ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އުމުރަކީ އުޒުރެއް ނޫންކަން ބަތަލާ އަހާނާ ކުމްރާގެ މަންމަ ސާބިތުކޮށްދީފިއެވެ. އެތައް ބަޔަކަށް މިސާލު ދައްކައިދޭ މި ވާހަކަ އަހާނާ ކުމްރާ ހިއްސާކޮށްފައިވަނީ އިންސްޓަގުރާމުގައި ކޮށްފައިވާ ޕޯސްޓަކުންނެވެ.

އަހާނާގެ މަންމަ ސުރޭސް ކުމްރާ މީގެ 34 އަހަރު ކުރިން ފެށިގެން ލަކްނަވްގެ ކެއިސަރު ބާރގް ކޮޓްވާލީގައި ފުލުސް އޮފިސަރެއްގެ ގޮތުގައި ސީބީއައިގައި މަސައްކަތްކޮށް ގައުމަށް އަގުހުރި ޚިދުމަތްކޮށްދީ، އެތައް ޕްރޯމަޝެއް ހާސިލްކޮށް، ރައީސް ދެއްވާ މެޑަލް ވެސް ލިބިފައިވާކަމަށް އަހާނާގެ ޕޯސްޓުގައިވެއެވެ.

އިތުރަށް އޭނާގެ މަންމަގެ ވާހަކަތައް ހިއްސާކުރަމުން ބުނެފައިވަނީ އޭނާގެ މަންމަ ރިޓަޔާވެގެން ގެއަށް އައުމުން އެންމެން ވެސް ހީކުރީ އެ ހިސާބުން އޭނާގެ ކެރިއަރ ނިމުނީކަމަށެވެ. ނަމަވެސް އަހާނާގެ މަންމައާއި ބައްޕަ އެގޮތް ބޭނުމެއް ނުވިއެވެ. ގޭގައި އަތް އުރައިލައިގެން ޓީވީ ބަލަން އިންނަން އޭނާގެ މަންމަ ބޭނުން ނުވުމުން މިސްރާބު އެހެން ދިމާއަކަށް ބަދަލުކޮށްލީކަމަށް ވެސް އަހާނާ ބުނެފައިވެއެވެ.

ޕޮލިސް ވަޒީފާގައި ގާތްގަނޑަކަށް 40 އަހަރު ޚިދުމަތް ކުރުމަށްފަހު، ގާނޫނީ ރޮނގުން ކުރިޔަށް ދިޔުމަށް ކިޔަވަން ފެށީއެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތަށްފަހު އެލްއެލްބީ އިމްތިހާނުގައި ބައިވެރިވެ މިއަދު މިވަނީ 90 އިންސައްތައިގެ ނަތީޖާއަކުން ސަނަދު ހާސިލުކޮށްފައިކަމަށް ވެސް އަހާނާ ފާހަގަކޮށްފައިވެއެވެ.

ފުލުހެއްގެ ވަޒީފާއިން ގާނޫނީ ދާއިރާއަށް، އުމުރުން 68 އަހަރުގައި ބަދަލުވުމަކީ ފަސޭހަކަމެއް ނޫންނަކަމަށާއި އޭނާގެ މަންމަގެ މި ހިތްވަރުގަދަ އަމަލުން އޭނާ ''އިންސްޕަޔާރ''ވެފައިވާކަމަށް ވެސް ފަޚުރުވެރިކަމާއިއެކު އަހާނާ ބުނެފައިވެއެވެ. އަދި އިތުރު ''އިންސްޕަރޭޝަން''އެއް އޭނާ ބޭނުންނުވާކަމަށް ވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު