ބޮލީވުޑު އިންޑަސްޓްރީގެ ޑުރަގު މައްސަލައިގައި ދެ ފަހަރަށް އެންސީބީއަށް ހާޟިރު ކޮށްފައިވާ ފިލުމީ ތަރި އަރުޖުން ރާމްޕާލްގެ ދައްތަ ކޯމަލް ރާމްޕާލް ވެސް ޑުރަގުގެ މައްސަލައެއްގައި އެންސީބީއަށް ހާޟިރުވުމަށް އަންގައިފިއެވެ.

އަރުޖުން ރާމްޕާލް ވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވެސް ދެވަނަ ފަހަރަށް ތަހުގީގަށް އެންސީބީއަށް ހާޟިރުވެފައެވެ. މީގެ މަހެއްހާ ދުވަސް ކުރިން ވަނީ އަރުޖުންގެ ލޯބިވެރިޔާ ގެބްރިއެއްލާ ޑެމެޓްރިއެޑްސް ވެސް އެންސީބީއަށް ހާޟިރު ކޮށްފައެވެ.

ޑުރަގުގެ މައްސަލައެއްގައި އަރުޖުން ރާމްޕާލްގެ ދައްތަ ކޯމަލް ރާމްޕާލް މުމްބާއީގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއަށް މިއަދު ހާޟިރުވުމަށް އަންގާފައިވާ ކަމަށް އޭޝިއަން ނިއުސް އިންޓަނެޝަނަލް (އޭއެންއައި) އިން ކޮށްފައިވާ ޓްވީޓެއްގައިވެއެވެ.

އަރުޖުން ރާމްޕާލްގެ ގެ ބަލައި ފާސްކުރުމަށްފަހު ހުއްދަނޫން ބޭސްތަކެއް ފެނުމުން އެންސީބީއަށް ހާޟިރު ކުރުމުން އަރުޖުން ވަނީ ޑޮކްޓަރު ލިޔެދީފައިވާ ބޭސް ސިޓީ ވެސް ދައްކާފައެވެ. ނަމަވެސް އެންސީބީއިން ބުނެފައިވަނީ އެއީ މާ ކުރީގެ ބޭސް ސިޓީއެއް ކަމަށެވެ.

ދެވަނަ ފަހަރަށް އެންސީބީއަށް ހާޟިރު ވުމަށްފަހު ނޫސްވެރިންނާ ބައްދަލުކޮށް އަރުޖުން ބުނެފައިވަނީ ކުރަން ނުޖެހޭ އެއްވެސް ކަމެއް ނުކުރާ ކަމަށާއި އެކްޓަރެއްގެ ހައިޞިއްޔަތުންނާއި ބައްޕައެއްގެ ހައިޞިއްޔަތުންނާއި އަދި ރައްޔިތެއްގެ ހައިޞިއްޔަތުން އޭނާގެ ޒިންމާ ހަނދާން ހުރި ކަމަށާއި އެ ޒިންމާ އަދާކުރާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އައު އަހަރު ފުރުމުގެ ތަހުނިޔާއާއި އެކު އަރުޖުން ބުނެފައިވަނީ ޑުރަގުގެ މައްސަލައިގައި އޭނާގެ ގާތް ރަހުމަތްތެރިންގެ ތެރެއިން ގިނަ ބަޔަކު އޭނާއާއި ދުރަށް ގޮސްފައިވާ ކަމަށެވެ.