ހައްދުފަހަނައަޅާފައިވާ އިސްރާއިލްގެ ޔަހޫދީ ދައުލަތާއި ގުޅުން ޤާއިމްކުރަން އަރަބި 90 އިންސައްތަ ޤައުމުތަކުން ނޭދޭކަން ސާވޭއަކުން ހާމަވެއްޖެ އެވެ.

މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ބައެއް ޤައުމުތަކުގައި ހަރަކާތްތެރިވާ 28000 އަށްވުރެ ގިނަ އޮފިޝަލުން ބައިވެރިކޮށްގެން ކުރިޔަށްގެންދިޔަ މި ސާވޭއިން ހާމަވެފައިވާ ގޮތުން އޭގެތެރެއިން އިސްރާއިލް އާއެކު ހާރިޖީ ގުޅުން ޤާއިމްކުރަން ޝަޢުޤުވެރިވީ 6 އިންސައްތަ ފަރާތަކުންނެވެ. އަދި ސާވޭގެ 88 އިންސައްތަ ބައިވެރިން ވަނީ އިސްރާއިލްއާމެދު ނުރުހުން ފާޅުކޮށްފައެވެ.

މި ސާވޭ ކުރިޔަސް ގެންގޮސްފައި މިވަނީ އިސްރާއިލް އިން އަރަބި ޤައުމުތަކާއި ގުޅުން ޤާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން ބައެއް ޤައުމުތަކަށް އިސްރާއިލް އިން ހުށަހެޅުންތައް ހުށަހަޅަމުންދާއިރު، އޭގެތެރެއިން ބައެއް ޤައުމުތަކުން އެއްބަސްވުން ޤަބޫލުނުކުރަން ނިންމާފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ.

އަރަބި ގިނަ ޤައުމުތަކުން އިސްރާއިލް އާއި ގުޅުން ޤާއިމްކުރަން ބޭނުން ނުވަނީ، އިސްރާއިލް އިން ފަލަސްތީނުގެ ބިންތައް ފޭރިގަނެ، މުސްލިމުންނާއި މެދު އަމަލުކުރަމުންދާ އަނިޔާވެރި ގޮތުގެ ސަބަބުން ކަމަށް ސާވޭގައި އެއްކޮށްފައިވާ މަޢުލޫމާތުތަކުން ވަނީ ހާމަވެފައެވެ.

އިސްރާއިލް އިން އަރަބި ޤައުމުތަކާއި ގުޅުން ބަދަހިކުރަން މަސައްކަތް ކުރަމުން ދަނީ ފަލަސްތީނުގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނި އަމަލުތައް ފޮރުވައި މެދުއިރުމަތިން ފަލަސްތީނު ބާކީކޮށްލުމުގެ މަޤުސަދުގައެވެ. އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާއަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ މިފަދަ މޭރުމަކުން ވާހަކަ ދައްކައި ފަލަސްތީނުގެ މުސްލިމުންނަށް އިންޒާރު ދީފައެވެ.

އިސްރާއިލް އިން ދާދިފަހުން ވަނީ ޔޫއޭއީއާއި ޔޫއޭއީ އާއި ބަހްރެއިން އާއެކު ހާރިޖީ ގުޅުން ޤާއިމްކޮށްފައެވެ. މިއާއެކު އިސްރާއިލް އިން ހާރިޖީ ގުޅުން ޤާއިމްކޮށްފައިވާ އަރަބި ޤައުމުތަކުގެ އަދަދު މިހާރު ވަނީ ހަތަރަކަށް އަރާފައެވެ. މީގެ ކުރިން އިސްރާއިލް އިން ގުޅުން ޤާއިމްކޮށްފައިވާ އަރަބި ޤައުމުތަކުގެ ތެރޭގައި ހިމެނެނީ މިސްރާއި އުރުދުން އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ލަގޮނޑީގައި ނާށިލާފައި ތިބި ޢަރަބި ވެރިން ތިކަމާ އުޅެނީ! އިސްލާމީ ޤައުމުތަކުގެ ރައްޔިތުން ދެކޮޅު. އިސްރާޢީލާ އެންމެ އެކުލަވަނީ މިސްރު. އެ ޤައުމުގައިވެސް ޢާންމުން އެކަމާ ދެކޮޅު!

    11
    1