން ހިނގާފައިދާ މަންޒަރު ހިމެނޭ ސީސީޓީވީ ފުޓޭޖެއް ފުލުހުންނަށް މިހާރު ލިބިފައިވާއިރު، ފުލުހުން ވަނީ މި ހަމަލާ ވަރަށް ބިރުވެރި ހަމަލާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ނިއު ސައުތު ވޭލްސްގެ ހޯމިސައިޑް ސްކުއަޑްގެ ކޮމާންޑަރ މައިކަލް ވިލިންގް ވިދާޅުވީ ޕްރަބާއަށް ދިން ހަމަލާއަކީ ނަސްލީ ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށާއި ނަމަވެސް ހުރިހާ އޭންގަލްއަކުންވެސް މި މައްސަލަ ބައްލަވަމުން ގެންދަވާ ކަމަށެވެ.

އައިޓީ ދާއިރާގައި މަސައްކަތްކުރާ އުމުރުން 41 އަހަރުގެ ޕަރަބާ މަރާލިއިރު އޭނާ ދިޔައީ އަންނަ އޭޕްރީލްމަހު، އޭނާގެ 9 އަހަރުގެ ދަރިފުޅުކައިރިއަށް އެނބުރި އިންޑިއާއަށް ދާން ތައްޔާރުވަމުންނެވެ.

2 ކޮމެންޓް

  1. މީ 2015 ގަ ހިނގާފައިވާ ކަމެއް. މި ގޮތަށް މި ހަބަރު ޖެހުމުން ވަރަށް އޮޅުން އަރާ. ދިވެހި ނޫސްވެރިކަމުގެ އިތުބާރު ގެއްލެނީ މިކަހަލަ ކަންތައް ކުރާތީ. އަދިވެސް ކުށް ގަބޫލު ނުކޮށް ކިޔުންތެރިންގެ ހިޔާލުގަ މީހަކު ރަނގަޅަށް ކިޔާ ދިނީމަވެސް ރަނގަޅު ކުރާކަން ހިތަކެއް ނާރާ.

  2. މިއީ މިއަހަރު ވަރަށް ކުރީކޮޅު ވީ ކަމެއް... އަހަރެން ހުރީ އޭރު އޮސްޓްރޭލިޔާގަ